މަސައްކަތްތެރިންގެ ހައްގުގައި އަޑުއުފުލައި، ޔޫނިއަންތައް ގުޅިގެން މާލޭގައި މިއަދު ހިނގާލުމެއް ބާއްވައިފިއެވެ.
މިއަދު ފާހަގަކުރާ 'މޭ ޑޭ'ގެ މުނާސަބަތުގައި ހިނގާލުމެއް ބާއްވަން ފުލުހުން ފުރަތަމަ ހުއްދަ ދިނީ މަޖީދީމަގުން އެއް ލޭނެއްގައި އާޓިފިޝަލް ބީޗުން ރަސްފަންނާ ހަމައަށް ކުރިއަށް ގެންދިޔުމަށެވެ.
ނަމަވެސް، ހިނގާލުން ފެށިތާ އިރުކޮޅެއް ނުވަނީސް ފުލުހުން ވަނީ ނިންމުން ބަދަލުކޮށް، އެކަން ސިޓީއަކުން އަންގާފައެވެ. އެ ސިޓީގައި އަންގާފައި ވަނީ، ރަސްފަންނުން ފެށީގެން އަމީނީމަގުން ހިނގާލުން ކުރިއަށް ގެންދިޔުމަށެވެ.
އެހެންވެ، ހިނގާލުން އިންތިޒާމު ކުރި ޔޫނިއަންތަކާ ފުލުހުންނާ ދެމެދު މައްސަލަ ހޫނުވެ ކުރިމަތިލުންތަކެއް ހިނގިއެވެ. އަދި، މަޖީދީމަގުން ހިނގާލުން ކުރިއަށް ނުގެންދެވޭ ހެން ފުލުހުން ބެރިކޭޑު ވެސް ޖެހިއެވެ.
އެކަމަކު، ހިނގާލުމުގެ ބައިވެރިން ފަހުން ވަނީ ރަސްފަންނުން ފަށައިގެން އަމީނީ މަގުން ކުރިއަށް ގެންގޮސްފައެވެ. އެ ހިނގާލުމުގައި ގިނަ އަދަދެއްގެ މީހުން ބައިވެރިވެފައިވާއިރު، މަސައްކަތެރިންގެ ހައްގުތަކަށް ހުރަސް ނޭޅުމަށް ވަނީ އަޑުއުފުލާފައެވެ.
އޭގެތެރޭގައި، އެކި ދާއިރާތަކާ ގުޅޭ މަސައްކަތްތެރިންގެ ހައްގުތަކާ ގުޅޭ ޕޯސްޓަރުތައް ވެސް މިހިނގާލުމުގައި ބޭނުންކޮށްފައިވެއެވެ.