ތިނަދޫ ރައްޔިތުން ތަމްސީލުކުރާ މަޖިލިސް މެންބަރުން ތިއްބަސް، ނެތް ފަދަ: މޭޔަރު

ތިނަދޫގެ މޭޔަރު: ވިދާޅުވީ، ތިނަދޫ ރައްޔިތުން ތަމްސީލުކުރާ މަޖިލިސް މެންބަރުން ތިއްބަސް ނެތް ފަދަ ކަމަށް ---- ފޮޓޯ/ ތިނަދޫ ކައުންސިލް

ގދ. ތިނަދޫ ސިޓީގެ ރައްޔިތުން ތަމްސީލުކުރާ މަޖިލީސް މެންބަރުން ތިއްބެވި ނަމަވެސް، އެ މެންބަރުން 'ނެތް ފަދަ' ކަމަށާއި ރައްޔިތުންގެ ކުރިއެރުމަށް ހުރަސް އަޅާފަދަ ކަންކަން ކުރާ މެންބަރުން އިސްތިއުފާދެއްވަން ޖެހޭ ކަމަށް ތިނަދޫ ސިޓީގެ މޭޔަރު ސައުދު އަލީ މިއަދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގައި ތިނަދޫގެ ރައްޔިތުން ތަމްސީލުކުރަނީ ދެ މެންބަރުންނެވެ. އެއީ ތިނަދޫ އުތުރު ދާއިރާގެ ޕީއެންސީ މެންބަރު ސައުދުﷲ ހިލްމީއާއި ތިނަދޫ ދެކުނު ދާއިރާގެ ޕީއެންސީ މެންބަރު މުޙައްމަދު އަލްސަން އަޙުމަދެވެ.

އޭގެ ތެރެއިން ސައުދުﷲ ވަނީ، ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ ދިނުމުން، އޭގެ ފައިދާ ލިބުނީ އެ ރަށު ކައުންސިލަށް ކަމަށާއި، އެ ކަމުން ރައްޔިތުންނަށް ލިބުނު ފައިދާއެއް ނެތް ކަމަށް ވިދާޅުވެފައެވެ.

އޭނާ ތުހުމަތު ކުރެއްވި ގޮތުގައި ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ވެރިކަމުގައި އެ ރަށަށް ސިޓީގެ ދަރަޖަ ދީފައިވަނީ އާބާދީގައި މަރުވެފައި ތިބި މީހުންނާއި އެހެން ރަށްތަކުގެ މީހުން ވެސް ހިމަނައިގެންނެވެ. އޭނާ ވިދާޅުވި ގޮތުގައި ސިޓީގެ ދަރަޖަ ދިންއިރު ތިނަދޫގެ އަސްލު އާބާދީއަކީ 8،021 ރައްޔިތުންނެވެ.

https://sun.mv/205400

ސައުދުﷲ ތުހުމަތު ކުރެއްވި ގޮތުގައި، އެ އޮޅުވާލުމުގައި އެންމެ އިސް ދައުރެއް އަދާކުރެއްވީ ސައުދު އަލީ އެވެ. އެ ގޮތުން "ވިހާ މަރުވާ" މީހުންގެ ލިސްޓު އިދާރާތަކަށް މަހުން މަހަށް ފޮނުވަންޖެހޭއިރު، އެ ކަން ނުކޮށް އޮތީ، ސައުދު ކައުންސިލްގެ ރައީސްކަމުގައި ހުންނަވައިގެން ހައެއްކަ މަސްދުވަސްވަންދެން އެ ލިސްޓު ނުފޮނުވައި ކަމަށް ސައުދުﷲ ވިދާޅުވިއެވެ.

އެ ތުހުމަތުތަކާ ގުޅުވައި 'ސަން'އާ ވާހަކަދައްކަވަމުން، ސައުދު އަލީ މިއަދު ވިދާޅުވީ، ރައްޔިތުންނަށް ފައިދާ ނުވާ ސިޔާސީ މަގާމުތަކުގައި މެންބަރުން ތިބުމަކީ ރަނގަޅު ކަމެއް ނޫން ކަމަށެވެ. އެގޮތުން، އެފަދަ މެންބަރުން އިސްތިއުފާ ދިނުމަކީ ރައްޔިތުންނަށްޓަކައި ކުރެވޭ މުހިންމު ކަމެއް ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

އޭނާ ވިދާޅުވީ، ރަށެއް ކުރިއަރާނީ ސިޔާސީ ވިސްނުންތައް އެއްކިބާކޮށްގެން ކަމަށާއި ރައްޔިތުންގެ ލާބައަށްޓަކައި ގުޅިގެން މަސައްކަތް ކުރެވޭނެ ގާބިލު މީހުން މަޖިލީހަށް ހޮވިގެން ކަމަށެވެ.

