ދިވެހީން ދިގު އިންތިޒާރެއް ކުރި "ނީނާ" ފިލްމު ރޭ ލޯންޗުކުރިއިރު އެންމެންވެސް ދައްކަމުން އަންނަނީ ފިލްމުގެ ރީތި ވާހަކައެވެ.
އޮލިމްޕަހުގައި މި ޝޯ އަޅުވާފައިވާއިރު މި ފިލްމު ބަލާލުމަށް ގިނަ ޢާންމުންނާއި ފިލްމީ ދާއިރާގެ ގިނަ ފަރާތްތަކުން ވަނީ ގޮސްފައެވެ. އެގޮތުން، މި ފިލްމުގެ ލީޑު އެކްޓަރުންގެ ގޮތުގައި ފެންނަނީ ނުޒުހަތު ޝުއައިބުގެ އިތުރުން ޝަރަފުއްދީން އަބްދުﷲ (ޝަރަފް)އެވެ. އަދި އިތުރު ތަރިންގެ ގޮތުގައި ހަމްދާން ފާރޫގު، އަލީ ޔޫޝައު، އަލީ އިނާޒް، ހަސަން ޝިނާން، އިބްރާހީމް ޝާއިފް، ހުސައިން ޝާމިހު މުހައްމަދު، ނަތާޝާ ޖަލީލް، އައިޝާ އަލީގެ އިތުރުން މަރިޔަމް ޝަކީލާ އާދަމްވެސް ފެނެއެވެ.
ފިލްމަށް ފަހު ގިނަ އާންމުން ބުނީ މި ފިލްމަށް "10 އައުޓް އޮފް 10" ދޭ ވަރު ވާ ކަމަށެެވެ. އަދި މިއީ ދިވެހި ފިލްމް އިންޑަސްޓްރީގެ އެންމެ މަތީ ފަންތީގައި ވާދަކުރާނެވަރުގެ ފިލްމެއް ކަމަށް ވެސް ގިނަ ބަޔަކު ވަނީ ބުނެފައެވެ.
ނީނާ ފިލްމުން ދައްކުވައިދެނީ ހިތްވަރުގަދަ އަންހެނެއްގެ ވާހަކައެވެ. ޖިސްމާނީ އަނިޔާ ލިބެމުންދާ ފަރާތްތަކާ ދެކޮޅަށް އަމިއްލައަށް ތެދުވާން މި ފިލްމުގެ ޒަރިއްޔާއިން ވަނީ ދައްކައިދީފައެވެ. ޖިސްމާނީ އަނިޔާއަކީ މިއަދު ރާއްޖޭގައިވެސް އާންމުވަމުން އަންނަ ކަމެކެވެ. އަންހެން މީހާ އޭނާގެ އަމިއްލަ ދިފާއުގައި ތެދުވާ ގިނަ މަންޒަރުތަކެއް މި ފިލްމުން ދައްކުވައިދެއެވެ.
މި ފިލްމަކީ ގިނަ އިބުރަތްތަކެއް ބެލުންތެރިންނަށް ދޫކޮށްފައިވާ ފިލްމެކެވެ. ނޭވާ ހިފަހައްޓާލަން ޖެހޭފަދަ ގިނަ މަންޒަރުތަކެއް މި ފިލްމުގައި ދައްކުވައިދެއެވެ. އަދި އޮލިމްޕަސް އެކީ ހަމަހިމޭންވީ ގިނަ ވަގުތުތަކެއްވެސް ދިޔައެވެ. އަދި މި ފިލްމު ބެލި ގިނަ މީހުން ބުނީ ފިލްމުގެ އެކި ހިސާބުތަކުން ރޮވިފައިވެސް ވާ ކަމަށެވެ.
ފިލްމަށްފަހު ފިލްމުގެ ޑައިރެކްޓަރު އިލްޔާސް ވަހީދު (އިއްލެ) "ސަން"އަށް ބުނީ މި ޝޯގެ ރިވިއުތަކާ މެދު ހިތްހަމަ ޖެހޭ ކަމަށެެވެ. އަދި މި ފިލްމަށް މިހާ ބޮޑު ތަރުހީބެއް ލިބިފައި ވުމުން އުފާވާ ކަމަށްވެސް އިއްލެ ބުންޏެވެ.
