ނިދަން އޮންނައިރު ހަޔާތުގެ ބައިވެރިޔާ ގުގުރި ދަމާ އަޑު އިވޭތީ އުނދަގޫވޭ ހެއްޔެވެ؟ ނުވަތަ ތިމާއަށް ނިދީގައި ގުގުރި ދެމޭތީ އެހެން މީހުންގެ ފަރާތުން ޝަކުވާ އާދޭ ހެއްޔެވެ؟
ދުޅަހެޔޮ ސިއްހަތަކަށް ހަށިގަނޑަށް ފުރިހަމަ ނިދި ބޭނުންވާއިރު ތިމާ އަމިއްލައަށް ގުގުރި ދަމާނަމަ ނުވަތަ ބައިވެރިޔާއަކީ ގުގުރި ދަމާ މީހެއް ނަމަ ހަމަޖެހިލައިގެން އަރާމުކޮށް ނިދާލުމަކީ ފަސޭހަކަމަކަށް ނުވެދާނެއެވެ.
އާއްމުކޮށް ގުގުރި ދެމުމަށް މެދުވެރި ވަނީ ނިދީގައި އަނގައިން ނޭވާލުމަށް މަގުފަހިވެ ކަރަށް އުފުލަންޖެހޭ ބުރަބޮޑުވުމުގެ ސަބަބުންނެވެ. މީގެ ސަބަބަކަށް ވަނީ ކަރުތެރޭގައި ހަމައަކަށް އެޅިފައިވާ ޓިޝޫތައް ވައިބްރޭޓްވުމުގެ ސަބަބުން އަނގައިން ނޭވާލާއިރު އަޑު ބާރު ވުމެވެ.

ގުގުރި ދެމުމުގެ މައްސަލަ ކުރިމަތިވާނަމަ ސިއްހީ މާހިރެއްގެ އިރުޝާދާ އެކު އެކަމަށް ގޭގައި ހައްލު ހޯދިދާނެ ކަންކަމަށް ސަމާލުކަން ދިނުން މުހިއްމު--ފޮޓޯ/ސްނޯއެމްޑީ
އާއްމުކޮށް ގުގުރިދަމާ ނަމަ އެކަމާ ފަރުވާ ކުޑަ ނުކޮށް ސިއްހީ މާހިރެއްގެ އިރުޝާދު ހޯދުމަކީ މުހިއްމު ކަމެއް ކަމަށް އެމެރިކާގެ ސެން އެންތޯނިއޯ މިލިޓަރީ މެޑިކަލް ސެންޓަރުގެ ޑރ. ނިކް ވިލާލޮބޮސް ވަނީ ވިދާޅުވެފައެވެ. ޑރ.ނިކް ވިލާލޮބޮސް އަކީ މި ސެންޓަރުގެ ޔުނިފޯމްޑް ސަވިސަސް ޔުނިވަސިޓީގައި އެސިސްޓެންޓް ޕްރޮފެސަރެއްގެ ގޮތުގައި ވެސް މަސައްކަތް ކުރަމުން އަންނަ ބޭފުޅެކެވެ.
ގުގުރި ދެމުމަކީ އާދައިގެ ކަމެއްގެ ގޮތުގައި ބެލެވުނު ނަމަވެސް އެއީ ސިއްހީ މައްސަލައަކާ ގުޅިގެން ދިމާވާ ކަމަކަށްވުން އެކަށީގެންވާ ކަމަށާއި އޭގެތެރޭގައި މިހާރަކަށް އައިސް ގިނަ ބަޔަކަށް ދިމާވާ އޮބްސްޓްރަކްޓިވް ސްލީޕް އެޕްނިއާ (އޯސާ) ހިމެނޭ ކަމަށް ޑރ. ނިކް ވިލާލޮބޮސް ވަނީ ވިދާޅުވެފައެވެ.
ނިދުމުގައި ގެންގުޅެވޭ އާދަތަކުގެ ސަބަބުން ގުގުރި ދަމާނަމަ އެކަމަށް ގޭގައި ދެވިދާނެ ފަރުވާތަކާ އެކު ސަމާލުކަން ދެވިދާނެ ކަންކަން އެބަހުރި ކަމަށް ޑރ. ނިކް ވިލާލޮބޮސް ވިދާޅުވިއެވެ. އޭގެ ތެރޭގައި، އުއްޑުން އޮވެ ނިދުމުގެ ބަދަލުގައި އެއްފަރާތަކަށް އޮވެ ނިދުމަށް ސަމާލުކަން ދިނުން ހިމެނެއެވެ.
ހަމައެއާއެކު ހަތް ގަޑިއިރާއި ނުވަ ގަޑީއިރުގެ ނިދި ހަށިގަނޑަށް ހޯދައި ދިނުން، ނިދަން އޮންނަ އެނދުގެ ބޯލާކޮޅު ކޮންމެވެސް ވަރަކަށް އުސްކޮށްލުން، ނަސަލް ސްޓްރައިޕްސް ބޭނުންކުރުން، ދުންފަތުގެ އިސްތިއުމާލު ކުރުމާ ދުރުހެލިވުން، ބަރުދަން ލުއިކުރުމަށް މަސައްކަތް ކުރުން އަދި އެކިކަހަލަ އެލާޖީ މައްސަލަތައް ހުންނަނަމަ އެކަމަށް ފަރުވާ ކުރުން ހިމެނެއެވެ.
މި ކަންކަމާ އެކު ވެސް ގުގުރި ދެމުމުގެ މަސައްލަ ހައްލު ނުވެއްޖެ ނަމަ ސިއްހީ މާހިރެއްގެ އެހީ މިކަމުގައި ހޯދުމަކީ އެންމެ ރައްކާތެރި ގޮތް ކަމަށް ޑރ. ނިކް ވިލާލޮބޮސް ވަނީ ވިދާޅުވެފައެވެ. ސަބަބަކީ ގުގުރި ދެމުމަކީ އުމުރުގެ ވަކި ހިސާބަކުން ކޮންމެ މީހަކު ވެސް ތަޖުރިބާ ކުރާ ކަމެއް ކަމުގައިވާތީއެވެ.