ކުއާޒޯ ދި މެންގްރޫވް އައިލެންޑް ފުޓްބޯލް ޗެމްޕިއަންޝިޕް 2025 ގެ ގްރޫޕް ސްޓޭޖުގެ ފަހު މެޗު މިރޭ ކުޅެފިއެވެ.
މި މެޗުގައި ވާދަކޮށްފައިވަނީ ގްރޫޕް ބީގެ ދެ ޓީމު ކަމުގައިވާ ހެނބަދޫ އެފްޓީ އާއި މަނަދޫ އެސްސީއެވެ. މި ދެ ޓީމު ވެސް މެޗަށް ނިކުތްއިރު ސެމީ ފައިނަލްގެ ޖާގަ ވަނީ ގެއްލިފައެވެ. މި ގްރޫޕްގެ ސެމީ ފައިނަލުން ޖާގަ ހޯދީ ގްރޫޕްގެ އެއް ވަނަ ޓީމްގެ ގޮތުގައި އޮތް މާޅެންދޫ އެފްޓީ އަދި ގްރޫޕް ދެވަނައިގައި އޮތް މާފަރު އެފްސީއެވެ.
މެޗުގެ ފުރަތަމަ ހާފް ފެށިގެން ދެ ޓީމުގެ ފަރާތުން ވެސް ވަރަށް ހަމަހަމަ ކުޅުމެއް ފެނިގެން ގޮސްފައިވާއިރު، 39ވަނަ މިނެޓްގައި މަނަދޫއަށް ލިބުނު ހިލޭ ޖެހުމެއް ކާމިޔާބުކޮށް މަނަދޫއިން ވަނީ ލީޑް ނަގާފައެވެ. މި ގޯލު އެ ޓީމަށް ކާމިޔާބުކޮށްދިނީ އެ ޓީމުގެ ޖާޒީ ނަންބަރު 99 އަމްދާހު އަލީއެވެ.
މެޗުގެ ދެވަނަ ހާފް ފެށިގެން ވެސް ދެ ޓީމުގެ ފަރާތުން ހަމަހަމަ ކުޅުމެއް ފެނިގެންގޮސްފައިވާއިރު، ގޯލު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ދެ ޓީމަށް ވެސް ވަނީ ލިބިފައެވެ. ދެވަނަ ހާފުގައި މަނަދޫއިން ވަނީ އިތުރު ގޯލެއް ޖަހައި ލީޑު ފުޅާކޮށްފައެވެ. މި ގޯލު ކާމިޔާބުކޮށްދިނީ އެ ޓީމްގެ ކެޕްޓަން ރައުފަތު އަބޫބަކުރުއެވެ.
މެޗުގެ މޮޅު ކުޅުންތެރިއަކަށް ވެސް ހޮވިފައިވަނީ މަނަދޫގެ ކެޕްޓަން ރައުފަތުއެވެ.

މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނު މަނަދޫގެ ކެޕްޓަން ރައުފަތު -- ސަން ފޮޓޯ
މި މެޗާއެކު މި މުބާރާތުގެ ގްރޫޕް ސްޓޭޖްގެ ހުރިހާ މެޗެއް ކުޅެ ނިމުނީއެވެ.
މުބާރާތުގެ ސެމީ ފައިނަލްގެ މެޗުތައް 27ވާ އާދިއްތަ ދުވަހުގެ ހަވީރާއި، ރޭގަނޑު ކުޅުމަށް ވަނީ ހަމަޖެހިފައެވެ. ސެމީ ފައިނަލްގެ ފުރަތަމަ މެޗުގައި ވާދަކުރާނީ ގްރޫޕް އޭގެ އެއް ވަނަ ޓީމް، ނައިފަރު ޗެލްސީ އެސްސީ އާއި، ގްރޫޕް ބީގެ ދެވަނަ ޓީމް، މާފަރު އެފްސީއެވެ.
އަދި ސެމީ ފައިނަލްގެ ދެވަނަ މެޗުގައި ވާދަކުރާނީ ގްރޫޕް އޭގެ ދެވަނަ ޓީމް، ވިންޑް ވޯރިއޯސް އެސްސީ އަދި ގްރޫޕް ބީގެ އެއްވަނަ ޓީމް، މާޅެންދޫ އެސްސީއެވެ.
މި މުބާރާތުގެ ހުރިހާ މެޗެއް ވެސް އެސްއެސް ޓީވީގެ ޔޫޓިއުބް އަދި ފޭސްބުކްއިން ލައިވް ކުރާނެވެ.