މައިލޯ ޓީ ޓްވެންޓީ ކްރިކެޓް މުބާރާތުގައި މިއަދު ކުޅުނު މެޗުތައް އައިޒީ އާއި މާލޭ ވެޓަރަންސް ކާމިޔާބުކޮށްފިއެވެ.
ފުރަތަމަ މެޗު ވެސްޓް ސްޕޯޓްސް ކްލަބާ ބައްދަލުކޮށް ހަ ވިކެޓުން ކާމިޔާބުކުރީ އައިޒީއެވެ. މިމެޗު ވިއްސާރަވުމުގެ ސަބަބުން 12 އޯރަށް މަދުކުރުމަށްފަހު، ގުރުދިމާވުމުން ވެސްޓް ގަސްދުކުރީ ކުޅުމަށެވެ. ވެސްޓް ކުޅެންއަރާ 12 އޯވަރު ހަމަވިއިރު ހަތަރު ކުޅުންތެރިން ނުބައިވެގެން ހެދުނީ 79 ލަނޑެވެ. މި އިނިންގްސްގައި އެންމެ ގިނަ ލަނޑު ހެދީ ޒަދުހާން 33 އަދި އެލަން 25 ލަނޑެވެ.
ޖަވާބުގައި އައިޒީ ކުޅެންއަރާ 12 ވަނަ އޯވަރުގައި 80 ލަނޑުހަދައި މެޗު ކާމިޔާބުކުރިއެވެ. މެޗުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ޒަހްދާންއެވެ.
މިއަދުގެ ދެވަނަ މެޗުގައި ސީބީއެލް އާ ދެކޮޅަށް ކުޅެން އޮތްމެޗުގެ ގުރުދިމާވުމުން މާލޭ ވެޓްރަންސް ގަސްދުކުރީ ކުޅުމަށެވެ. ހަތް ކުޅުންތެރިން ނުބައިވެގެން 20 އޯވަރު ހަމަވިއިރު މާލޭ ވެޓަރަންސްއަށް ހެދިފައިވަނީ 163 ލަނޑެވެ. އެންމެ ގިނަ ލަނޑު ހެދީ 72 ލަނޑުހެދި ތާރަކަ އާއި، 48 ލަނޑު ހެދި ކައުސަލްއެވެ.
ޖަވާބުގައި ސީބީއެލް ކުޅެންއަރާ 19 ވަނަ އޯވަރުގައި ހުރިހާ ކުޅުންތެރިން ނުބައިވެގެން ހެދުނީ 142 ލަޑެވެ. މި އިނިންގްގައި އެންމެ ގިނަ ލަނޑު ހަދާފައިވަނީ 53 ލަނޑު ހެދި މުއާވިއަތު އަބްދުލް ޣަނީ އާއި 26 ލަނޑު ހެދި އަޙްމަދު އަމީލެވެ.
މި މުބާރާތުގެ ކުޅުން ދެން އޮންނާނީ 27 ވަނަ ދުވަހެވެ. ފުރަތަމަ މެޗުގައި ބައްދަލުކުރާނީ އައިޒީއާއި މާލޭ ސްޕޯޓްސް ކްލަބެވެ. ދެވަނަ މެޗުގައި ވެސްޓް ސްޕޯޓްސް ކްލަބް ނިކުންނާނީ ނިއުސްޓާ އާ ދެކޮޅަށެވެ.