ގުދުސްގައި ހުންނަ އިސްރާއީލުގެ އަސްކަރީ ބޭހެއްގެ ކައިރީ އަލިފާން ރޯވެއްޖެ

ގުދްސުގައި އަނދަމުންދާ އަލިފާންގަނޑު

ހިފާފައިވާ ގުދްސު (26 ޖޫން 2024): ހިފާފައިވާ ގުދުސްގައިވާ އިސްރާއީލުގެ އަސްކަރީ ބޭހެއްގެ ކައިރީގައި އަލިފާނުގެ ބޮޑު ހާދިސާއެއް ހިނގައި ބިޔަ އަލިފާންގަނޑެއް ފެތުރެމުން އެބަދެއެވެ.

އިސްރާއީލުގެ އަސްކަރީ ރޭޑިއޯ ބުނާގޮތުން ގުދްސުގައިވާ އިސްރާއީލުގެ އެންމެ ބޮޑު އަސްކަރީ ބޭސްކަމަށްވާ އޫފްރައިޓް ބޭހާ ވަރަށް ކައިރީގައި ބޮޑު އަލިފާންގަނޑެއްދަނީ އަނދަމުންނެވެ. މި އަލިފާންގަނޑު ނިއްވާލުމަށްޓަކައި އަލިފާން ނިއްވާ ޓީމުތަކުގެ 12 ޓީމު އެއް ފަހަރާ މަސައްކަތްކުރަމުން އަންނަ ކަމަށާއި ނަމަވެސް ރޭގައި އަނދަން ފެށި އަލިފާންގަނޑު އަދިވެސް ނިއްވާނުލެވޭކަމަށް އިސްރާއީލުގެ އަސްކަރީ ރޭޑިއޯ ބުނެއެވެ.

މި އަލިފާންގަނޑުގެ ނުރައްކާ އޫފްރައިޓް ބޭސްއަށް ވަރަށް ބޮޑުކަމަށް އިސްރާއީލުގެ އަސްކަރީ މަސްއޫލުވެރިއަކުވަނީ ބުނެފައެވެ.

ގުދްސުގައި އިސްރާއީލުން ބިނާކޮށްފައިވާ ހިބްރޫ ޔުނިވާސިޓީ ވެސް ހުންނަނީ މި ތަނާ ވަރަށް ގާތުގައެވެ. މި އަލިފާންގަނޑު އަނދަމުންދަނީ އެ ތަނުގެ ކައިރީގައިވާ އަލްމަޝާރިފް ފަރުބަދަތަކުގައިވާ ގަސްތަކާއި އެ ނޫން ވެސް ތަންތަނުގައެވެ. މި ތަނުގައި ހުޅުޖެހިކަމަށް ބެލެވެނީ ބަޔަކު ގަސްދުގައި ކަމަށާއި މިކަން ތަހުގީގު ކުރަމުން ގެންދާކަމަށް އިސްރާއީލުގެ ފުލުހުން ބުނެއެވެ.

މި ދުވަސްވަރަކީ މި ސަރަހައްދަށް ހޫނު މޫސުންކަމުން އާންމުކޮށް ފިނި ހޫނުމިން އުޅެނީ ދުވާލުގެ ގަޑިތަކުގައި 40 ޑިގްރީ ސެލްސިއަސްއިން މަތީގައެވެ. އެހެންކަމުން އަލިފާންގަނޑު ނިއްވާލުމަށް ބޮޑެތި ދަތިތަކެއް ކުރިމަތިވެފައިވާކަމަށް އިސްރާއީލުގެ ކަމާބެހޭ ފަރާތްތަކާ ހަވާލާދީ އިސްރާއީލުގެ އަސްކަރީ ރޭޑިއޯއިން ބުނެއެވެ.

މާތްވެގެންވާ މަސްޖިދުލް އަގްސާ ހުންނަ ފަލަސްތީނުގެ ސިޓީއެއް ކަމަށްވާ ގުދްސް ނުވަތަ ބައިތުލް މަގްދިސްއަކީ 1967 ވަނަ އަހަރު އިސްރާއީލު ގަދަބާރުން ވެރިވެގެންފައިވާ ސިޓީއެކެވެ. މި ސިޓީއަކީ ފަލަސްތީނުގެ ސަރަހައްދެއްކަމަށްވާ ހުޅަނގު އައްސޭރީގައިވާ އެންމެ ބޮޑު ސިޓީއެވެ.

އިސްރާއީލުން ހުޅަނގު އައްސޭރި އަށާއި ޣައްޒާއަށް ވެރިވެގެންފައިވަނީ 1967 ވަނަ އަހަރުއެވެ. އެ އަހަރު އިސްރާއީލުންވަނީ ސޫރިޔާގެ ގޯލާންގެ ބިންތަކަށާއި އުރުދުންގެ ވާދީ އަރަބާ ބިންތަކަށާއި މިސްރުގެ ސީނާ ސަރަހައްދަށް ވެސް ވެރިވެގެންފައެވެ.

ނަމަވެސް، މިސްރުން 1979 ވަނަ އަހަރު އިސްރާއިލާ ސުލްހަވެ އިސްރާއީލާ އެކު ޑިޕްލޮމެޓިކް ގުޅުންތައް އުފެއްދުމުން އިސްރާއީލުންވަނީ މިސްރުގެ ސީނާ ސަރަހައްދުން ފައިބައި އެތަން މިސްރު ސަރުކާރާ ހަވާލުކޮށްފައެވެ.

އިސްރާއީލުން 1984 ވަނަ އަހަރުވަނީ ހިފާފައިވާ ގުދްސަކީ އިސްރާއީލުގެ އަމިއްލަ ތަނަކަށް ޣައިރު ގާނޫނީ ގޮތުން ހަދައި އެސިޓީ އެނެކްސް ކޮށްފައެވެ. މިއީ ޣައިރު ގާނޫނީ ކަމެއްކަމުން އިސްރާއީލުގެ މިނިންމުން ބަލައިގަންނަނީ އިސްރާއީލުގެ ޓެރަރިޒަމްގެ ހަރަކާތްތަކަށް ވާގިވެރިވާ އެމެރިކާފަދަ ވަރަށް މަދު ގައުމަކުންނެވެ.

comment ކޮމެންޓް