އެކްސް ޕްލެޓްފޯމުގައި ވީޑިއޯ 4ކޭ ރިޒޮލިއުޝަންގައި އަޕްލޯޑްކުރުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
މިއީ ޔޫޓިއުބް އަދި ވިމިއޯ ފަދަ ޕްލެޓްފޯމްތައް މީހުން ދިޔުން ހުއްޓުވުމަށާއި އެކްސް ޕްލެޓްފޯމްގައި ވީޑިއޯ ކޮންޓެންޓްގެ މުޢާމަލާތްތައް އިތުރުކުރުމަށް އަމާޒުކޮށްގެން ނެރެފައިވާ ފީޗާއެކެވެ.
އެކްސްގެ އިންޖިނިއަރިން އެކައުންޓުން ޕޯސްޓްކޮށްފައިވާ ގޮތުގައި، މި ޚިދުމަތް ވަރަށް އަވަހަށް ހުރިހާ ޕްރީމިއަމް ސަބްސްކްރައިބަރުންނަށް ލިބޭނެއެވެ.
މިހާތަނަށް، އެކްސްގެ ޕްރީމިއަމް ސަބްސްކްރައިބަރުންނަށް 1080p ރިޒޮލިއުޝަންގައި، އަށް ޖީބީއަށް ވުރެ ބޮޑުނޫން އަދި ގާތްގަނޑަކަށް ތިން ގަޑިއިރަށް ވުރެ ދިގުނޫން ވީޑިއޯތައް އަޕްލޯޑްކުރެވެއެވެ. ނަމަވެސް 4K ރިޒޮލިއުޝަން ތަޢާރަފުކުރުމާއެކު، އެ ޕްލެޓްފޯމުން ސަބްސްކްރައިބަރުންނަށް ކަނޑައަޅާފައިވާ ސައިޒް ލިމިޓް ބަދަލުކުރުމުގެ ފުރުސަތު އެބައޮތެވެ.
އެލޮން މަސްކް މި ކުންފުނި ގަތް ފަހުން، އެކްސްއިން ދަނީ ވީޑިއޯ ކޮންޓެންޓް ޕޯސްޓްކުރާ މިންވަރު އިތުރުކުރުމަށް ބާރުއަޅަމުންނެވެ. މިގޮތުން، ސަބްސްކްރައިބަރުންނަށް އަޕްލޯޑްކުރެވޭ ވީޑިއޯގެ ސައިޒް ލިމިޓް މަޑުމަޑުން އިތުރުކޮށްދީފައިވެއެވެ.
މީގެ އިތުރުން، އެމެރިކާގައި ޓިކްޓޮކް މަނާކޮށްފާނެ ހާލަތެއް އޮތުމާ ގުޅިގެން އެކަމުގެ ފައިދާ ނެގުމަށް، އެކްސްއިން ވަނީ މިއަހަރު ކުރީކޮޅު ވާޓިކަލް ވީޑިއޯތަކަށް ޚާއްޞަ ފީޑެއް ތަޢާރަފުކޮށްފައެވެ. މި ފީޑަށް މޯބައިލް އެޕްތަކުގެ ހޯމް ޕޭޖުން ވަދެވޭގޮތަށް ޝޯޓްކަޓެއްވެސް އިތުރުކޮށްފައިވެއެވެ.