ސަން ބަދިގެ: ބޯކިބާ

އެސްއެސްޓީވީގެ ދިވެހި ރަހަ ޕްރޮގްރާމުގައި މިފަހަރު ގެނެސްދިނީ ދިވެހިން އާންމު ގޮތެއްގައި ކައި އުޅޭ ބޯކިބާ ތައްޔާރުކުރާނެ ގޮތެވެ. ނަމަވެސް މި ފަހަރު މ. އަތޮޅުން މި ގެނެސްދެނީ ބޯކިބާ ތަފާތު ގޮތަކަށް ތައްޔާރުކުރާނެ ގޮތެވެ.

ބޭނުންވާނެ ތަކެތި

  • ހަނޑޫ ފުށް
  • ގިތެޔޮމިރުސް (ކޮށާފައި)
  • ފިޔާ (ކޮށާފައި)
  • ހިކަނދިފަތް (ކޮށާފައި)
  • ލުނބޯ
  • ލޮނު
  • ރީނދޫ
  • ވަޅޯމަސް
  • ހުނި

ތައްޔާރުކުރާނެ ގޮތް

ފުރަތަމަ ބޯތައްޓަކަށް ފިޔައާއި މިރުހާއި ހިކަނދިފަތާއި ލޮނާއި ރީނދޫ އަޅައިލާށެވެ. އޭގެ ތެރެއަށް ލުނބޯ ފެލުމަށްފަހު އެއްކޮށްލާށެވެ. ދެން އެ ފިޔާގަނޑަށް އެއްކުރާނީ ވަޅޯމަހެވެ.

ވަޅޯމަސް ރަނގަޅަށް އެއްކުރުމަށްފަހު ދެން އަޅާނީ ހަނޑޫ ފުށެވެ. ފުށްގަނޑު ރަނގަޅަށް އެއްނުކުރެވޭނަމަ ފެން ފޮދެއް އަޅާލެވިދާނެއެވެ. މި ދެ ބައި ރަނގަޅަށް އެއްކުރެވުމުން ބޯކިބާގެ ރޯފިލުވާ ގަޑި ޖެހުނީއެވެ.

އާންމު ގޮތެއްގައި ބޯކިބާ ފިހެނީ ތަވައެއްގައި ނުވަތަ އަވަނުގައި ކަމަށްވީ ނަމަވެސް މިފަހަރު ތައްޔާރުކުރަނީ ތެއްޔެއްގައެވެ. އެގޮތުން ތެޔޮފޮދެއް ހާކާލުމަށްފަހު ތެލި އުދައި، އުނދުން ރޯކޮށްލާށެވެ.

ތެޔޮ ހޫނުވުމުން އުނދުން ނިއްވާލާނީއެވެ. ނިއްވާލުމަށް ފަހު ބޯކިބާ ފުށްގަނޑު އަޅައި، ތެލީގައި ފަތުރާލާާށެވެ.

އެއަށްފަހު، ތެލީގައި ދަގަނދު މައްޗެއް އަޅައި، ރޯކޮށްފައިހުރި ބޮނބި އޭގެ މައްޗަށް އަޅަނީއެވެ. ބޯކިބާ ފިހެން ނަގާނީ ގާތްގަނޑަކަށް 30 މިނެޓެވެ. އެހާ ވަރަށް ގިނައިރު މަޑުކޮށްލުމަށްފަހު މަތި ނަގައި، ތެލި ބަހައްޓާނީ ރޯކޮށްފައި ހުރި ބޮނބީގެ މަތީގައެވެ. އެގޮތަށް 20 މިނެޓު ބެހެއްޓުމަށްފަހު ނަގާއިރު ބޯކިބާ ހުންނާނީ ތައްޔާރުވެފައެވެ.

comment ކޮމެންޓް