ޑުރަގު ވިޔަފާރިން ހޯދި ކަމަށް ބެލެވޭ 40،000 ރުފިޔާއާއެކު 2 މީހުން ހައްޔަރުކޮށްފި

މައްސަލައިގައި ހައްޔަރުކުރި ދެ މީހުން: އެ މީހުންގެ އަތުން 40،000އަށް ވުރެ ގިނަ ރުފިޔާ ފެނިފައިވޭ -- ފޮޓޯ/ ފުލުހުން

މަސްތުވާތަކެތީގެ ވިޔަފާރިކޮށްގެން ހޯދި ކަމަށް ބެލެވޭ 40،000 އަށް ވުރެ ގިނަ ރުފިޔާއާ އެކު ހުޅުމާލެއިން ދެ މީހަކު ރޭ ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ, ހުޅުމާލެ ސްޕެޝަލް އެންފޯސްމަންޓް ޓީމާއި ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ރޭ ހިންގި އޮޕަރޭޝަނެއްގައި ދެ މީހަކު ހައްޔަރުކުރީ ކޯޓު އަމުރެއްގެ ދަށުން ކަމަށެވެ.

އެ މީހުން ހައްޔަރުކުރީ 6:52 އެހައިކަންހާއިރު ހުޅުމާލޭގެ ހުވަނދުމާ ހިނގުމުން ސައިކަލެއްގައި ދަނިކޮށް، ހުއްޓުވުމަށް ފަހު ކަމަށް ފުލުހުން ބުންޏެވެ. އެއީ، ހމ. ފްލެޓް ނަންބަރު 04-ޖީ-10 / މާލެ، ޢަލީ ޢަބްދުﷲ (48އ) އާއި އުނިމާގެ / ދ. ކުޑަހުވަދޫ، އަމާނަތު ޖަލީލް (28އ) އެވެ.

މައްސަލައިގައި ފެނުނު ފައިސާ: އެ މީހުން އެ ފައިސާ ހޯދީ މަސްތުވާތަކެތީގެ ވިޔަފާރިން ކަމަށް ފުލުހުން ތުހުމަތު ކުރޭ -- ފޮޓޯ/ ފުލުހުން

އެ މީހުން ހައްޔަރުކޮށް، އެ ދެ މީހުންނާއި އެ މީހުން ދިރިއުޅޭ އެޕާޓްމަންޓު ބަލައި ފާސްކުރިއިރު ފެނުނު ތަކެތީގެ ތެރޭގައި މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި އަށް ޕެކެޓާއި މަނާ ބޭސް ކަމަށް ޝައްކުކުރެވޭ 23 ގުޅަ ހިމެނޭ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ، އެ ދެ މީހުންގެ އަތުން ޖުމުލަ 40,515 ދިވެހި ރުފިޔާއާއި 136 އެމެރިކާ ޑޮލަރު ފެނިފައިވާ ކަމަށެވެ. އެ ފައިސާއަކީ މަސްތުވާތަކެތީގެ ވިޔަފާރިކޮށްގެން ހޯދާފައިވާ ފައިސާކަމަށް ތުހުމަތުކުރެވޭތީ، އެ ފައިސާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް އެ މުއައްސަސާއިން ފާހަގަކުރިއެވެ.

އެ މައްސަލަ ފުލުހުން ގެންދަނީ ތަހުގީގުކުރަމުންނެވެ.

ރާއްޖެއަށް ދިމާވެފައިވާ އެންމެ ބޮޑު އިޖުތިމާއީ އެއް މައްސަލައަކީ މަސްތުވާތަކެތި ބޭނުންކުރުން ކަމަށްވާއިރު، މިދިޔަ އަހަރު މަސްތުވާތަކެއްޗާ ގުޅުންހުރި 1,674 މައްސަލައެއް ފުލުހަށް ރިޕޯޓުކޮށްފައިވެއެވެ. މި އަހަރުގެ މިހާތަނަށް އެފަދަ 544 މައްސަލަ ހުށަހަޅައިފައިވާ ކަމަށް ތަފާސްހިސާބުން ދައްކައެވެ.

comment ކޮމެންޓް