ޖެނެރޭޝަން ބޭން ތައާރަފްކުރަން ޔުނިސެފާއި ޑަބްލިއުއެޗްއޯގެ އޮފިޝަލުންނާ ބައްދަލުކޮށް، ލަފާ ހޯދައިފި

ޔުނިސެފާއި ޑަބްލިއުއެޗްއޯގެ އޮފިޝަލުންނާ މިނިސްޓަރު ބައްދަލުކުރެއްވުން ---- ފޮޓޯ/ހެލްތު މިނިސްޓްރީ

ރާއްޖޭގައި ޖެނެރޭޝަން ބޭން ތައާރަފުކުރުމަށް ޔުނިސެފާއި ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ)ގެ އޮފިޝަލުންނާއި ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހީމް ރޭ ބައްދަލުކުރައްވައި، ލަފާ ހޯއްދަވައިފިއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ޖެނަރޭޝަން ބޭންގެ ވާހަކަ އެންމެ ފުރަތަމަ އިއުލާނުކުރެއްވީ 'ރައްޔިތުންނާ އެކު' ޕޮޑްކާސްޓްގެ ފުރަތަމަ އެޕިސޯޑުގައި މިދިޔަ މަހުގެ 27 ވަނަ ދުވަހުއެވެ. އޭގެފަހުން، މިދިޔަ ބުދަ ދުވަހު ބޭއްވި ޕޮޑްކާސްޓުގައި އެމަނިކުފާނު ވަނީ 18 އަހަރާ 25 އަހަރާ ދެމެދުގެ މީހުންނަށް ދުންފަތުގެ އިސްތިއުމާލުކުރުން މަނާ ކުރުމަށް ހުށަހަޅުއްވާފައެވެ. އެ ހުށަހެޅުމަށް އާންމުންގެ ޚިޔާލު ހޯދަން ބުރާސްފަތި ދުވަހު ހުޅުވާލި މުއްދަތު މިއަދަށް ހަމާވާނެއެވެ.

https://sun.mv/204364

ހެލްތު މިނިސްޓްރީން އެކަމާ ގުޅިގެން ރޭ ކޮށްފައިވާ ޕޯސްޓެއްގައި ވަނީ، ދުންފަތުގެ ރައްކާތެރި ޖީލެއް ބިނާކުރުމަށް ކަމާ ގުޅުން ހުރި ފަރާތްތަކުގެ ޚިޔާލު ހޯދުމަށް ސަރުކާރުން މަޝްވަރާތަކެއް ކުރަމުން އަންނަ ކަމަށެވެ. އެ މަޝްވަރާތަކުގެ ތެރެއިން، މިނިސްޓަރު ނާޒިމް އިއްޔެ ވަނީ ޑަބްލިއުއެޗްއޯއާއި ޔުނިސެފްގެ އޮފިޝަލުންނާ ބައްދަލުކުރައްވާފައެވެ.

އެގޮތުން، މި ބައްދަލުވުމުގައި ޖެނެރޭޝަނަލް ބޭން ކާމިޔާބުކަމާއެކު ތަންފީޒު ކުރުމުގައި ސަމާލުކަން ދޭންޖެހޭ ކަންކަމާ ގުޅޭގޮތުން އެ އިދާރާތަކުންް ލަފާދެއްވާފައިވާ ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.

އެޕޮޑްކާސްޓުގައި ރައީސް ވިދާޅުވީ، 18 އަހަރާއި 25 އަހަރާއި ދެމެދުގެ ޒުވާނުން ދުންފަތުގެ އިސްތިއުމާލު ކުރަން ފަށާތާ އަދި މާ ގިނަ ދުވަހެއް ނުވާނެ ކަމަށެވެ. އަދި އެކަމުން އެ ކުދިން ސަލާމަތްކުރުމަށް ފަސޭހަ ވާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

