ކުނބުރުދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި

އދ. ކުނބުރުދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫ އެމްޓީސީސީއާއި ހަވާލުކުރުން -- ފޮޓޯ/ އެމްޓީސީސީ

އދ. ކުނބުރުދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއު ސަރުކާރުން މިއަދު އެމްޓީސީސީއާއި ހަވާލުކޮށްފިއެވެ.

އެ މަޝްރޫއު ހަވާލުކުރުމަށް މިއަދު ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީ ގައި ބޭއްވި
ރަސްމިއްޔާތުގައި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ޗީފް އޮޕަރޭޓިން އޮފިސަރު ޝާހިދު ހުސައިން މޫސާއެވެ.
އަދި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޕާމަނަންޓް ސެކްރެޓަރީ ޒީނިޔާ ހަމީދެވެ.

އދ. ކުނބުރުދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫ އެމްޓީސީސީއާއި ހަވާލުކުރުން -- ފޮޓޯ/ އެމްޓީސީސީ

އެ މަޝްރޫއުގައި ކުނބުރުދޫ ބަނދަރު ފުންކުރުމާއެކު 170 މީޓަރުގެ ރިވެޓްމެންޓް ޖެހުމުގެ އިތުރުން 57 މީޓަރުގެ އެއްގަމުތޮށި ލުން ހިމެނެއެވެ.

ކުނބުރުދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ ތެރޭގައި ނުވަ މީޓަރު ދިގު، ނުވަ މީޓަރު ފުޅާ ރޭމްޕެއް ހެދުމުގެ އިތުރުން، 250 އަކަ މީޓަރުގެ ސަރަޙައްދެއްގައި ޕޭވްމަންޓް ހެދުން ވެސް ހިމެނެއެވެ.

އެ މަޝްރޫއު ނިމޭއިރު ކުނބުރުދޫ ބަނދަރުގައި ބައްތި ހަރުކުރުމުގެ މަސައްކަތް ވެސް ނިމޭނެ ކަމަށް އެމްޓީސީސީން ބުނެއެވެ.

އެ މަޝްރޫއަކީ 150 ދުވަހުގެ ތެރޭގައި ނިންމުމަށް ހަމަޖެހިފައިވާ، 9.61 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

މިދިޔަ ހުކުރު ދުވަހު ސަރުކާރުން ވަނީ ތ. ގާދިއްފުށްޓާއި ބުރުނީގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުވެސް އެމްޓީސީސީއާ ހަވާލުކޮށްފައިއެވެ. އެ ދެ މަޝްރޫއުގެ އަގު 45 މިލިއަން ރުފިޔާއަށް އަރައެވެ.

comment ކޮމެންޓް