ޑިޒްނީގެ މާވެލް ސުޕަހީރޯ ފިލްމުތަކުގެ ފްލޮޕަކަށް ފަހު ފްލޮޕެއް ރިލީޒްކުރުމަށްފަހު އެންމެފަހުން ރިވިއުތައް ރަނގަޅު ފިލްމެއް ރިލީޒްކޮށްފިއެވެ.
މާވެލްގެ ތަފާތު އެކި ފިލްމުތަކުން ފެނިގެންދާ ކެރެކްޓަރުތައް އެއްފިލަމުން ޓީމެއްގެ ގޮތުގައި ފެނިގެންދާ ފިލްމު "ތަންޑަބޯލްޓްސް" މާދަމާ ސިނަމާތަކުގައި ދައްކަން ފަށާނެއެވެ.
މި ފިލްމުގެ ރިވިއުތައް މިހާރު ވަނީ އާންމުކޮށްފައެވެ. އެގޮތުން ކްރިޓީކުންގެ ތެރޭގައި ފިލްމަށް އޮތީ ބޮޑު މަގުބޫލުކަމެއް ލިބިފައެވެ. ރޮޓެން ޓޮމާޓޯސްގައި ފިލްމު ރިވިއުތައް އާންމުކޮށްފައިވަނީ މަތީ ރޭޓިން އިންނެވެ. އެގޮތުން ޖުމްލަ 32 ކްރިޓީކުންގެ ރޭޓިން އާއެކު ފިލްމު ޑެބިއޫ ކުރި އިރު މި ފިލްމުގެ ރޭޓިން އަކީ 95 ޕަސެންޓެވެ. މިއީ މާވެލް އިން ނެރުނު ފިލްމުތަކުގެ ތާރީހުގައިވެސް ފާހަގަކޮށްލެވޭ ރޭޓިންއެކެވެ. މި ރޭޓިން އާއެކު ތަންޑަބޯލްޓްސް ވެފައިވަނީ މާވެލްގެ މިހާތަނަށް ނެރުނު ދެވަނަ އަށް އެންމެ މަތީން ރޭޓިން ލިބުނު ފިލްމަށެވެ. ލިސްޓުގެ އެއްވަނައިގައި އޮތީ "ބްލެކްޕެންތާ" އެވެ.
ތަންޑަބޯލްޓްސް އަކީ މާވެލްގެ އާ މިސްރާބަށް ބަލާއިރު މަސައްކަތް ކުރަންވީ ގޮތް ދައްކައިދޭ މިސާލެކެވެ. ކުރީން އެއްގޮތަކަށް ހަދަމުން އައި ފިލްމުތަކަށް އާ ހިޔާލު ލައި ތަފާތު ކޮށްލަންވީ ކަން އިތުރަށް ކަށަވަރު ކޮށްދީފައިވަނީ މި ފިލްމުންނެވެ.
ތަންޑަބޯލްޓްސް ނެރެން ތައްޔާރުވެފައިވަނީ މާވެލްގެ ގިނަ ފްލޮޕްތަކަކަށް ފަހުގައެވެ. ކްރިޓީކުންގެ މެދުގައި ދަށް ރޭޓިންތަކެއް ލިބިފައިވާ ގިނަ ފިލްމުތަކަށްފަހު މި ފިލްމުގެ ކާމިޔާބީއަކީ މާވެލްގެ މުސްތަގުބަލާ މެދު ގޮތެއް ނިންމާނެ ފިލްމެކެވެ. މި ފިލްމަކީ ކްރިޓީކުންނަށް ކަމުދާ ފިލްމަކަށް ވިނަމަވެސް މިއީ ބޮކްސް އޮފީސް ހިޓެއް ކަމެއް އެނގޭނީ އަންނަ ހަފުތާގެ ތެރޭގައެވެ.
މި ފިލްމުގައި ލީޑުން ފެނިގެންދާނީ ފްލޮރެންސް ޕިއޫ އާއި ސެބެސްޓަން ސްޓޭންގެ އިތުރުން ޑޭވިޑް ހާބާ އާއި ވާޔަޓް ރަސަލް އާއި ލޫވިސް ޕުލްމަން އަދި ޖެރާލްޑީން ވިޝްވަނާތަންއެވެ.