ފޯބްސް މަޖައްލާއިން ހޮވާ ދުނިޔޭގެ އެންމެބޮޑު މުސާރަ ލިބޭ އެތްލީޓުގެ މަގާމު ސައުދީގެ އަލް ނަސްރަށް ކުޅެމުންދާ ޕޯޗްގަލްގެ ކްރިސްޓިއާނޯ ރޮނާލްޑޯ ހޯދައިފިއެވެ.
ދުނިޔޭގެ އެންމެ ބޮޑު މުސާރަލިބޭ ކުޅުންތެރިޔާގެ މަޤާމު ޕޯޗްގަލްގެ ކްރިސްޓިއާނޯ ރޮނާލްޑޯ ހޯދާފައިމިވަނީ އޭނާއާ އެންމެ ވާދަވެރި އާޖެންޓީނާގެ ލިއޮނެލް މެސީ ފަހަތަށް ޖައްސާލުމަށްފަހުއެވެ. އަދި މިއީ 2017 ވަނަ އަހަރަށްފަހު ފޯބްސްގެ މި މަގާމް ރޮނާލްޑޯއަށް ލިބުނު ފުރަތަމަ ފަހަރެވެ.
ފޯބްސްއިން ބުނާގޮތުގައި އަލް ނަސްރަށް ކުޅެމުންދާ ކްރިސްޓިއާނޯ ރޮނާލްޑޯއަށް މިދިޔަ އަހަރު ވަނީ މުސާރަ އާއި ބޯނަހުގެ އިތުރުން ސްޕޮންސަރ ތަކުން ޖުމްލަ އާމްދަނީގެ ގޮތުގައި 136 މިލިއަން ޑޮލަރު ލިބިފައެވެ.
ރޮނާލްޑޯގެ ފަހަތުން ދެވަނައަށް އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ޕީއެސްޖީއަށް ކުޅެމުން އަންނަ ލިއޮނެލް މެސީއަށެވެ. މިދިޔަ އަހަރު މެސީއަށް ލިބުނު އާމްދަނީ އުޅެނީ 130 މިލިއަން ޑޮލަރުގައެވެ.

ޕީއެސްޖީގެ އާޖެންޓީނާ ތަރި ލިއޮނެލް މެސީ -- ފޮޓޯ/ ގެޓީ
ތިންވަނައަށް އެންމެބޮޑު އާމްދަނީއެއް ލިބިފައިވަނީ މެސީއާއެކު ޕީއެސްޖީއަށް ކުޅެމުން އަންނަ ފްރާންސްގެ ކިލިއަން އެމްބާޕޭއަށެވެ. މުސާރަ އާއި ބޯނަހުގެ އިތުރުން ސްޕޮންސަރ ތަކުން އެމްބާޕޭއަށް ވަނީ މިދިޔަ އަހަރު 120 މިލިއަން ޑޮލަރު ލިބިފައެވެ.

ކިލިއަން އެމްބާޕޭ --- ފޮޓޯ/ އޭޕީ
ފޯބްސްއިން ހޮވާ ދުނިޔޭގެ އެންމެ ބޮޑު މުސާރަ ލިބޭ އެތްލީޓުގެ މަގާމު ކްރިސްޓިއާނޯ ރޮނާލްޑޯއަށް ލިބުމުގެ މައިގަނޑު ސަބަބަކީ އޭނާ ސައުދީގެ އަލް ނަސްރާއެކު ހަދާފައިވާ އެއްބަސްވުމެވެ.
މި އެއްބަސްވުމުގައިވާގޮތުން މުސާރައިގެ ގޮތުގައި 177 މިލިއަން ޕައުންޑުގެ މުސާރައެއް ދޭން ޖެހެއެވެ. އަލް ނަސްރާއެކު ރޮނާލްޑޯ ހަދާފައިވާ އެއްބަސްވުމުގައިވާ ގޮތުން 2025 ވަނަ އަހަރާއި ހަމަޔަށް އެ ކްލަބްގައި އޭނާ ހުންނާނެއެވެ.