އުމުރުން 21 އަހަރުގެ ހައްވާ ޔުމްނު ރަޝީދު, ފުރާޅެއް މައްޗަށް ވެއްޓިފައި އޮތް މައްސަލަ ތަހުގީގު ކުރުމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު އުފެއްދެވި ކޮމިޝަނަށް އެއްވެސް ނުފޫޒެއް ފޯރުވާނަމަ، ވަގުތުން އިސްތިއުފާ ދެއްވާނެ ކަމަށް، އެ ކޮމިޝަންގެ ރައީސް ޑރ. މުޙައްމަދު މުނައްވަރު މިއަދު ވިދާޅުވެއްޖެއެވެ.
ޔުމްނުގެ މައްސަލަ ތަހުގީގު ކުރުމަށް ރައީސް ކޮމިޝަނެއް އުފެއްދެވީ މިދިޔަ އާދިއްތައިގައެވެ. އެ ކޮމިޝަނުގައި މުނައްވަރުގެ އިތުރުން ފުރަތަމަ ހިމެނިވަޑައިގަތީ ބްރިގޭޑިއާ ޖެނެރަލް ރިޓަޔަޑް އަހްމަދު މުޙައްމަދާއި، ޑރ. މުހައްމަދު ހަބީބެވެ. ނަމަވެސް ހަބީބް ވަނީ ޖެހިގެން އައި ދުވަހު މަގާމުން އިސްތިއުފާ ދެއްވައިފައެވެ.
މިދިޔަ ހޯމަ ދުވަހު ރައީސް ކޮމިޝަނަށް ބަދަލުގެންނަވައިފައިވާއިރު މިހާރު ކޮމިޝަނުގައި މުނައްވަރާއި އަހުމަދު މުހައްމަދުގެ އިތުރުން، ޑރ. މޫސާ މުރާދާއި ސިއްހީ ދާއިރާގެ އިތުރު ބޭފުޅެއް ކަމަށްވާ ޖަބީން މުޙައްމަދާއި އެޗްއާރުސީއެމްގެ ކުރީގެ ރައީސް އާމިނަތު އީނާސް ހިމެނިވަޑައިގަންނަވައެވެ.
އެ ކޮމިޝަނުން މިއަދު ބޭއްވި ފުރަތަމަ ނޫސްވެރިންގެ ބައްދަލުވުމުގައި މުނައްވަރު ވިދާޅުވީ، އެ ކޮމިޝަންގެ މެންބަރަކަށް ވާން އޭނާ އެއްބަސްވެވަޑައިގަތީ ކީއްވެގެންތޯ ވަރަށް ގިނަ ބަޔަކު ސުވާލު ކުރަމުން އަންނަ ކަމަށެވެ. އެއީ އޭނާއަކީ ސިޔާސީ ގިނަ ބަޔަކާ ގާތް ގުޅުމެއް ބާއްވަވާ ބޭފުޅަކަށް ވުމުން ކަމަށް އޭނާ ވިދާޅުވިއެވެ.
"ރަނގަޅު، އަޅުގަނޑަކީ ސިޔާސީ ވަރަށް ގިނަ ބޭފުޅުންގެ ވަރަށް ގާތް މީހެއް، ރައްޓެހިކަމުގައި ރަހުމަތްތެރިކަމުގައި، ދެން އެހެން ނަމަވެސް އަޅުގަނޑު ދަންނަ ވަރަށް ގިނަ ބަޔަކަށް ގަބޫލުކުރެވެން ވާނެ ކަންނޭނގެ އަޅުގަނޑަކީ ނުފޫޒު ހިންގަން ފަސޭހަ މީހަކަށް ނުވާނެކަން،" މުނައްވަރު ވިދާޅުވިއެވެ.
އެހެންވުމުން، މިނިވަންކޮށް ބަލަން ޖެހޭ ކަންތައްތައް ބެލުމަށްޓަކައި އޭނާގެ މައްޗަށް ނުފޫޒު ނުފޯރުވޭނެ ކަމުގެ ޔަގީންކަން އޮތް ކަމަށް އޭނާ ވިދާޅުވިއެވެ. އަދި މިނިވަންކޮށް ނުގެންދެވޭނެ ކަމަށް އެ މައްސަލައިގެ ހޯދުންތައް 'ވައިޓްވޮޝް' ކުރަން ނުވަތަ ވަކި ބަޔެއްގެ މަސްލަހަތު ހިމާޔަތް ކުރުމަށް ކަންތައްތައް ފޮރުވުމަށް މަސައްކަތެއް ނުކުރައްވާނެ ކަމުގެ ޔަގީންކަން އޭނާ ދެއްވިއެވެ.
