މިދިޔަ އަހަރު އެންމެ ބޮޑު އާމްދަނީއެއް ލިބުނު އެތުލީޓަކަށް ރޮނާލްޑޯ

އަލް ނަސްރުގެ ޕޯޗުގަލް ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ -- ފޮޓޯ/ ގެޓީ

ވާދަވެރި ކުޅުންތެރިޔާ ލިއޮނެލް މެސީ ފަހަތަށް ޖައްސާލުމަށްފަހު، "ފޯބްސް" އިން އާންމުކުރާ އެންމެ ބޮޑު އާމްދަނީއެއް ލިބޭ އެތުލީޓުންގެ ލިސްޓުގެ އެއްވަނައަށް ޕޯޗުގަލް ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ޖެހިލައިފިއެވެ.

ސީޒަން ނުނިމެނީސް ރޮނާލްޑޯ ވަނީ މެންޗެސްޓާ ޔުނައިޓެޑްގެ ކޮންޓްރެކްޓް ބާތިލުކުރުމަށްފަހު، ބޮޑު އަގަކަށް ސައުދީ އަރަބިއާގެ އަލް ނަސްރަށް ބަދަލުވެފައެވެ. ނަމަވެސް އެ ކްލަބުން ރޮނާލްޑޯއަށް ދޭ މުސާރަ އާއި އިނާޔަތްތަކުގެ އަދަދުތައް ރަސްމީކޮށް ހާމަކޮށްފައެއް ނުވެއެވެ.

ފޯބްސް އިން އާންމުކުރި ލިސްޓުގައިވާ ގޮތުން ފައިސާގެ އިނާމާއި މުސާރަ އަދި ބޯނަސްގެ ގޮތުގައި އުމުރުން 38 އަހަރުގެ ފުޓުބޯޅަ ކުޅުންތެރިޔާ ރޮނާލްޑޯއަށް ވަނީ 109 މިލިއަން ޕައުންޑް ލިބިފައެވެ. ލިސްޓުގެ ދެވަނައިގައި އޮތް ފްރާންސްގެ ފެރިސް ސެއިންޓް ޖާމައިން (ޕީއެސްޖީ) ގެ އާޖެންޓީނާ ތަރި މެސީއަށް 104 މިލިއަން ޕައުންޑް ލިބިފައިވާ އިރު، ތިންވަނައިގައި އޮތީ މެސީއާއެކު ޕީއެސްޖީއަށް ކުޅޭ ފްރާންސް ތަރި ކިލިއަން އެމްބާޕޭއެވެ. ފޯބްސް އިން ބުނާގޮތުގައި އޭނާއަށް މިދިޔަ އަހަރު ލިބިފައިވަނީ 96 މިލިއަން ޕައުންޑެވެ.

ޕީއެސްޖީގެ އާޖެންޓީނާ ތަރި ލިއޮނެލް މެސީ -- ފޮޓޯ/ ގެޓީ

މިހާރު ރޮނާލްޑޯ ވެފައިވަނީ ތާރީހުގައި ވެސް އަހަރެއްގެ މައްޗަށް އެންމެ ބޮޑު އާމްދަނީއެއް ލިބުނު ފުޓުބޯޅަ ކުޅުންތެރިޔާއަށެވެ. ރޮނާލްޑޯ ވަނީ މީގެ ކުރިން 2017 ވަނަ އަހަރު ވެސް އެ ލިސްޓުގެ އެންމެ ކުރިއަށް ޖެހިލައިފައެވެ.

ފޯބްސްގެ އެ ލިސްޓުގައި އެމްބާޕޭގެ ފަހަތުން ގަދަ ފަހެއްގައި ހިމެނުނީ ބާސްކެޓްބޯޅަ ލެޖެންޑް ލެބްރޯން ޖޭމްސް އާއި ބޮކްސިން ތަރި ކެނެލޯ އަލްވަރޭޒެވެ. ފޯބްސްގައިވާ ގޮތުން މިދިޔަ އަހަރު ލެބްރޯންއަށް 95 މިލިއަން ޕައުންޑް ލިބިފައިވާ އިރު، ކެނެލޯއަށް ލިބިފައިވަނީ 88 މިލިއަން ޕައުންޑެވެ.

އެންމެ ބޮޑު އާމްދަނީއެއް ލިބުނު އެތުލީޓުން:

  1. ކްރިސްޓިއާނޯ ރޮނާލްޑޯ – 109 މިލިއަން ޕައުންޑް
  2. ލިއޮނެލް މެސީ – 104 މިލިއަން ޕައުންޑް
  3. ކިލިއަން އެމްބާޕޭ – 96 މިލިއަން ޕައުންޑް
  4. ލެބްރޯން ޖޭމްސް – 95 މިލިއަން ޕައުންޑް
  5. ކެނެލޯ އަލްވަރޭޒް – 88 މިލިއަން ޕައުންޑް
  6. ޑަސްޓިން ޖޯންސަން – 86 މިލިއަން ޕައުންޑް
  7. ފިލް މިކެލްސަން – 85 މިލިއަން ޕައުންޑް
  8. ސްޓެފަން ކަރީ – 81 މިލިއަން ޕައުންޑް
  9. ރޮޖާ ފެޑެރާ – 76 މިލިއަން ޕައުންޑް
  10. ކެވިން ޑުރާންޓް – 72 މިލިއަން ޕައުންޑް
comment ކޮމެންޓް