ކުރިއަށް އޮތް 36 ވަރަކަށް ގަޑިއިރުގެ ތެރޭގައި އިންޑިއާ ހަނގުރާމައެއް ފަށާފާނެ: ޕާކިސްތާން

އިސްލާމްއާބާދު (30 އެޕްރީލް 2025) : އިންޑިއާއިން ޕާކިސްތާނަށް އިސްވެ ހަމަލާދޭން ރާވަމުންދާކަމުގެ ވަރަށް އިތުބާރުހުރި ޖާސޫސީ މައުލޫމާތުތަކެއް ލިބިފައިވާކަމަށް ޕާކިސްތާނުން ބުނެފިއެވެ.

ޕާކިސްތާނުގެ އިންފޮމޭޝަން މިނިސްޓަރު އަތަﷲ ތަރާރު ވިދާޅުވީ ޖާސޫސީ މައުލޫމާތުން އެނގޭގޮތުގައި ކުރިޔަށްއޮތް 24 ގަޑިއިރު ނޫނީ 36 ގަޑިއިރު ތެރޭގައި އިންޑިއާއިން ޕާކިސްތާނަށް ވަރުގަދަ ހަމަލާތަކެއް ދޭންވަނީ ރާވާފައެވެ.

މި ހަމަލާތައް ދޭން އިންޑިއާ ރާވާފައިވަނީ ކަޝްމީރުގައި އިންޑިއާ ކޮންޓްރޯލްކުރާ ފަޅި ކަމަށްވާ ޖަންމޫ ކަޝްމީރުގެ ބަހަލްގަމް ސަރަހައްދަށް މިމަހުގެ 22 ވަނަ ދުވަހު ދިން ޓެރަރިސްޓް ހަމަލާގެ ފަހަތުގައި އޮތީ ޕާކިސްތާން ކަމަށް ބުނެ އެކަން ބަހަނާއަކަށް ހަދައިގެންނެވެ. އެކަމަށް ބަދަލުހިފުމުގެ ނަމުގައެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އަތަﷲ ވިދާޅުވިގޮތުގައި މިފަދަ އުދުވާނެއް ހިންގައިފިނަމަ ޕާކިސްތާނުން އިންޑިއާއަށް ވަރަށް ވަރުގަދަ ރައްދެއް ދޭނެއެވެ. އަދި އުދުވާނާ ގުޅިގެން ކުރިމަތިވާނެ ނަތީޖާއެއްގެ ޒިންމާ އުފުލަންޖެހޭނީ އިންޑިއާކަން އިންޑިއާގެ ވެރިން ދަންނަން ޖެހޭ ކަމަށެވެ.

ބަހަލްގަމްގެ ރިސޯޓެއްގައި ފަތުރުވެރިންނަށް އަމާޒުކޮށް ދިން އެ ހަމަލާގައި 26 މީހުން މަރުވެ އިތުރު 36 މީހަކު ޒަޚަމްވެފައިވެއެވެ. އިންޑިއާގެ ބޮޑުވަޒީރު ނަރަންދުރަ މޯދީ ވަނީ އެ ހަމަލާގެ ފަހަތުގައި އޮތީ ޕާކިސްތާން ސަރުކާރުކަން ދޭހަވާ ގޮތަށް ވާހަކަ ދައްކަވާފައެވެ. މޯދީ ވިދާޅުވެފައިވާ ގޮތުގައި ޕަހަލްގާމްއަށް ހަމަލާދިން ފަރާތްތަކެއް އިންޑިއާއިން ދެނެގަންނާނެއެވެ. ޕާކިސްތާނުގެ ނަން ވިދާޅުނުވެ ޕާކިސްތާނަށް އިޝާރާތް ކުރައްވައި މޯދީ ވިދާޅުވީ، އެ ހަމަލާދިން ފަރާތްތަކުގެ އިތުރުން އެ ހަމަލާގެ ފަހަތުގައިވާ ފަރާތަށް ވެސް ޚިޔާލަށް ނުގެނެވޭވަރުގެ ހަރުކަށި އަދަބު އިންޑިއާއިން ދޭނެ ކަމަށެވެ.

މިހެން ވިދާޅުވުމަށްފަހު މޯދީގެ ސަރުކާރުން ވަނީ ދެ ގައުމުގެ މަސްރަހު ހޫނުކުރުމުގެ ގޮތުން ގިނަ ފިޔަވަޅުތަކެއް އަޅުއްވާފައެވެ. މީގެތެރޭގައި އިންޑިއާއާއި ޕާކިސްތާނުން ފެން ހިއްސާކުރާ މައި ކޯރެއްކަމަށްވާ ސިންދު ކޯރުގެ ފެން ހިއްސާކުރުމަށް ދެ ގައުމުގެ ދެމެދުގައި ވެފައިވާ އެއްބަސްވުމަށް އަމަލުކުރުން ހުއްޓާލިކަން އިންޑިއާއިން އިއުލާނު ކުރުންވެސް ހިމެނެއެވެ.