"މިނިވަންކޮށް މިކަން ނުގެންދެވޭ ކަމަށްވަންޏާ، އެއްވެސް ފަރާތެއްގެ ނުފޫޒަށް، އަޅުގަނޑުމެންނަށް ފެންނަ ގޮތަށް ނޫން ގޮތަށް ނުފޫޒަށް ކަމެއް ނިންމަން ޖެހޭ ގޮތަށް ޕްރެޝަރެއް އަތުވެއްޖެއްޔާ އަޅުގަނޑު އިސްތިއުފާ ދޭނަން ވަގުތުން،" މުނައްވަރު ވިދާޅުވިއެވެ.
"އެއީ އަޅުގަނޑަށް ދެވޭނެ ޔަގީންކަމަކީ."
ޔުމްނުގެ މި މައްސަލަ "ފިސާރި އަވަހަށް" ނިންމުމަކީ އަމާޒު ކަމަށް ވެސް މުނައްވަރު ވިދާޅުވިއެވެ.
މުނައްވަރު ވަނީ ކޮމިޝަންގެ މަސައްކަތް އޭނަގެ ބެއްލެވުމުގެ ދަށުން ގެންދިޔުމުގައި ފުރިހަމައަށް، މިނިވަންކަމާއެކު ކުރިއަށްގެންދެވޭނެ ކަމުގެ ޔަގީންކަން އޮތް ކަމަށް ތަކުރާރު ކުރައްވައިފައެވެ.
ރައީސްގެ ގަރާރަކުން އެ ކޮމިޝަން އުފެއްދެވީ އެ ކޮމިޝަނަށް ބޮޑެތި ބާރުތަކެއް ލިބިދޭ ގޮތަށެވެ. އެ ކޮމިޝަނާ މަތިކުރެވޭ މަސައްކަތްތައް ފުރިހަމަވެއްޖެ ކަމަށް ރައީސް ކަނޑައެޅުއްވުމާ ހަމަޔަށް ކޮމިޝަން ދެމިއޮންނާނެ ކަމަށް ރައީސްގެ ގަރާރުގައި ވެއެވެ.
ފުލުހުން ބުނީ ޔުމްނު ވެއްޓުނީ އަމިއްލައަށް ކަމަށެވެ. ނަމަވެސް، ފުލުހުުންގެ ތަހުގީގަށް އިތުބާރު ގެއްލިފައި ވާކަމަށް ބުނެ ގިނަ ޒުވާނުންތަކެއް ވަނީ ސިލްސިލާކޮށް މާލޭގައި މުޒާހަރާތަކެއް ފަށައިފައެވެ.
މި މުޒާހަރާތަކުގައި ސީޕީގެ މަގާމުގައި ހުންނެވި އަލީ ޝުޖާއުއާއި، ހޯމް މިނިސްޓަރު އަލީ އިހުސާނު އަދި ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން އިސްތުފާ ދެއްވުމަށް ދަނީ ގޮވާލަމުންނެވެ.
މި އަޑުތައް ގަދަވެފައި ވަނިކޮށް، ސީޕީގެ މަގާމުން ޝުޖާއު ވަނީ ހޮނިހިރު ދުވަހުގެ ރޭގެ ވަގުތެއްގައި އިސްތިއުފާ ދެއްވާފައެވެ. އެއާއެކު އެކްޓިން ސީޕީއަކަށް ފަރުހާދު ފިކުރީ އައްޔަން ކުރިތާ ގަޑިއިރެއް ނުވެ، އޭނާގެ އަތުން މަގާމު ނަގައި، އެ މަގާމަށް ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް (ޑީސީޕީ) އިސްމާއީލް ނަވީން ވަނީ އައްޔަނުކޮށްފައެވެ.
ޔުމްނުއަށް މިހާރު މެލޭޝިއާގައި ފަރުވާ ދެމުން އަންނައިރު، އޭނާ ވެއްޓުނު ރޭ އޭނާއާއެކު އުޅުނު އަށް މީހެއްގެ ވަނަވަރު ފުލުހުން ހާމަކޮށްފައިވެއެވެ. އެ މައްސަލައިގައި މިހާތަނަށް ހައްޔަރުކޮށްފައިވަނީ އޭނާ ވެއްޓުނުއިރު ހުރި ގޭގައި، އޭނާއާއެކު އުޅުނު ރައުދު އަހުމަދު ޒިލާލެވެ. މިދިޔަ ބުރާސްފަތި ދުވަހު ކްރިމިނަލް ކޯޓުން ވަނީ އޭނާގެ ބަންދަށް ފަސް ދުވަސް ޖަހައިފައެވެ.