އެހެންކަމުން އެމަނިކުފާނު ހުށަހެޅުއްވި ތިން ގޮތް ވެސް ފަންނީ ލެވެލެއްގައި މަޝްވަރާ ކުރުމަށްފަހު، ކޮންމެވެސް އެއް ގޮތެއް ނިންމަވާނެ ކަމަށް ވިދާޅުވިއެވެ. އޭރުން ގާނޫނަކުން އެ އުމުރުގެ ކުދިންނަށް ދުންފަތުގެ އިސްތިއުމާލުކުރުން މަނާވާނެކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ޔުނިސެފާއި ޑަބްލިއުއެޗްއޯގެ އޮފިޝަލުންނާ ބައްދަލުކުރުމުގެ ތެރެއިން --- ފޮޓޯ/ ހެލްތު މިނިސްޓްރީ

މީގެ އިތުރުން ސިނގިރޭޓު އެތެރެކޮށް، ސިނގިރޭޓުގެ ވިޔަފާރިކުރާ މީހުން، އެ ވިޔަފާރި ދޫކޮށްލަން ވެސް ރައީސް ވަނީ އެ ދުވަހު ގޮވައިލައްވައިފައެވެ.

ޖެނެރޭޝަން ބޭން ފިޔަވަޅުތަކަކީ ދުނިޔޭގެ އެކި ގައުމުތަކުގައި އަޅަމުންދާ، ދުންފަތުގެ އިސްތިއުމާލުކުރަން އަލަށް ވަންނަ ކުދިން އެ ކަމުން ދުރުކުރުމަށް އަޅާ ފިޔަވަޅުތަކެކެވެ. އެއީ، ވަކި އުމުރަކުން ދަށުގެ ކުދިންނަށް ސިނގިރޭޓު ބުއިން އެއްކޮށް މަނާކުރުމެވެ.

ދުންފަތާ ދެކޮޅަށް ކުރާ މަސައްކަތުގެ ތެރެއިން މި ސަރުކާރުން ވަނީ ސިނގިރޭޓުން ނަގާ ޑިއުޓީ ދެގުނަކޮށް، ވޭޕް ބޭނުންކުރުން އެއްކޮށް މަނާކޮށްފައެވެ.

އެއާއެކު 110 ރުފިޔާއަށް ލިބުނު ސިނގިރޭޓު ފޮއްޓެއްގެ އަގު ވަނީ 240 ރުފިޔާއަށް ބޮޑުވެފައެވެ.

އެ ފިޔަވަޅުތައް އެޅީ އާންމު ސިއްހަތުގެ ނަޒަރަކުން ވިސްނާފައި ކަމަށް ސަރުކާރުން މީގެ ކުރިން ވަނީ ބުނެފައެވެ.

ސިނގިރޭޓުގެ އަގު ބޮޑުކުރުމާ އެކު އިދިކޮޅު ފަރާތްތަކުން ވަނީ އެއީ އާމްދަނީ އިތުރުކުރަން އެޅި ފިޔަވަޅެއް ކަމަށް ބުނެ ފާޑުކިޔައިފައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ސިނގިރޭޓުގެ އަގު ބޮޑުވި ނަމަވެސް ޑިއުޓީން ލިބޭ އާމްދަނީ ވަނީ ދަށްވެފައެވެ.

ބާޒާރުގައި 'ވަގަށް' އެތެރެކޮށްގެން ވިއްކާ ސިނގިރޭޓު ވެސް ގިނަވެފައިވާއިރު، ގިނަ އަދަދެއްގެ ސިނގިރޭޓު ވަގަށް އެތެރެކުރި މައްސަލަތަކެއް މީގެ ކުރިން ފެންމަތިވެފައިވެއެވެ. މި ފަހުން ވެސް ގިނަ އަދަދެއްގެ ސިނގިރޭޓު ވަގަށް އެތެރެކުރަން އުޅުނު މައްސަލައެއް ފެންމަތިވިއެވެ.

comment ކޮމެންޓް