ނިއުޕޯޓާއި ބްރިޖް ވިއު ޕްލެޓްފޯމް ނަގަން 25 ދުވަހުގެ ނޯޓިހެއް

ސްޓްރާޑާއިން ހިންގާ ނިއުޕޯޓް ވިއު އާއި އެ ކުންފުނިން ތަރައްގީ ކުރި ބްރިޖް ވިއުއިން ޕްލެޓްފޯމު ސަރަހައްދު -- ފޮޓޯ: ސްޓްރާޑާ

ބުރިޖު ބަލާ ޕްލެޓްފޯމާއި އެތަނުގައި ހުރި ނިއުޕޯޓު ރެސްޓޯރަންޓުގެ އިމާރާތް ހުންނަ ސަރަހައްދު ހުސްކުރަން ހައުސިން މިނިސްޓްރީން 25 ދުވަހުގެ ނޯޓިހެއް ދީފިއެވެ.

ރައީސް ޔާމީނުގެ ސަރުކާރުގައި ހައުސިން މިނިސްޓްރީން ސްޓްރާޑާ ޕްރައިވެޓް ލިމިޓެޑާއެކު ސޮއިކުރި އެއްބަސްވުމެއްގެ ދަށުން އެ ތަނުގައި ފުޑް އައުޓްލެޓަކާއި ބްރިޖު ބަލާނެ ތަނެއް އަޅަން ހަވާލުކުރީ 22 ސެޕްޓެމްބަރު 2016،އެވެ.

އެ ދެތަން އަޅަން ހަވާލުކުރީ ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖުގެ މަސައްކަތް ހިނގަމުންދާ ގޮތް އާންމުފަރާތްތަކަށް ބެލޭނެ އެކަށީގެންވާ އިންތިޒާމެއް ހަމަޖެއްސުމަށެވެ.

އެހެން ނަމަވެސް މި ސަރުކާރުން ވެރިކަމާ ހަވާލުވުމަށްފަހު، މާޗު 11، 2019ގައި ވަނީ އެ ބިމުގެ ކުލި ނުދައްކާތީ އެއްބަސްވުން ބާތިލުކޮށް ތަން ހަވާލުކުރަން އެ ކުންފުންޏަށް އަންގާފައެވެ.

އެ އެންގުން އެންގުމުން ވެސް ސްޓްރާޑާގެ ފަރާތުން އެއްބާރުލުން ނުލިބުމުން ހައުސިން މިނިސްޓްރީން ސިވިލް ކޯޓަށް ދިއުމުން މައްސަލަ ނިމުނީ އެ މިނިސްޓްރީއާ އެއްކޮޅަށެވެ.

ސިވިލް ކޯޓުން 2019ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު 26ގައި ހުކުމް ކުރީ އެ ބިން 15 ދުވަހުގެ ތެރޭގައި ދައުލަތަށް ހަވާލުކުރުމަށެވެ. އަދި އެ ބިން ހަވާލުކުރާ ދުވަހާ ހަމައަށް ބަދަލެއްގެ ގޮތުގައި އިތުރަށް އަރަމުންދާ ކުއްޔާއި ޖޫރިމަނާގެ ފައިސާގެ ގޮތުގައި 1،149،271 ރުފިޔާ 30 ދުވަހުގެ ތެރޭގައި ދެއްކުމަށެވެ.

އެ ނިންމުން ސްޓްރާޑާއިން ހައިކޯޓުގައި އިސްތިއުނާފު ކުރިއެވެ. އެހެން ނަމަވެސް ހައިކޯޓުން މިދިޔަ އޮކްޓޯބަރު މަހު ނިންމީ ސިވިލް ކޯޓުގެ އަމުރު ދަމަހައްޓާށެވެ.

ހައި ކޯޓުގެ އެ ހުކުމަށް ތިން މަހަށްވުރެ ގިނަވީ ފަހުން ނިއުޕޯޓް ހުރި ބިން ހުސްކުރަން އެންގީ މިއަދުއެވެ. އެކަމަށް އަންގާ ޕްލޭނިން މިނިސްޓްރީން ވަނީ ސްޓްރާޑާ ޕްރައިވެޓް ލިމިޓެޑަށް ސިޓީ ފޮނުވައިފައެވެ. އެ ސިޓީގެ ކޮޕީއެއް "ސަން"އަށް ވަނީ ލިބިފައެވެ.

އެ ސިޓީގައި ބުނެފައިވާ ގޮތުން މިއަދުން ފެށިގެން 25 ދުވަހުގެ ތެރޭގައި އެ މިނިސްޓްރީއާ ތަން ހަވާލުކުރަން ޖެހޭނެއެވެ. އަދި އެ މުއްދަތުގައި ތަން ހަވާލުނުކޮށްފި ނަމަ މިނިސްޓްރީން އެތަން ހުސްކުރާނެއެވެ. އަދި ތަން ހުސްކުރުމުގައި ތިންވަނަ ފަރާތަކަށް ލިބޭ ގެއްލުމަކަށް މިނިސްޓްރީން ޒިންމާ ނުވާނެކަމަށް ވެސް އެ ސިޓީގައި ބުނެފައިވެއެވެ.

comment ކޮމެންޓް