ހައްވާ ޔުމްނު ރަޝީދު ހ. ފެންޓެނޯއީ ގެއިން ފުރާޅެއްގެ މައްޗަށް ވެއްޓިފައި އޮތް މައްސަލަ ތަހުގީގު ކުރަން އުފެއްދި ރިޔާސީ ކޮމިޝަނަށް މިހާރު ރައްޔިތުންގެ އިތުބާރު ނެތަސް ހައިރާނެއް ނުވާ ކަމަށާއި އެ ކޮމިޝަނުން މަސައްކަތް ކުރާނީ ރައްޔިތުންގެ އިތުބާރު ލިބޭހެން ކަމަށް ކޮމިޝަންގެ ރައީސް ޑރ. މުޙައްމަދު މުނައްވަރު މިއަދު ވިދާޅުވެއްޖެއެވެ.
އެ ކޮމިޝަން އުފެއްދި ފަހުން ބޭއްވި ފުރަތަމަ ނޫސްވެރިންގެ ބައްދަލުވުމުގައި އެންމެ ގިނައިން ސުވާލުކޮށްފައި ވަނީ، ކުރިން އުފެއްދި ރިޔާސީ ކޮމިޝަންތަކުން އެކަށީގެންވާ ނަތީޖާއެއް ނެރެފިވައިނުވާއިރު މި ކޮމިޝަނަށް ނެރެވޭނެ ނަތީޖާއާ ގުޅޭ ގޮތުންނެވެ.
އެކަމަށް އިޝާރަތް ކުރައްވައި މުނައްވަރު ވިދާޅުވީ، ކުރިން އުފައްދާފައި ހުރި ރިޔާސީ ކޮމިޝަންތަކުން އެކަށީގެންވާ ވަރަށް ފިޔަވަޅުތައް އެޅިފައިނުވާކަން ގަބޫލުކުރައްވާ ކަމަށެވެ.
އެހެންވެ، މިހާރު އުފައްދާފައިވާ ކޮމިޝަނަށް ވެސް ރައްޔިތުންގެ އިތުބާރު ނެތުމަކީ މައްސަލައެއް ކަމުގައި ނުދެކޭ ކަން އޭނާ ފާހަގަކުރެއްވިއެވެ. އެ އިތުބާރު ލިބޭކަން ކޮމިޝަނަށް ކަށަވަރުކުރެވޭނީ ކުރެވޭ މަސައްކަތުން ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.
އަޅުގަނޑު ދެކޭ ގޮތުގައި މި ކޮމިޝަން ތަފާތު ވާނެކަމާއި މި ކޮމިޝަނުން މަސައްކަތް ގެންދާނީ އެއަށް އިތުބާރު ލިބޭފަދަ ގޮތަކަށް. އެކަމަކު އެ އިތުބާރު ހޯދުމަކީ އަޅުގަނޑުމެންގެ ކަމެއްރިޔާސީ ކޮމިޝަންގެ ރައީސް ޑރ. މުޙައްމަދު މުނައްވަރު
ޔުމްނުގެ މައްސަލައިގައި ފުލުހުންގެ ތަހުގީގަށް އިތުބާރު ނުކުރެވޭ ކަމަށާއި އެ މައްސަލައާ ގުޅުން ހުރި ވަޒީރުންތަކެއްގެ ނުފޫޒު ފޯރުވަމުން އަންނަ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ތުހުމަތުތަކެއްކޮށްފައިވެއެވެ. އަދި ޔުމްނުއަށް އިންސާފު ހޯދައި ދިނުމަށް ގޮވާލައި ޒުވާނުން އަންނަނީ ސިލްސިލާ މުޒާހަރާތަކެއް ވެސް ކުރަމުންނެވެ.
އެ ތުހުމަތުތައް އެންމެ ބޮޑަށް އަމާޒުވަނީ ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީނަށެވެ. އެއީ، ޔުމްނު ވެއްޓުނު ރޭ އޭނާއާއި އިތުރު ބަޔަކު 'ޕާޓީ ކުރި' ކަމަށް ހާމަވެފައިވާ މ. މާންދޫގެދެކުނުގެއަކީ އަމީންގެ އާއިލީ ގެއަށްވާތީއެވެ. އަދި އޭނާއަށް ބޮޑުބޭބެ ކިޔާ ދެ މީހުން އެ މައްސަލައިގައި ޝާމިލު ވެސް ވާތީއެވެ.
އަމީން ވަނީ އޭނާގެ މައްޗަށް ކުރާ ތުހުމަތުތައް ދޮގުކުރައްވައިފައެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރިޔާސީ ކޮމިޝަންގެ މެންބަރުން ----- ފޮޓޯ/ ރައީސް އޮފީސް
އަމީނަކީ ރައީސްގެ އަރިސް ބޭފުޅެއް ކަމަށްވާއިރު، އެ މަނިކުފާނު އުފެއްދެވި ރިޔާސީ ކޮމިޝަނަކުން ޔުމްނުގެ މައްސަލަ މިނިވަންކަމާއެކު ބަލައިފާނެތޯ ބައެއް މީހުން ވަނީ ސުވާލު އުފައްދައިފައެވެ.
