އަހަރެއްގެ ތެރޭ ކާބޯތަކެތީގެ އަގު 6 އިންސައްތައިން އުފުލިއްޖެ

ބާޒާރުގައި މީހަކު: އަހަރެއްގެ ތެރޭ ކާބޯތަކެތީގެ އަގު 6 އިންސައްތައިން އުފުލިފައިވާ ކަމަށް ތަފާސްހިސާބުން ދައްކާ -- ސަން ފޮޓޯ/ މުޙައްމަދު މާވީ

މިދިޔަ 12 މަސްދުވަހުގެ ތެރޭގައި ރާއްޖޭގައި ކާބޯތަކެތީގެ އަގު 6.16 އިންސައްތައިން އުފުލިއްޖެއެވެ.

ނެޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސްއިން އާންމުކޮށްފައިވާ، މިދިޔަ މާރިޗުގެ ކޮންސިއުމާ ޕްރައިސް އިންޑެކްސް (ސީޕީއައި)އިން ދައްކާ ގޮތުން، ފެބްރުވަރީއާ އަޅައިބަލާއިރު، މާރިޗު މަހުގައި ތަކެތީގެ އަގުވަނީ 0.69 އިންސައްތަ ދަށްވެފައެވެ.

އެ ދަށްވުމުގެ މައިގަނޑު ސަބަބަކަށްވީ، ރޯދަމަހު ކަރަންޓުގެ ޚިދުމަތުން ދިން ޑިސްކައުންޓާއެކު، އެ ޚިދުމަތުގެ އަގަށް 19.9 ޕަސެންޓުގެ ދަށްވުމެއް އައުމެވެ.

އެހެންނަމަވެސް، އެ މުއްދަތުގެ ތެރޭގައި ކާބޯތަކެތީގެ އަގުވަނީ 1.11 އިންސައްތައިން އުފުލިފައެވެ.

މިދިޔަ މަސްދުވަހުގެ ތެރޭގައި އެންމެ ބޮޑަށް އަގު އުފުލުނު ކާބޯތަކެތީގެ ބާވަތްތައް

  • ކާށި - 25.12 އިންސައްތައިން އަގު ބޮޑުވެފައި
  • ލޮނުމެދު - 75.07 އިންސައްތައިން އަގު ބޮޑުވެފައި
  • ކުރުނބާ - 16.59 އިންސައްތައިން އަގު ބޮޑުވެފައި
  • އިނގުރު - 11.71 އިންސައްތައިން އަގު ބޮޑުވެފައި
  • ފަޅޯ - 19.38 އިންސައްތައިން އަގު ބޮޑުވެފައި

މިދިޔަ މަސްދުވަހުގެ ތެރޭގައި އެންމެ ބޮޑަށް އަގު ހެޔޮވި ކާބޯތަކެތީގެ ބާވަތްތައް

  • ފިޔާ - 19.09 އިންސައްތައިން އަގު ހެޔޮވެފައި
  • ލުނބޯ - 17.53 އިންސައްތައިން އަގު ހޮޔެވެފައި
  • ކަންނެލި (ކަރީ ކަޓް) - 15.64 އިންސައްތައިން އަގު ހެޔޮވެފައި
  • ކެރެޓު - 10.50 އިންސައްތައިން އަގު ހެޔޮވެފައި
  • އަލުވި - 10.92 އިންސައްތައިން އަގު ހެޔޮވެފައި

ސްޓެޓިސްޓިކްސް ބިއުރޯގެ ރިޕޯޓުން ދައްކާ ގޮތުން، މި އަހަރުގެ މާރިޗު މަހުގެ ނިޔަލަށް ސީޕީއައި 5.35 އިންސައްތައަށް އަރައިފައިވާއިރު އެއީ މިދިޔަ އަހަރުގެ މި މުއްދަތަށް ވުރެ އިތުރު އަދަދެކެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި އެ އަދަދު ހުރީ 5.14 އިންސައްތައިގައެވެ.

މީހެއް މަގުމަތީގައި: ސަރުކާރުން ސަބްސިޑީއަށް ބަދަލުގެންނައިރު، ކާބޯތަކެތީގެ އަގުތައް ވެސް އުފުލެމުންދާތީ އެންމެ ބޮޑަށް ދަތިތަކާ ދިމާވާނީ އާމްދަނީ ދަށް މީހުންނަށްކަން ވޯލްޑް ބޭންކުން ފާހަގަކުރޭ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ސީޕީއައިއިން މުދަލާއި ޚިދުމަތުގެ އަގުތަކަށް އަންނަ ބަދަލުތައް ދެނެގަނެ، އެ އަގުތައް އިތުރުވާ މިންވަރާއި (އިންފްލޭޝަން) އަގު ދަށްވާ މިންވަރު (ޑީފްލޭޝަން) ދައްކުވައިދެއެވެ.

މި ސަރުކާރުން ޚަރަދު ކުޑަ ކުރަން އަޅަން ނިންމައިފައިވާ ފިޔަވަޅުތަކުގެ ދަށުން ސަބްސިޑީތަކަށް ގެންނަ ބަދަލާއެކު، މި އަހަރު ރާއްޖޭގެ އިންފްލޭޝަން އަރާނީ 3.9 އިންސައްތައަށް ކަމަށް ބަޖެޓުގައި ލަފާކޮށްފައިވެއެވެ. އެހެންނަމަވެސް ބޭރުގެ މާލީ އިދާރާތަކުން ވަނީ އިންފްލޭޝަން އެ އަދަދަށް ވުރެ މަތިވާނެ ކަމަށް ލަފާކޮށްފައެވެ.

ވޯލްޑް ބޭންކުން އެންމެ ފަހުން ނެރުނު މޯލްޑިވްސް ޑިވެލޮޕްމެންޓް އަޕްޑޭޓްގައިވާ ގޮތުން މި އަހަރު ރާއްޖޭގެ އިންފްލޭޝަން 4.3 އިންސައްތައަށް އަރާނެ ކަމަށް ލަފާކުރެވެއެވެ. ނަމަވެސް އަންނަ އަހަރު އެ އަަދަދު 3.8 އިންސައްތައަށް ދަށްވެ، 2027ގައި ދެ އިންސައްތައަށް ވެއްޓޭނެ ކަމުގެ އުއްމީދު ވެސް ފާޅުކޮށްފައިވެއެވެ.

އެ ރިޕޯޓުގައިވަނީ ކާބޯތަކެތީގެ އަގު އުފުލުމާމެދު ކަންބޮޑުވުން ފާޅުކޮށް، ސަބްސިޑީއަށް ގެންނަ ބަދަލުތަކާއެކު ވެސް އެންމެ ބޮޑަށް ދަތިތަކާ ކުރިމަތިލާން ޖެހޭނީ އާމްދަނީ ދަށް މީހުންކަން ފާހަގަކޮށްފައެވެ. އެ ކަންތައްތަކަށް ތައްޔާރުވެ، ސަރުކާރުން ފިޔަވަޅުތަކެއް އަޅަން ޖެހޭކަން ވެސް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

comment ކޮމެންޓް