ސަރުކާރުގެ އެއްބާރުލުން ނުލިބޭތީ، ވ. އަތޮޅު ކައުންސިލުން މަސައްކަތްތައް ހުއްޓާލަނީ

ފޮއްތެޔޮ ބޮޑުފުށި. މި ފަޅު ވިއްކާލުމަށް ސަރުކާރުން ވަނީ ނިންމާފައި

ކައުންސިލްގެ މަސައްކަތްތައް ކުރިއަށް ގެންދިއުމުގައި ސަރުކާރުގެ ފަރާތުން ދޭންޖެހޭ އެއްބާރުލުން ނުލިބޭކަމަށް ބުނެ، ވ. އަތޮޅު ކައުންސިލްގެ މަސައްކަތްތައް ވަގުތީ ގޮތުން ހުއްޓާލަން އިއްޔެ ނިންމައިފިއެވެ.

އެ ކައުންސިލުން މި ނިންމުން ނިންމާފައި ވަނީ އިއްޔެ ބޭއްވި ކައުންސިލްގެ ބައްދަލުވުމުގައެވެ.

ވ. އަތޮޅު ކައުންސިލުން މިގޮތަށް ނިންމާފައިވަނީ، އަތޮޅު ކައުންސިލްގެ އިހްތިސާސްގެ ތެރޭގައި ހިމެނޭ ކަންކަމަށް ކައުންސިލަށް އެނގުމަކާއި ނުލައި ސަރުކާރުން ގޮތްތައް ނިންމަމުންދާތީއެވެ.

މިކަމާއި ގުޅޭގޮތުން "ސަން" އާ ވާހަކަ ދައްކަވަމުން ވ. އަތޮޅު ކައުންސިލްގެ ރައީސް ޝުޖާއު އަލީ ވިދާޅުވީ، އަތޮޅު ކައުންސިލްގެ ފަރާތުން ރަށްރަށުގައި ފޯރުކޮށްދޭންޖެހޭ ޚިދުމަތްތަކާއި ގުޅިގެން ސަރުކާރުގެ ބައެއް އިދާރާތަކާއި، ޙާއްޞަ ގޮތެއްގައި ރައީސް އޮފީހާއެކު ކުރެވޭ މުއާމަލާތް ތަކުގައި އެ ބޭފުޅުންގެ ފަރާތުން އެއްވެސް ވަރަކަށް އެއްބާރުލުން ލިބެމުން ނުދާކަމަށެވެ.

ޝުޖާއު ވިދާޅުވީ، ރައްޔިތުންނާ ގުޅުންހުރި ކަންކަމުގައި އަތޮޅު ކައުންސިލުން ސަރުކާރަށް ފޮނުވާ ސިޓީތަކަށް ޖަވާބު ނުފޮނުވާ، ހަމައެކަނި ސަރުކާރުން ބޭނުންވާ ކަންކަން ކުރާނަމަ ކައުންސިލް ހުޅުވައިގެން ކުރާނެ މާބޮޑު މަސައްކަތްތަކެއް އޮންނާނެ ކަމަކަށް ނުދެކޭ ކަމަށެވެ.

"ދައުލަތުގެ އެއްވެސް ވުޒާރާއަކުން އެ އަތޮޅެއްގައި އޮތް ފަޅެއް ނުވަތަ ފަޅުރަށެއް ވަކިގޮތަކަށް ބޭނުންކުރާނަމަ އަތޮޅު ކައުންސިލާ ވެސް މަޝްވަރާކޮށް އެ ނިންމާ ނިންމުމެއް ނިންމަންޖެހެނީ. އެ ނިންމުމެއް ވާންޖެހެނީ އެ އަތޮޅެއްގެ ރައްޔިތުންނަށް އެންމެ ފައިދާބޮޑު ގޮތަކަށް.ކަންބޮޑުވުމަކީ އެކަހަލަ ކަންތައްތަކަށް އެ ބޭފުޅުން އަހަމިއްޔަތުކަން ނުދޭތީ" ޝުޖާއު ވިދާޅުވިއެވެ.

ޝުޖާއު ވިދާޅުވީ ވ. އަތޮޅު ކައުންސިލްގެ މަސައްކަތްތައް ވަގުތީ ގޮތުން ހުއްޓާލަން ނިންމީ އެލްޖީއޭއާ ވެސް ޙިއްޞާ ކުރުމަށް ފަހު ކަމަށެވެ.

އަތޮޅު ކައުންސިލްގެ މަސައްކަތްތައް ހުއްޓާލާނެ ކަމަށް އެ ކައުންސިލުން އިލްތިމާސް ކޮށްފައި ވާއިރު، ރިސޯޓް ތަރައްޤީކުރުމަށް ވ. އަތޮޅުން ފަޅު ދޫކުރުމަށް ސަރުކާރުން ނިންމި ނިންމުމަށް އަތޮޅު ކައުންސިލުން ވަނީ ނުރުހުން ފާޅުކޮށް އެކަމާއި ދެކޮޅު ހަދާފައެވެ.

ފޮއްތެޔޮ ކުއްޔަށް ދޫކުރުމަށް ނިންމި މައްސަލާގައި އަތޮޅު ކައުންސިލުން ބުނެފައި ވަނީ ހިމާޔަތް ކޮށްފައިވާ ތަނެއްގެ ގޮތުގައި ކަނޑައެޅުމުގެ މަސައްކަތް ކުރަމުން ދަނިކޮށް، ޓޫރިޒަމް މިނިސްޓްރީން އެ ފަޅު ހިއްކައި، ރިސޯޓް ތަރައްޤީކުރަން ނިންމީ ކައުންސިލަށް އެނގުމެއް ނެތި ކަމަށެވެ.

comment ކޮމެންޓް