އެމްޑީޕީއަށް ތާއީދުކުރާ ވެމްކޯ ދެ މުވައްޒަފުން ވަކިކުރުމުން އަޒާނާއި ފައްޔާޒު އެ ކަން ކުށްވެރިކުރައްވައިފި

(ކ) އަފްޒަލް، ޝާހިދާ ސަލާން ކުރަނީ. (ވ) މޫސާ މުޙައްމަދު އެމްޑީޕީ ޕޯޑިއަމްގައި ގުރުއާން ކިޔަވަނީ --

އިދިކޮޅު އެމްޑީޕީއަށް ތާއީދުކުރާ ދެ މީހަކު، އެ މީހުން ވެމްކޯގައި އަދައިކުރަމުން އައި ވަޒީފާއިން ވަކިކުރުމާއެކު އައްޑޫ ހިތަދޫ މެދު ދާއިރާގެ މެންބަރު އަހްމަދު އަޒާނާއި، އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް އެ ކަން މިރޭ ކުށްވެރިކުރައްވައިފިއެވެ.

ވަޒީފާއިން ވަކިކުރި އެކަކީ ސ. ހިތަދޫ، ވީނަސްވިލާ މުޙައްމަދު އަފްޒަލެވެ. އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު މިހާރު އައްޑުއަށް ކުރައްވާ ދަތުރުފުޅުގައި، ޝާހިދަށް މަރުހަބާ ކިޔަން ސަފެއްގައި ސަލާން ކުރަން ހުންނަ ފޮޓޯއެއް ވަނީ އާންމުވެފައެވެ.

ދެން ވަޒީފާއިން ވަކިކޮށްފައިވަނީ މެނޭޖަރުކަން ކުރަމުން އައި ސ. ހިތަދޫ، ބޮޑުގަލުގެ މޫސާ މުޙައްމަދެވެ. އޭނާ ވަނީ މިދިޔަ ބުރާސްފަތި ދުވަހު ހިތަދޫގައި އެމްޑީޕީން ބޭއްވި ހަރުގެ ޖަލްސާއެއްގައި ގުރުއާން ކިޔަވައިފައެވެ.

މި ކަމާ ގުޅިގެން ފައްޔާޒު ކުރެއްވި ޕޯސްޓުގައިވަނީ މަސައްކަތްތެރިންގެ ހައްގުތަކަށް ވަކާލާތު ކުރުމަށް މާދަމާ މޭ ޑޭ ފާހަގަކުރާއިރު މިވަގުތު މަސައްކަތްތެރިންނަށް ވަޒީފާގެ ބިރުވެރިކަން އިންތިހާއަށް އެބައޮތް ކަމަށެވެ.

"ސިޔާސީ ފިކުރަށް ބަލައި ވަޒީފާތަކުން މީހުން ވަކިކުރަމުންދިޔުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން. ސަރުކާރުން މަސައްކަތްތެރިންގެ ހައްގުތަކަށް އަރައިގަތުމާ ދެކޮޅަށް މާދަމާ މުޅި ރާއްޖޭގައި އަޑު އުފުލުމަށް އެންމެހާ މަސައްކަތްތެރިންނަށް ގޮވާލަން،" ފައްޔާޒު ވިދާޅުވިއެވެ.

އެމްޑީޕީން ވެސް ވަނީ ދެ މީހުން ވަޒީފާއިން ވަކިކުރުމުން އެ ކަން ކުށްވެރިކޮށް ބަޔާނެއް ނެރެފައެވެ. އެ ބަޔާނުގައި ވެސް ވަނީ މާދަމާ އިހުތިޖާޖަށް ނިކުންނަން ގޮވައިލައިފައެވެ.

މީގެ އިތުރުން ސަރުކާރަށް ނިސްބަތްވާ އަޒާން ވިދާޅުވީ މޫސާ މުޙައްމަދު ވަޒީފާއިން ވަކިކޮށްފައިވަނީ ސޯޝަލް މީޑިއާގައާއި ރަށު ތެރޭގައި "ސަރުކާރާއި ކުންފުނީގެ އަގު ވެެއްޓޭގޮތަށް" ވާހަކަ ދައްކާކަމަށް ބުނެ ކަމަށެވެ.

އޭނާ ވަނީ އެހެން އެ ކަން ނުކުރެވޭނެ ކަމަށާއި، ޤާނޫނާއި ޚިލާފަށް މުވައްޒަފުންނާ ދޭތެރޭ ފިޔަވަޅު ނޭޅުމަށް ވެމްކޯގެ މެނޭޖިން ޑިރެކްޓަރު މުޖުތަބާ ޖަލީލަށް ނަސޭހަތްތެރިވާކަމަށް ވިދާޅުވެފައެވެ.

ސިޔާސީ ފިކުރަށް ބަލައި ތަފާތުނުކުރާނެކަމަށާއި، ވަޒީފާދީ، ވަކިނުކުރާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މީގެ ކުރިން ވިދާޅުވެފައިވެއެވެ. ނަމަވެސް އެ ތަފާތުކުރުން ގެންގުޅޭކަމުގެ ޝަކުވާތަކާއި ކަންބޮޑުވުން އެމްޑީޕީން އަންނަނީ ފާޅުކުރަމުންނެވެ.

މީގެ ކުރީގެ ސަރުކާރުތަކުގައި ވެސް މި ފަދަ ކަންކަން ހިނގައިފައިވެއެވެ.

comment ކޮމެންޓް