ޕާޓީ ކުރުން އާންމުވީ ކުރީ ސަރުކާރުގައި، 2018އިން ފެށިގެން: ލުބުނާ

އެންޑީއޭގެ ޗެއާޕާސަން ލުބްނާ ޒާހިރު: ވިދާޅުވީ މި ސަރުކާރު އައިއިރު ޒުވާނުން ތިބީ ބިރަކާ ނުލައި ޕާޓީކޮށްކޮށް ކަމަށް -- ސަން ފޮޓޯ

ޒުވާނުންގެ މެދުގައި 'ޕާޓީ ކުރުން' އާންމުވެފައި ވަނީ ނިމިދިޔަ ސަރުކާރުގެ ވެރިކަން ފެށުނު އަހަރު ކަމަށްވާ، 2018އިން ފެށިގެން ކަމަށް ނޭޝަނަލް ޑްރަގް އޭޖެންސީ (އެންޑީއޭ)ގެ ޗެއާޕާސަން ލުބުނާ މުހައްމަދު ޒާހިރު މިރޭ ވިދާޅުވެއްޖެއެވެ.

މިދިޔަ އާދިއްތަ ދުވަހު އެންޑީއޭއިން ނެރުނު ބަޔާނެއްގައިވަނީ މި ފަހުން ޒުވާނުންގެ މެދުގައި މަޝްހޫރުވި ޕާޓީކުރުމުގެ ސަގާފަތުގެ ސަބަބުން ގިނަ ބަޔަކު މިފަދަ މަސްތުވާތަކެތީގެ ޝިކާރައަކަށްވެ ނުރައްކާތެރި ހާލަތަކަށް ވެއްޓިފައިވާކަމަށެވެ.

އެއިން ދޭހަވަނީ، ޕާޓީ ކުރުމަކީ މި ސަރުކާރުން ވެރިކަމާ ހަވާލުވިފަހުން އާންމުވެގެން ދިޔަ ސަގާފަތެއް ކަމަށް ބުނެ ލިޔެފައިވާ ޚަބަރަކާ ގުޅިގެން ލުބުނާ ވިދާޅުވީ، އެ ފަދަ ގޮތަކަށް އެއްވެސް ފަރާތަކަށް އިންޓަވިއުއެއް ދީފައި ނުވާނެ ކަމަށެވެ. އޭނާ ވިދާޅުވީ ޕާޓީ ކުރުން އާންމުވީ 2018އިން ފެށިގެން 2023އަށް ކަމަށާއި، މި ސަރުކާރުން ވެރިކަމާ ހަވާލުވީއިރު، ޒުވާނުން ތިބީ ބިރަކާ ނުލައި ޕާޓީކޮށްކޮށް ކަމަށެވެ.

މި މަހުގެ 18ވަނަ ދުވަހު، އުމުރުން 21 އަހަރު ހައްވާ ޔުމްނު، ހ. ފެންޓޯނިއާގެއާ ޖެހިގެން ހުރި ގުދަނެއްގެ ފުރާޅު މައްޗަށް ވެއްޓިފައި އޮއްވާ ފެނުނު މައްސަލައިގައި ޒިންމާވާން ޖެހޭނީ މީގެ އަހަރުތަކެއް ކުރިން "ބިރެއް ނެތި މަޖާކުރުން" ޕްރޮމޯޓު ކުރި މީހުން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުވަނީ މީގެ ކުރިން ވިދާޅުވެފައެވެ.

https://sun.mv/205193

ރައީސް އެހެން ވިދާޅުވުމުން، ސޯޝަލް މީޑިއާގައި ފާޑުކިޔުންތައް އަމާޒުވެފައިވެއެވެ.

އެ މައްސަލައިގައި ހިމެނޭ އަށް މީހެއްގެ ވަނަވަރު ފުލުހުން ވަނީ މިހާތަނަށް ހާމަކޮށްފައެެވެ. އެއީ:

  • އައިޝަތު ލަޔާލީ އިގުބާލް
  • ރައުދު އަޙްމަދު ޒިލާލް
  • އިޒްދިޔާން މުހައްމަދު މައުމޫން
  • ޔޫސުފް އަހުމަދު އަކްރަމް
  • ޔޫސުފް ޔައްސާރު އަބްދުލްޣަފޫރު
  • އާމިނަތު ޖުނައިރާ ޖަމްޝީދު
  • ހުސައިން ހަމީސް އަލީ
  • އިޖާޒް ޖާއިޒް

ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި، މި ހާދިސާ ހިނގުމުގެ ކުރިން އެރޭ، މި މައްސަލައިގައި ހިމެނޭ ބައެއް މީހުން ވަނީ ޕާޓީކޮށްފައެވެ. ހާދިސާ ހިނގި ވަގުތު ޔުމްނުއާއި ރައުދު ވެސް ތިބީ މަސްތުގެ ހާލަތުގައި ކަމަށް ފުލުހުން ބުނެފައިވެއެވެ.

މި މައްސަލައިގައި ހިމެނޭ ރައުދު ހައްޔަރުކޮށްފައިވާއިރު، ޔުމްނުދަނީ މެލޭޝިޔާގައި ފަރުވާ ހޯދަމުންނެވެ.

ފުރަތަމަ ފަހަރަށް މި މައްސަލައާ ގުޅޭ ގޮތުން ރައީސް ވާހަކަފުޅު ދެއްކެވީ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ އޮތް ފުލުހުންގެ 92ވަނަ އަހަރީ ޖަލްސާގައެވެ.

ވިދާޅުވީ އެ މައްސަލައިގައި ޒިންމާވާން ޖެހޭނީ މީގެ އަހަރުތަކެއް ކުރިން "ބިރަކާ ނުލައި މަޖާކުރުން" ޕްރޮމޯޓު ކުރި މީހުން ކަމަށެވެ.

"މަޖާކުރުން: ބިރަކާ ނުލާ ފޫހިފިލުވުން"، މިއީ 2013ވަނަ އަހަރުގެ ރިޔާސީ އިންތިޚާބަށް އެމްޑީޕީން ތައްޔާރުކުރި މެނިފެސްޓޯގެ ތެރޭގައި ހިމެނޭ ސިޔާސަތެކެވެ. މައިގަނޑު ގޮތެއްގައި އެ ސިޔާސަތު ބައްޓަންކޮށްފައި އޮތީ، ކޮންމެ އުމުރެއްގެ މީހަކަސް، ކުޅިވަރުތަކުގައި ބައިވެރިވެވޭނެ ވަސީލަތްތައް ގާއިމްކޮށްދިނުމާއި، އެ ކަމަށް ފަހި މާހައުލެއް އުފެއްދުމުގެ މައްޗަށެވެ.

comment ކޮމެންޓް