އެ ސުވާލަށް ޖަވާބު ދެއްވަމުން މިއަދު މުނައްވަރު ވިދާޅުވީ، އެ މައްސަލައިގައި މިނިސްޓަރެއްގެ ނުފޫޒެއް އަންނަ ހިސާބުން އެކަމެއް ހާމަކުރުމަށް އެ މަގާމުން އޭނާ އިސްތިއުފާ ދެއްވާނެ ކަމަށެވެ. އޭގެއިތުރުން، ގާނޫނުން ކޮމިޝަނަށް ލިބިފައިވާ ބާރުތައް ބޭނުންކުރުމުގައި ދޫނުދޭނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން އެ މައްސަލައިގައި ފުލުހުންގެ އެއްބާރުލުން ލިބޭނެ ކަމަށާއި އެކަން އެހެން ނުވާނަމަ އަޅަން ޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށް މުނައްވަރު ވިދާޅުވެފައިވެއެވެ.
އެކި މައްސަލަތަކުގައި އުފައްދާފައިވާ ރިޔާސީ ކޮމިޝަންތަކަށް މިލިއަނުން ފައިސާ ޚަރަދުކުރި ނަމަވެސް، ނަތީޖާއެއް ނުނެރެވި، ބޭކާރުވުމަކީ ރައްޔިތުންގެ ނުރުހުން ބޮޑުވެފައި އޮތް މައްސަލައެކެވެ.
މީގެ ކުރިން އުފައްދާފައިވާ ކޮމިޝަންތަކުގެ ތެރޭގައި ގެއްލިފައިވާ މީހުންނާއި މަރާލެވިފައިވާ މީހުންގެ މައްސަލަތައް ބެލުމަށް އެކުލަވާލި ކޮމިޝަނާއި، ދައުލަތުން ގެއްލިފައިވާ ފައިސާތައް ހޯދުމަށް އެކުލަވާލި އެސެޓް ރިކަވަރީ ކޮމިޝަން ހިމެނެއެވެ.
މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ދަށުން، ރައީސް އޮފީހުން "ސަން"އަށް ހާމަކޮށްފައިވާ ހިސާބުތަކުން އެނގޭ ގޮތުގައި އެސެޓް ރިކަވަރީ ކޮމިޝަން އުފެދުނީއްސުރެ، އުވާލުމާ ހަމައަށް އެ ކޮމިޝަނުގެ އެކި ބޭނުންތަކަށް ޖުމްލަ 10.5 މިލިއަނަށް ވުރެ ގިނަ ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ. ނަމަވެސް 2022ގައި އެ ކޮމިޝަން އުވައިލެއްވިއިރު، އެއްވެސް އެސެޓެއް ހޯދިފައިނުވާ ކަމުގެ ފާޑުކިޔުން އަމާޒުވިއެވެ.
މީގެ އިތުރުން އެފަދަ ކޮމިޝަންތައް އުފައްދަނީ، އެ މައްސަލަތައް ބަލަން އިދާރާތައް ކަނޑައަޅައިފައި ވަނިކޮށް ކަމަށް، ފާޑުކިޔާ ފަރާތްތަކުން ފާހަގަކުރެއެވެ.
ޔުމްނުގެ މައްސަލައިގައި ރިޔާސީ ކޮމިޝަން ރައީސް ޑރ. މުހައްމަދު މުއިއްޒު އުފެއްދެވީ ބޮޑެތި ބާރުތަކެއް ލިބިދޭ ގޮތަށެވެ. އެ ކޮމިޝަންގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި، ޔުމްނު ވެއްޓުނު މައްސަލަ ބަލައި، އެ މައްސަލައާ ގުޅިގެން މިނިވަން، މުސްތަގިއްލު އަދި އިތުބާރު ހިފޭ ތަހުގީގެއް ހިންގުން ހިމެނެއެވެ.
ފުލުހުން ބުނެފައިވަނީ ޔުމްނު ވެއްޓުނީ އަމިއްލައަށް ކަމަށެވެ. ނަމަވެސް އެ މައްސަލައިގައި މިހާތަނަށް އަށް މީހެއްގެ ޕާސްޕޯޓް ހިފަހައްޓައި، ޔުމްނުއާއެކު އުޅުނު ރައުދު އަހުމަދު ޒިލާލް ވަނީ ހައްޔަރުކޮށްފައެވެ. މިދިޔަ ބުރާސްފަތި ދުވަހު އޭނާގެ ބަންދަށް ފަސް ދުވަސް ޖެހުމަށް ފަހު މިއަދު ވަނީ އިތުރު 10 ދުވަސް ޖަހައިފައެވެ.