އެންމެ އަގުބޮޑު ކުއާޒޯ ދި މެންގްރޫވް އައިލެންޑް ފުޓްބޯލް ޗެމްޕިއަންޝިޕް 2025 ނިންމާލައިފި

ކުއާޒޯ ދި މެންގްރޫވް އައިލެންޑް ފުޓްބޯލް ޗެމްޕިއަންޝިޕް ނިންމުމުގެ ތެރެއިން --- ސަން ފޮޓޯ

ކުއާޒޯ ދި މެންގްރޫވް އައިލެންޑް ފުޓްބޯލް ޗެމްޕިއަންޝިޕް 2025 ގެ ނިންމުމުގެ ރަސްމިޔާތު މިރޭ ބާއްވާއިފިއެވެ.

މި ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވާފައިވަނީ ސަން ސިޔާމް ގްރޫޕް އޮފް ކޮމްޕެނީސްގެ ޗެއާމަން އަދި މެނޭޖިންގް ޑިރެކްޓަރު، އަޙުމަދު ސިޔާމް މުޙައްމަދެވެ.

ނިންމުމުގެ ރަސްމިއްޔާތުގައި ވަނީ މުބާރާތުގެ އަގު ވަޒަންކޮށް ރެފްރީކަން ކޮށްދެއްވާފައިވާ ފަރާތްތަކަށް މެޑަލް ހަވާލުކޮށްފައެވެ.

މި މުބާރާތުގައި ރެފްރީކަން ކޮށްދެއްވާފައިވަނީ ފީފާ ކޮލިފައިޑް ރެފްރީންނެވެ.

މުބާރާތުގެ އެކި އެކި ވަނަތައް ހާސިލްކުރެއްވި ފަރާތްތަކަށް ވަނީ އިނާމު ދީފައެވެ. މުބާރާތުގެ އެންމެ މޮޅު ކޯޗަކަށް ހޮވިފައިވަނީ ވިންޑް ވޯރިއޯސް އެސްސީގެ ކޯޗް އަބްދުލް ސަލާމް މުޙައްމަދެވެ.

މުބާރާތުގެ އެންމެ މޮޅު ގޯލް ކީޕަރަކަށް ހޮވިފައިވަނީ ވިންޑް ވޯރިއޯސް އެސްސީގެ ގޯލް ކީޕަރު އަހުމަދު ރަމީޒެވެ. އޭނާއަށް ވަނީ ގޯލްޑެން ގްލޯވް އަރުވާފައެވެ.

މުބާރާތުގެ ޓޮޕް ސްކޯރާއަށް ދެ ކުޅުންތެރިން ވަނީ ހޮވިފައެވެ. އެއީ ވިންޑް ވޯރިއޯސް އެސްސީގެ ޖާރޒީ ނަންބަރު 7 އަބްދުﷲ ޔާމީން (ޔާނު) އާއި، ވިންޑް ވޯރިއޯސް އެސްސީގެ ޖާޒީ ނަންބަރު 10 އަހުމަދު ރިޒުވާން (ރިޒޭ)އެވެ. މި ދެ ކުޅުންތެރިން ވަނީ މުޅި މުބާރާތުގައި ޖުމްލަ ހަތް ގޯލް ޖަހައި ރަން ބޫޓު ހޯދާފައެވެ.

މުބާރާތުގެ އެންމެ އުއްމީދީ ކުޅުންތެރިއަކަށް ހޮވިފައިވަނީ ނައިފަރު ޗެލްސީ އެސްސީގެ ޖާޒީ ނަންބަރު ފަހެއް، އަހުމަދު ޖައުޝަން އަބްދުﷲއެވެ.

މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ނައިފަރު ޗެލްސީ އެސްސީގެ ޖާޒީ ނަންބަރު 22 އިބްރާހިމް ޖިމޯއެވެ.

މީގެ އިތުރުން މި އަހަރުގެ މުބާރަތުގެ ޓައިޓަލް ސްޕޮންސަރު ކުއާޒޯ ޕްރިވޭޓް ލިމިޓެޑްއަށް ވަނީ ހަނދާނީ ފިލާ އަރުވާފައެވެ.

މުބާރާތުގެ ޗެމްޕިއަން ޓީމް، ވިންޑް ވޯރިއޯސް އެސްސީއަށް ވަނީ މެޑައްޔާއި، ތަށީގެ އިތުރުން ފައިސާގެ އިނާމުގެ ގޮތުގައި 150،000 ރުފިޔާ ދީފައެވެ.

އަންނަ އަހަރުގެ "ދި މެންގްރޫވް އައިލެންޑް ފުޓްބޯލް ޗެމްޕިއަންޝިޕް 2026" މުބާރާތުގެ ޓައިޓަލް ސްޕޮންސަރަކަށް ސަންސިޔާމް ގްރޫޕާއެކު ވެސް ވަނީ މިރޭ އެއްބަސްވުމެއްގައި ސޮއި ކޮށްފައެވެ.

މި އެއްބަސްވުމުގައި ސަން ސިޔާމް ގްރޫޕް ގެ ފަރާތުން ސޮއި ކުރެއްވީ ސިޔާމެވެ. އަދި ކެނދިކުޅުދޫ ކައުންސިލްގެ ފަރާތުން ސޮއި ކުރެއްވީ ކެނދިކުޅުދު ކައުންސިލްގެ ރައީސް މުޙައްމަދު ރައޫފެވެ.

މުބާރާތް ނިންމުމުގެ ރަސްމިއްޔާތުގައި ވަހަކަދައްކަވަމުން ކެނދިކުޅުދޫ ކައުންސިލްގެ ރައީސް ރައޫފް ވިދާޅުވީ އަންނަ އަހަރުގެ އޭޕްރީލް މަހު ވެސް މި މުބާރާތް އޮންނާނެ ކަމަށެވެ.

ރައޫފް ވިދާޅުވީ މި މުބާރާތުގެ ފެންވަރު އިތުރަށް ރަނގަޅު ކުރުމުގެ ގޮތުން ގިނަ ގުނަ މަސައްކަތްތަކެއް ކުރައްވާނެ ކަމަށެވެ. އެގޮތުން އަންނަ އަހަރުގެ މުބާރާތުގެ ޗެމްޕިއަން ޓީމަށް ތިންލައްކަ ރުފިޔާގެ ފައިސާގެ އިނާމް ދެއްވާނެކަމަށާއި، ރަނަރަޕް ޓީމަށް އެއްލައްކަ ރުފިޔާގެ ފައިސާގެ އިނާމް ދެއްވާނެކަމަށް ރައޫފް ވަނީ ވިދާޅުވެފައެވެ.

ނިންމުމުގެ ރަސްމިއްޔާތުގައި ސިޔާމް ވިދާޅުވީ، އަންނަ އަހަރުގެ މުބާރާތް ހުރިހާ ގޮތަކުން ވެސް ފުރިހަމަ މުބާރާތަކަށް ހެދުމަށް ޓަކައި ގިނަގުނަ މަސައްކަތްތަކެއް ކޮށްދެއްވާނެ ކަމަށެވެ.

comment ކޮމެންޓް