އިންޑިއާގެ މަޝްހޫރު ފިލްމު ޑައިރެކްޓަރު ސާޖިދު ޚާން ޓެލެވިޒަން ބަތަލާ ނަވީނާ ބޯލްއަށް ޖިންސީ ފުރައްސާރަކުރި ކަމުގެ މައްސަލަ ފެންމަތިވެއްޖެއެވެ.
ސްޓާ ޕްލަސްގެ މަޝްހޫރު ޑްރާމާ ސިލްސިލާ "އިޝްޤްބާޒް"ގެ ބަތަލާ ނަވީނާ ޔޫޓިއުބް ޗެނަލްއަކަށް ދިން އިންޓަވިއުއެއްގައި ސާޖިދު ޚާން ސިފަކޮށްފައި ވަނީ ވަރަށް ބޭއަދަބީ މީހެއްގެ ގޮތުގައެވެ.
ފިލްމު އިންޑަސްޓްރީގައި މަސައްކަތްކުރާ އަންހެނުންނަށް ސާޖިދުގެ ފަރާތުން މީގެކުރިން ވެސް ޖިންސީ ފުރައްސާރަކޮށްފައިވާ ކަމުގެ އަޑުތަކެއް އަރާފައިވާއިރު ސާޖިދާ އެކު ދުވަހަކު ވެސް މަސައްކަތް ކުރަން ބޭނުންނުވާ ކަމަށް ނަވީނާ ވަނީ ބުނެފައެވެ.
ސުބޯޖިތު ގޯޝްގެ ޔޫޓިއުބް ޗެނަލްއަށް ދިން އިންޓަވިއުގައި ނަވީނާ ބުނީ، ސާޖިދު ޑައިރެކްޓްކުރި ފިލްމު "ހެއި ބޭބީ"ގެ ކާސްޓުން ފުރުސަތު ލިބުނު ކަމަށެވެ.

ސާޖިދު ދައްތަ ފަރާ ޚާންއާ އެކު-- ފޮޓޯ/ ފިލްމުފެއާ
އެ ފިލްމުގައި ނަވީނާއަށް ހުށަހެޅި ރޯލުގެ އޮޑިޝަނަށް ދިޔައީ ސާޖިދުގެ ގެއަށް ކަމަށާއި ނަމަވެސް ކުރިމަތިލާން ޖެހުނީ އުއްމީދުކުރި ކަހަލަ ތަޖުރިބާއަކާ ނޫން ކަމަށް ބަތަލާ ވަނީ ބުނެފައެވެ.
އެ ހާދިސާ ހިނގީ 2004 ވަނަ އަހަރު ކަމަށާއި ނަމަވެސް އޭގެ އެއް އަހަރު ފަހުން އަނެއްކާވެސް ސާޖިދުގެ ކޯލެއް ނަވީނާއަށް ލިބުނު ކަމަށް މި އިންޓަވިއުގައި ބަތަލާ ވަނީ ބުނެފައެވެ.
އެންމެ ހައިރާންވީ ކަމަކީ ނަވީނާއާ މެދު ކަންތައް ހިނގާދިޔަގޮތް އެހާ ފަސޭހައިން ސާޖިދު ހަނދާންނެތި އަނެއްކާ ވެސް ފިލްމަކުން ފުރުސަތު ހުށަހެޅުމުން ކަމަށް މި އިންޓަވިއުގައި ނަވީނާ ވަނީ ބުނެފައެވެ.
ފިލްމު އިންޑަސްޓްރީގައި މަސައްކަތްކުރާ ބައެއް ފިލްމީ ތަރިންނަށް ސާޖިދުގެ ފަރާތުން ޖިންސީ ފުރައްސާރަކުރި ކަން ފަޅާ އަރާފައި ވަނީ 2018 ވަނަ އަހަރު އިންޑިއާގައި ޓްރެންޑުވި "މީ ޓޫ މޫވްމެންޓް"ގެ ތެރެއިންނެވެ.
ސާޖިދަކީ ބޮލީވުޑްގެ މަޝްހޫރު ކޮރިއަގްރާފަރު އަދި ފިލްމު ޑައިރެކްޓަރު ފަރާ ޚާންގެ ކޮއްކޮއެވެ.