މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި އުރީދޫ މޯލްޑިވްސްއިން ހޯދި 547 މިލިއަން ރުފިޔާގެ އާމްދަނީގެ ތެރެއިން 168 މިލިއަން ރުފިޔާގެ ސާފު ފައިދާ ނަގައިފިއެވެ.
މިދިޔަ އަހަރުގެ މި މުއްދަތުގައި އެ ކުންފުނިން ހޯދި 554 މިލިއަން ރުފިޔާގެ އާމްދަނީން ސާފު ފައިދާގެ ގޮތުގައި ޖެހުނީ 162 މިލިއަން ރުފިޔާއެވެ. މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓަރާ އަޅައިބަލާއިރު، އާމްދަނީ އެއް ޕަސެންޓުން ދަށްވިޔަސް، ސާފު ފައިދާވަނީ ހަތަރު ޕަސެންޓުން އިތުރުވެފައެވެ.
އުރީދޫއިން މި އަހަރުގެ ފުރަތަމަ ކުއާޓަރުގެ ތެރޭގައި ހޯދި އެންމެ ބޮޑު އެއް ކާމިޔާބަކީ ދިވެހި އާބާދީގެ 80 ޕަސެންޓަށް 5ޖީ ނެޓްވޯކު ފުޅާކުރުމެވެ. އަދި ސެމްސަންގް އީސިމް ބޭނުންކުރާ ސްމާޓްވޮޗްތައް ރާއްޖެއަށް ތައާރަފުކުރުމެވެ.
މިދިޔަ ރަމަޟާން މަހުގެ ތެރޭގައި ވެސް އުރީދޫއިންވަނީ ތަފާތު ކެމްޕެއިންތަކެއް ލޯންޗު ކޮށްފައެވެ. އޭގެ ތެރޭގައި "ރޯދައިގެ ނޫރު" އާއި އިނާމު ލިބޭގޮތަށް ކުރިޔަށް ގެންދިޔަ "ކަރާ ފެޅުން" ހިމެނެއެވެ.
އުރީދޫ މޯލްޑިވްސް ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު، ޚާލިދު ހަސަން އަލް ހަމާދީ ވިދާޅުވީ އުރީދޫއަކީ ކޮމިއުނިޓީ ފޯކަސްޑް ކުންފުންޏެއް ކަމަށާއި، އެހެން ކަމުން ރައްޔިތުންނަށް އެކި ގޮތްގޮތުން ފަސޭހަތައް ލިއްބައިދިނުމުގެ ފުރުސަތު ފަހިކޮށްދޭން އެ ކުންފުނިން އިސް ނަގައިގެން މަސައްކަތް ކުރާ ކަމަށެވެ.
އެ ގޮތުން ހުސްވި ކުއާޓަރުގައި ވެސް އެ ކުންފުނިންވަނީ ގަތަރު ޗެރިޓީއާ ގުޅިގެން ހުޅުމާލޭގައި ހުންނަ އައްޝެއިޚް ގާޒިމް އައްތާނީގައި ޒަމާނީ އެއާ ކޮންޑިޝަނިން ސިސްޓަމެއް ހަރުކޮށްފައެވެ. މީގެ އިތުރުން، ރަމަޟާންމަހާ ދިމާކޮށް، ޒަކާތު ފައިސާ ދެއްކޭނެ ނިޒާމު ހަމަޖެއްސުމުގެ އިތުރުން، ސަގާފީ ފުލޯކު ވާހަކަތަކުގެ ޗެރެކްޓާތައް ހިމަނައިގެން ކަލަންޑަރަކާއި ޗެޓް ބޮޓެއް ހެދުން ހިމެނެއެވެ.
އޭނާ ވިދާޅުވީ އާޓިފިޝަލް އިންޓެޖެންސް (އޭއައި)އާއި ޒަމާނީ އެހެނިހެން އުފެއްދުންތައް ބޭނުންކޮށްގެން ރާއްޖެ ޑިޖިޓަލް ކުރުމުގެ މަސައްކަތުގައި އުރީދޫއިން ދެމިތިބޭނެ ކަމަށެވެ.