މިދިޔަ މަހުގެ 18 ވަނަ ދުވަހު ހައްވާ ޔުމްނު ރަޝީދު ހ. ފެންޓެނޯއީ ގެއިން ވެއްޓުނު މައްސަލައިގައި ޒުވާނުން ސިލްސިލާކޮށް ކޮންމެ ރެއަކު ކުރާ މުޒާހަރާއަށް މިރޭ އެސްއޯ ފުލުހުން ވަދެ ޕެޕާ ސްޕްރޭ ޖަހައި ބަޔަކު ހައްޔަރުކޮށްފިއެވެ.
ޔުމްނުގެ މައްސަލައިގައި ސަރުކާރުން އަމަލުކުރި ގޮތާމެދު ހިތްހަމަނުޖެހޭތީ ޒުވާނުން އަންނަނީ ސިލްސިލާ މުޒާހަރާތަކެއް ކުރަމުންނެވެ.

ޒުވާނުންގެ މުޒާހަރާ ތެރެއަށް ފުލުހުން ވަނުން ----
މިރޭގެ މުޒަހަރާގެ ތެރެއިން ޒުވާނުން ވަނީ މިއުޒިކާއި ޓޭބަލް ޓެނިސް ވެސް ކުޅެފައެވެ. އެކަން ކުރަމުން ދަނިކޮށް ގިނަ އަދަދެއްގެ އެސްއޯ ފުލުހުން ވަނީ މުޒާހަރާ ތެރެއަށް ވަދެ ޕެޕާ ސްޕްރާ ޖަހައިފައެވެ.
އެ ހިސާބުން ޒުވާނުންގެ މުޒާހަރާ ހޫނުވެ، ފުލުހުންނާ ކުރިމަތިލުންތަކެއް ދިޔައެވެ. އެ ކަންތައްތަކުގެ ތެރެއިން ދެ މީހަކު ފުލުހުން ހައްޔަރުކުރިއެވެ.
ބަޔަކު ހައްޔަރުކުރުމާ އެކު، މުޒަހާރާގެ ބައިވެރިން ވަނީ "ކުށެއް ނެތް މައުސޫމު" ޒުވާނުންތައް ދޫކޮށްލުމަށް ގޮވައިލައިފައެވެ. އަދި، ޒުވާނުންނާ ނުކުޅެވޭނެ ކަމަށާއި ރައީސް ޑރ. މުޙައްމަދު މުއިއްޒު އިސްތިއުފާ ދިނުމަށް ވެސް ވަނީ ގޮވައިލައިފައެވެ.
އޭގެފަހުން، އިތުރަށް މުޒާހަރާގެ މަޝްރަހު ގޯސްވެ، ފުލުހުން ވަނީ ބެރިކޭޑު ވެސް ޖަހައިފައެވެ. އަދި ޒުވާނުން އައީ "ވެރިކަން ވެއްޓިދާނެ" ކަމަށް ބުނެ ވެސް އަޑުއުފުލަމުންނެވެ.
ޔުމްނު ވެއްޓިފައި އޮއްވައި ފެނުނު މައްސަލަ ތަހުގީގު ކުރުމަށް ރައީސް ޑރ. މުޙައްމަދު ވަނީ ރިޔާސީ ކޮމިޝަނެއް އުފައްދަވާފައެވެ. އެ ކޮމިޝަންގައި ޑރ. މުޙައްމަދު މުނައްވަރު އިތުރުން، ޑރ. މޫސާ މުރާދާއި ސިއްހީ ދާއިރާގެ އިތުރު ބޭފުޅެއް ކަމަށްވާ ޖަބީން މުޙައްމަދާއި އެޗްއާރުސީއެމްގެ ކުރީގެ ރައީސް އާމިނަތު އީނާސް ހިމެނިވަޑައިގަންނަވައެވެ.