މިހާރު ދައްކަމުން އަންނަ އެންމެ ކޮންޓްރޮވާޝަލް ޝޯ ކަމަށްވާ "ދަ އައިޑަލް"ގައި ކޭޕޮޕް ތަރި ޖެނީ ކިމްގެ ފަރާތުން ފެންނަ ރޯލަށް ޓީވީގެ ބޮޑު އެވޯޑު "އެމީ" އެއް ލިބުމަކީ އެކަށީގެންވާ ކަމެއް ކަމަށް ފޯބްސް އިން ލަފާކޮށްފިއެވެ.
އެޗްބީއޯގެ ޝޯ ދަ އައިޑަލްގެ ފުރަތަމަ ސީޒަން މިހާރު މެދާ ހަމައަށް ގޮސްފައިވާއިރު މި ޝޯގައި ހިމެނޭ ކޮންޓެންޓްތަކަކީ ވަރަށް ކަމު ނުދާ ކޮންޓެންޓްތަކެއް ކަމަށް އެތައް ބަޔަކު އަންނަނީ ބުނަމުންނެވެ. އޭގެ ތެރޭގައި ގެވެށި އަނިޔާ އާއި އެ ނޫން ވެސް މައްސަލަތައް ސިފަކޮށްފައިވަނީ ނުރަނގަޅު ގޮތްތަކަކަށް ކަމަށް މީހުން ބުނެއެވެ.
މި ޝޯ ޕްރޮމޯޓު ކުރަމުން ދިޔަ އިރު އެންމެ ގިނަ ބައެއްގެ މެދުގައި ޝޯއަށް މަގުބޫލުކަން އުފެދުނީ ކޭޕޮޕްގެ އެންމެ ބޮޑު އެއް ގްރޫޕު ކަމަށްވާ "ބްލެކްޕިންކް"ގެ ޖެނީ ޝޯއިން ފެންނާނެ ކަމަށް އިއުލާނު ކުރި ހިސާބުންނެވެ. މިއީ ޖެނީގެ ފުރަތަމަ އެކްޓިން ރޯލެވެ.
ޝޯގައި ޖެނީ ކުޅެން ހަމަޖެހިފައި އޮތީ ވަރަށް މުހިންމު ކެރެކްޓާއެއްގެ ރޯލެވެ. ނަމަވެސް ޝޯގެ ބޮޑު ބައެއް ނިމިފައިވަނިކޮށް މުޅި ޝޯގެ ފޯމެޓަށް ގެނައި ބަދަލުގައި ޖެނީގެ ރޯލު ވަނީ ވަރަށް ކުޑަ ކޮށްފައެވެ. މިހާރު ޖެނީ ފެންނަނީ އެޕިސޯޑެއްގައި މިނެޓަކަށް ވުރެ ކުޑަ ހިނދުކޮޅަކަށެވެ.
ނަމަވެސް އެމެރިކާގެ ބޮޑު ވިޔަފާރި މީޑިއާ ކަމަށްވާ ފޯބްސްއިން މިހާރު ބުނަމުން އަންނަނީ ޖެނީގެ ރޯލަށް އޭނާއަށް ޝަރަފުވެރި އެމީއެއް ލިބުން އެކަށީގެންވާ ކަމަށެވެ.
ފޯބްސްއިން ބުނަނީ އެމީގެ އެވޯޑުގެ ދާއިރާއަކަށް ކުރިމަތިލާން ބޭނުންވާ ނަމަ ޖެނީ އެ އެވޯޑަކަށް މިހާރު ޝަރުތު ފުރިހަމަ ވާނެ ކަމަށެވެ. ނަމަވެސް އެޗްބީއޯއިން ނުވަތަ އައިޑަލްގެ ޓީމުން ޖެނީގެ ނަން ނޯމިނޭޝަނަށް ފޮނުވާނެ ކަމާ މެދު ޔަގީން ކަމެއް ނެތް ކަމަށް ފޯބްސްއިން ބުނެއެވެ.
ޖެނީގެ ނަން އެވޯޑަށް ލައިފި ނަމަ އެމީގެ އެވޯޑެއް ޖެނީއަށް ލިބުމަކީ އެކަށީގެންވާ ކަމެކެވެ. ޖެނީ އަށް އެމީއެއް ލިބިއްޖެ ނަމަ އޭނާ ވާނީ އެ އެވޯޑު ލިބޭ ކޮރެއާގެ ފުރަތަމަ ތަރިއަށެވެ.