ތިނަދޫ އުތުރު ދާއިރާގެ މަޖިިލިސް މެންބަރު ސައުދުﷲ ހިލްމީ ---- ފޮޓޯ/ މަޖިލިސް

އެ ފަދަ ފަރާތްތައް ރައްޔިތުންގެ މަޖިލީހަށް ނުހޮވޭ ކަމަށްވަންޏާ ހުރިހާ ގޮތަކުން ގެއްލުންވާނީ ރައްޔިތުންނަށް. އެހެންވީމަ ރާއްޖޭގެ ކޮންމެ ތަނަކުން އިންތިޚާބުވެފައި ތިބި ކަމުގައި ވިޔަސް، އެބައެއްގެ ދާއިރާގެ ކަންކަން ފުރިހަމަކުރުމަށްޓަކައި އެއިރެެއްގައި އޮންނަ ސަރުކާރަކާ ކައުންސިލެއް ގުޅިގެން ނޫން ގޮތަކަށް އެކަންތައްތަކެއް ނުކުރެވޭނެ

އޭގެއިތުރުން، މަޖިލީސް މެންބަރުން ޒިންމާ އަދާނުކޮށް، ރައްޔިތުންނާއި ރަށަށް ގެއްލުން ހުރި ކަންކަން ކުރުމަކީ މޮޅު ކަމެއް ނޫން ކަމަށާއި އެފަދަ މެންބަރުންނަށް ރައްޔިތުންގެ ތާއިދެއް ވެސް ނޯންނާނެ ކަމަށް ސައުދު ވިދާޅުވެފައިވެއެވެ.

އެހެންވެ، އެފަދަ މެންބަރުން މިހާރުން މިހާރަށް އިސްތިއުފާ ދެއްވުމަށް އޭނާ ވަނީ ގޮވާލައްވާފައެވެ.

ރައްޔިތުންނަށް ގެއްލުން ހުރި ކަންތައްތައް ކުރާ ފަރާތްތަކަކީ އެއިރެެއްގައި އޮންނަ ސަރުކާރަކަށް ވެސް ޖެއްސުންކުރަން މަސައްކަތް ކުރުމަކީ އެއްވެސް ހާލެއްގައި ބަލައިގަނެވޭނެ ކަމެއް ނޫން. ސަރުކާރަކުން ރައްޔިތުންނަށް ރަނގަޅު ނިންމުމެއް ނިންމައިފި ކަމުގައި ވަނީނަމަ އެކަންތައްތަކަށް އެއްބާރުލުން ދިނުމަށް ކައުންސިލުން ހަމަ ހުރިހާ މެންބަރުންނަށް ވެސް ގޮވާލަން

ސަރުކާރުގެ ނިންމުންތަކަށް އެ ކައުންސިލުން އެއްބާރުލުން ދޭކަން ފާހަގަކުރައްވައި، އޭނާ ވަނީ އެ ކަންކަން ކިލަނބުވާ ގޮތަށް އަމަލުތައް ނުބެހެއްޓުމަށް މަޖިލިސް މެންބަރުންނަށް ގޮވާލައްވާފައެވެ.

ކުރީގެ ރައީސް ޞާލިޙު ތިނަދޫ ސިޓީއަކަށް ހެއްދެވީ މިދިޔަ ރިޔާސީ އިންތިޚާބުގެ ކެމްޕޭންތެރޭގައި, މިދިޔަ އަހަރުގެ އޮގަސްޓް 30 ގައެވެ. ފަހުން މި ސަރުކާރުން ވެސް ނިންމީ އެކަން އެގޮތަށް ބާއްވާށެވެ.

ނަމަވެސް ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ ދީފައިވަނީ ގާނޫނާ ޚިލާފަށް ކަމަށް ބުނެ، ހައިކޯޓަށް ދުސްތޫރީ މައްސަަލައެއް ވެސް މި ފަހުން ހުށަހެޅިއެވެ. އެއާއެކު، އެ މައްސަލަ ހުށަހެޅުއްވި އެންވަޔަރަންމަންޓް މިނިސްޓްރީގެ ނައިބު މުހައްމަދު ރާޣިބު މަގާމުން ވަކިކުރީއެވެ. އަދި ހައި ކޯޓުން ނިންމީ އެ މައްސަލަ ބަލައިނުގަތުމަށެވެ.

comment ކޮމެންޓް