ފިލްމީ ދާއިރާއާ ގުޅޭ މަސައްކަތްތައް ނިމުމުން އެ ކަންކަމާ މެދު މާ ބޮޑަށް ވިސްނާ މާ ބުރަކޮށް މަސައްކަތް ކުރުމަކީ މިހާރު އެހާ ކުރާހިތްވާ ކަންކަން ނޫންކަމަށް ބޮލީވުޑް އެކްޓަރު ޝާހްރުކް ޚާން ބުނެފިއެވެ.
މުމްބާއީގައި މިހާރު ކުރިއަށްދާ ވޭވްސް ސަމިޓް 2025ގައި "ދަ ޖާނީ: ފްރޮމް އައުޓްސައިޑާ ޓު ރޫލާ" މި މައުޟޫއަށް ކުރިއަށްގެންދިޔަ ޕެނަލް ބައްދަލުވުމެއްގައި ޝާހު ބުނެފައިވަނީ ފިލްމު ސެޓުގެ މަސައްކަތް ނިމުމަށް ފަހު އޭނާ ލޯބިކުރަނީ އަމިއްލަ ނަފުސަށް ވަގުތު ދިނުމަށް ކަމަށާއި އެގޮތުން އެކްޓަރު ހުންނަނީ މެޑިޓޭޓިވް ހާލަތެއްގައި ކަމަށެވެ.
މި ސަމިޓުގައި ވާހަކަދައްކަމުން ޝާހު ވަނީ ފިލްމު އިންޑަސްޓްރީއަށް އިތުރު ކުރިއެރުން ލިބޭނެ ގޮތްތަކާ އެކު ފިލްމު ބަލަން އަންނަ އޯޑިއަންސް އިތުރުކުރުމަށް ކުރެވިދާނެ ކަންކަމާ މެދު މަޝްވަރާތަކެއް ކޮށްފައެވެ.

ޝާހު އަދި ބަތަލާ ދިޕިކާ ޕަދުކޯން ވޭވްސް ސަމިޓްގެ ޕެނަލް ބައްދަލުވުމުގައި--ފޮޓޯ/ޕިންކްވިލާ
އެގޮތުން, އިންޑިއާގައި ފިލްމު އަޅުވާނެ ތިއޭޓަރުތައް އަދިވެސް މަދު ކަމަށާއި އާދައިގެ ކުދި އަވަށްތަކުގައި ކުދި ތިއޭޓަރުތައް ގާއިމުކުރުން މުހިންމު ކަމަށް ޝާހު ވަނީ ބުނެފައެވެ.
އެފަދަ ކުދި ތިއޭޓަރުތައް މާބޮޑު ޚަރަދަކާ ނުލާ ހިންގޭނެ ކަމަށާއި އޭގެ ސަބަބުން ހެޔޮ އަގުގައި ފިލްމު ބަލަން ވަންނަ މީހުންގެ އަދަދު އިތުރުވެ އިންޑިއާގެ ކޮންމެ ހިސާބެއްގައި އުޅޭ މީހަކަށް ވެސް އިންޑިއާގެ ފިލްމެއް ބަލާލުމުގެ ފުރުސަތު ފަހިވާނެ ކަމަށް އެކްޓަރު ވަނީ ބުނެފައެވެ.
ހަމައެއާއެކު މިހާރު ކުރިއަށްދާ ވޭވްސް ސަމިޓްގެ އެހީގައި ބޭރުގެ ޤައުމުތަކުން އިންޑިއާގައި ފިލްމުތައް ޝޫޓުކުރުމަށް އަންނަ މީހުންނަށް މިހާރަށްވުރެ ފަސޭހަ ގޮތަކަށް އެ މީހުންގެ މަސައްކަތްތައް ކުރިއަށް ގެންދޭވެނެ ގޮތްތައް މަގުފަހިވާނެ ކަމަށް އުންމީދުކުރާ ކަމަށް"ޕަތާން"ގެ އެކްޓަރު ވަނީ ބުނެފައެވެ.
ޝާހުގެ ޅައިރުގެ ހަނދާންތައް އާކުރަމުން އެކްޓަރު ބުނެފައިވަނީ، ޒުވާން ދުވަސްވަރު އޭނާއަކީ ވަރަށް ޖެހިލުން ކުޑަ މީހެއް ކަމަށާއި ދިރިއުޅުމުގެ ވަރަށް ގިނަ ކަންކަން ނިންމާފައިވަނީ އެއްވެސް ޖެހިލުމެއް ނެތި ކަމަށެވެ.
މިއަދު ފިލްމު އިންޑަސްޓްރީގައި ހުރި މަގާމަށް އާދެވުނީ ޅައިރު ނިންމި ނިންމުންތަކުގެ ސަބަބުން ކަމަށާއި އެކަމަށް އަމިއްލަ ނަފުސަށް ޝުކުރު އަދާކުރާ ކަމަށެވެ. ޝާހާ އެކު މި ޕެނަލް ބައްދަލުވުމުގައި ބައިވެރިވީ ބަތަލާ ދިޕިކާ ޕަދުކޯން އަދި ޝާހުގެ ގާތް ރަހްމަތްތެރިއެއް ކަމަށްވާ ޑައިރެކްޓަރު ކަރަން ޖޯހަރެވެ.