ތަފާތު ރޯލަކުން އޭނާ ފެނުނު އެ ފިލްމަށްފަހު ނުޒޫ "ސަން"އަށް ބުނީ އޭނާގެ މަސައްކަތާ މެދު ވަރަށް ވެސް ހިތްހަމަޖެހޭ ކަމަށެވެ.
"ނުޒޫވެސް އިނީ ނުޒޫބާއޭ ހިތަށް އަރާފަ. ވަރަށް ސެންސިޓިވް ވި ހިސާބުތަކެއް ވެސް ދިޔަ. ކޮންޓްރޯލް ނުވެ ހަމަ ރޮވުނު،" ނުޒޫ ބުންޏެވެ.
ފިލްމު ނިންމާލީ "ނީނާ ވިލް ބީ ބެކް" އޭ ބުނަމުންނެވެ. މިކަމާ ގުޅިގެން ފިލްމުގެ ކްރޫއިން ބުނަނީ ހަމަ ނީނާ އެނބުރި އަންނާނެ ކަމަށާއި އެކަމާ ގުޅޭ އިތުރު ތަފްސީލެއް ދެވެން ނެތް ކަމަށެވެ.
މި ފިލްމުގެ ލީޑު އެކްޓަރެއްގެ ގޮތުގައި ފެނުނީ ޝަރަފްގެ މޮޅު އެކްޓިންއެވެ. ނީނާ ފިލްމާ މެދު ދެކޭގޮތް ހިއްސާކުރަމުން ޝަރަފް "ސަން"އަށް ބުނީ ފިލްމާމެދު ވަރަށް ހިތްހަމަ ޖެހޭ ކަމަށެވެ.
"މީހުންގެ އެކްސްޕެކްޓޭޝަނާއި މެޗުވެއްޖެ އަސްލު. ހަމަ ހުރިހާ އެންމެންވެސް ވަރަށް ވަރަށް ރީއްޗޭ ބުނީ. އެހެންވީމަ ވަރަށް އުފާވެފަ މިހުރީ،" ޝަރަފް ބުންޏެެވެ.
އިއްލެގެ ނީނާ އަކީ އޭނާގެ ފުރަތަމަ ފިލްމު "ބަވަތި"ގެ ކާމިޔާބީއާ އެކު 2019ވަނަ އަހަރު އިއުލާނު ކޮށްފައިވާ ފިލްމެކެވެ. ނަމަވެސް އެކި ސަބަބުތަކާ ހުރެ ރިލީޒްކުރުން ލަސްވެފައިވާ މި ފިލްމު އެންމެ ފުރަތަމަ ރިލީޒްކުރުމަށް ހަމަޖެހިފައި އޮތީ 2020ވަނަ އަހަރެވެ. ނަމަވެސް ކޮވިޑާ އެކު ފިލްމު ލަސްވެ ޕްރިމިއާ ކުރެވުނީ ރޭގައެވެ.
ޓިކެޓާ ގުޅޭ ކަންތައްތަކުގެ މައުލޫމާތު ހޯދައި ސީޓް ރިޒާވް ކުރުމުގެ މަސައްކަތަށް ހަމަޖައްސާފައިވާ ހޮޓްލައިން އަކީ 7242555 އެވެ. އަދި, ޓިކެޓް ދޫކުރުމުގެ ކަންތައް ހަމަޖެހިފައިވަނީ އޮލިމްޕަހުންނެވެ.
މި ފިލްމުގެ 30 ޝޯއެއް ދެއްކުމަށް ވަނީ ހަމަޖެހިފައެވެ. އަދި ރިކުއެސްޓް އަންނަ ވަރަކުން އަތޮޅު ތެރޭގައި ވެސް ފިލްމު އަޅުވާނެއެވެ.