އަނެއްކާ ވެސް މި ފެށެނީ ސިޔާސީ ފިކުރާހުރެ ވަޒީފާ ގެއްލުމުގެ ސަގާފަތެއް: ސާލިހް

ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސާލިހާއި މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒު: ސާލިހު ވިދާޅުވީ އަނެއްކާ ވެސް މި ފެށެނީ ސިޔާސީ ފިކުރާހުރެ ވަޒީފާ ގެއްލުމުގެ ސަގާފަތެއް ކަމަށް -- ފޮޓޯ/ ރައީސް އޮފީސް

އަނެއްކާ ވެސް ފެށިގެން މި ދަނީ ތިމާ ނިސްބަތްވާ ސިޔާސީ ފިކުރުގެ ސަބަބުން ވަޒީފާގެ ޔަގީންކަން ގެއްލިގެން ދިއުމުގެ ސަގާފަތެއް ކަމަށް ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސާލިހު މިރޭ ވިދާޅުވެއްޖެއެވެ.

ސިޔާސީ ފިކުރަށް ބަލައި ތަފާތުނުކުރާނެކަމަށާއި، ވަޒީފާދީ، ވަކިނުކުރާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މީގެ ކުރިން ތަކުރާރުކޮށް ވިދާޅުވެފައިވެއެވެ.

އެހެން ނަމަވެސް އިދިކޮޅު އެމްޑީޕީއަށް ތާއީދުކުރާ ދެ މީހަކު، އެ މީހުން ވެމްކޯގައި އަދާކުރަމުން އައި ވަޒީފާއިންވަނީ ވަކިކޮށްފައެވެ.

ވަޒީފާއިން ވަކިކުރި އެކަކީ ސ. ހިތަދޫ، ވީނަސްވިލާ މުޙައްމަދު އަފްޒަލެވެ. އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު މިހާރު އައްޑުއަށް ކުރައްވާ ދަތުރުފުޅުގައި، ޝާހިދަށް މަރުހަބާ ކިޔަން ސަފެއްގައި ސަލާން ކުރަން ހުންނަ ފޮޓޯއެއް ވަނީ އާންމުވެފައެވެ.

ދެން ވަޒީފާއިން ވަކިކޮށްފައިވަނީ މެނޭޖަރުކަން ކުރަމުން އައި ސ. ހިތަދޫ، ބޮޑުގަލުގެ މޫސާ މުޙައްމަދެވެ. އޭނާ ވަނީ މިދިޔަ ބުރާސްފަތި ދުވަހު ހިތަދޫގައި އެމްޑީޕީން ބޭއްވި ހަރުގެ ޖަލްސާއެއްގައި ގުރުއާން ކިޔަވައިފައެވެ.

އެމްޑީޕީގެ ހަރަކާތެއްގައި ބައިވެރިވުމުން، މި ދެ މީހުން ވަޒީފާއިން ވަކިކޮށްފައިވާތީ، ސާލިހުވަނީ އެ ކަން ކުށްވެރި ކުރައްވައި، އެ ކަން ހުއްޓައިލުމަށް ސަރުކާރަށް ގޮވާލައްވައިފައެވެ.

ގާނޫނު އަސާސީގެ 30 ވަނަ މާއްދާގެ (ހ) ގެ ދަށުން ސިޔާސީ ޕާޓީތަކުގައި ބައިވެރިވެ ހަރަކާތްތެރި ވުމުގެ ހައްގު، ކޮންމެ ރައްޔިތަކަށް ވެސް ލިބިދީފައިވާއިރު، އަނެއްކާ ވެސް މި ފެށެނީ ތިމާ ނިސްބަތްވާ ސިޔާސީ ފިކުރުގެ ސަބަބުން ވަޒީފާގެ ޔަގީންކަން ގެއްލިގެން ދިއުމުގެ ސަގާފަތެއް ކަމަށް ވިދާޅުވެ، އެ މަނިކުފާނު ކަަންބޮޑުވުން ފާޅު ކުރައްވާފައިވެއެވެ.

https://sun.mv/205448

އެމްޑީޕީން ވަނީ ދެ މީހުން ވަޒީފާއިން ވަކިކުރުމުން އެ ކަން ކުށްވެރިކޮށް ބަޔާނެއް ނެރެފައެވެ. އެ ބަޔާނުގައި ވެސް ވަނީ މާދަމާ އިހުތިޖާޖަށް ނިކުންނަން ވެސް ގޮވައިލައިފައެވެ.

މީގެ އިތުރުން ސަރުކާރަށް ނިސްބަތްވާ، މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު އަޒާން ވިދާޅުވީ މޫސާ މުޙައްމަދު ވަޒީފާއިން ވަކިކޮށްފައިވަނީ ސޯޝަލް މީޑިއާގައާއި ރަށު ތެރޭގައި "ސަރުކާރާއި ކުންފުނީގެ އަގު ވެެއްޓޭގޮތަށް" ވާހަކަ ދައްކާކަމަށް ބުނެ ކަމަށެވެ.

އޭނާ ވަނީ އެހެން އެ ކަން ނުކުރެވޭނެ ކަމަށާއި، ޤާނޫނާއި ޚިލާފަށް މުވައްޒަފުންނާ ދޭތެރޭ ފިޔަވަޅު ނޭޅުމަށް ވެމްކޯގެ މެނޭޖިން ޑިރެކްޓަރު މުޖުތަބާ ޖަލީލަށް ނަސޭހަތްތެރިވާކަމަށް ވިދާޅުވެފައެވެ.

comment ކޮމެންޓް