ޕާކިސްތާނުން ވަނީ މިއީ ހަނގުރާމައިގެ އަމަލެއްކަމަށް ސިފަކޮށް ޕާކިސްތާނުގެ ވައިގެ ސަރަހައްދު އިންޑިއާގެ ހުރިހާ ބާވަތެއްގެ މަތިންދާ ބޯޓުތަކަށް ބަންދުކޮށްފައެވެ.

ޕަހަލްގާމަށް ޓެރަރިސްޓް ހަމަލާދިން ފަރާތްތައް ހޯދައި އެ ފަރާތްތައް ހައްޔަރުކުރުމުގައި އިންޑިއާ ނާކާމިޔާބުވެފައިވާއިރު އަދި ހަމަލާދިނީ ކޮން ޖަމާއަތެއްގެ ބައެއްކަން ވެސް އިންޑިއާއަށް ރޭކާނުލާކަމަށް ޕާކިސްތާން ބުނެއެވެ. އަދި އެއްވެސް ތަހުގީގަކުން އެކަމުގައި ޕާކިސްތާން ޝާމިލުވާކަން އިންޑިއާއަށް ދެނެގަނެވިފައިނުވާ ކަމަށްވެސް ޕާކިސްތާން ބުނެއެވެ.

މި ހާލަތުގައި ކަންކަން އޮތްއިރު އެ ހަމަލާގެ ޒިންމާ އިންޑިއާއިން ޕާކިސްތާނުގެ ބޮލުގައި އަޅުވަނީ ޕާކިސްތާނާ ދެކޮޅަށް ހަނގުރާމައެއް ފެށުމުގެ ބޭނުމުގައި ކަމަށް ޕާކިސްތާނުގެ މަސްއޫލުވެރިން ދެކެވަޑައިގަންނަވައެވެ.

ޕާކިސްތާނުން ބުނެފައިވާ ގޮތުން އެ ގައުމުގެ ސިފައިން އިއްޔެ ވަނީ ސަރަހައްދީ ރޮނގު ހުރަސްކޮށް ޕާކިސްތާނަށް ވަތް އިންޑިއާގެ ޖާސޫސީ ޑްރޯން އެއް ވައްޓާލާފައެވެ. މި ޚަބަރާބެހޭގޮތުން އިންޑިއާ އެއްޗެއް ނުބުނެއެވެ. އިންޑިއާ ބުނާގޮތުން ކަޝްމީރުގެ ލައިން އޮފް ކޮންޓްރޯލް ހުރަސްކޮށް ޕާކިސްތާން ސިފައިން އިއްޔެ ވަނީ ހަމަލާތަކެއް ދީފައެވެ.

އިންޑިއާއާއި ޕާކިސްތާނުން ހަތަރު ހަނގުރާމައެއް ކޮށްފައިވެއެވެ. ފުރަތަމަ ހަނގުރާމައަކީ 1948 ގައި އިންޑިއާއާއި ޕާކިސްތާނަށް މިނިވަންކަން ލިބުމާއެކު ކަޝްމީރުގެ މައްސަލާގައި ހިނގި ހަނގުރާމައެވެ. އޭގެފަހުން ހިނގީ 1965 ވަނަ އަހަރު ކަޝްމީރުގެ ސަރަހައްދީ ރޮނގުގެ މައްސަލާގައި ދެގައުމުގެ ދެމެދުގައި ހިނގި ހަނގުރާމައެކެވެ. އެއަށްފަހު ޕާކިސްތާނުގެ ބައެއްގެ ގޮތުގައި އޮތް ބަންގަލަދޭޝް 1971 ވަނަ އަހަރު ޕާކިސްތާނާ ވަކިވެ މިނިވަން ދައުލަތެއްގެ ގޮތުގައި ފާޅުވުމާ ގުޅިގެން އިންޑިއާއާއި ޕާކިސްތާނާ ދެމެދު 13 ދުވަހުގެ ކުރު ހަނގުރާމައެއް ހިނގިއެވެ.

އެންމެފަހުން ހިނގާފައިވަނީ ކަޝްމީރުގެ ލައިން އޮފް ކޮންޓްރޯލްގެ ކައިރީގައި އޮންނަ ކަރްގީލަށް ކަޝްމީރުގެ މިނިވަންކަމަށް މަސައްކަތްކުރާ ހަނގުރާމަވެރިން ތަކެއް ވަނުމާ ގުޅިގެން 1999 ވަނަ އަހަރު ދެ ގައުމުގެ ދެމެދުގައި ހިނގި ހަނގުރާމައެވެ.

ޕާކިސްތާނާއި އިންޑިއާއަކީ ކޮންމެ ގައުމަކުން ވެސް އަނެއް ގައުމު ފަނާކޮށްލެވޭވަރުގެ ނިއުކްލިޔާ ބާރު ހުރި ދެ ގައުމެވެ.

comment ކޮމެންޓް