"ނައުފަލް މާލެ އައިސް މަންމަ ކައިރީގަ ބުނި ހާޝިމް ނަމަކަށް ކިޔާ ޑެލިވަރީ ކުރާ ރައްޓެއްސެއްގެ ގޭގަ އޭ ހުންނަނީ. އެހެން ބުނެފަ އަހަރެމެންގެ ގެއަކަށް ވެސް ނާދެ،" މިއީ މާލެއިން ގެއްލިގެން ހޯދަން އިއުލާންކުރި އދ. ކުނބުރުދޫ، ފެހިގެ، އަހުމަދު ނައުފަލްގެ ބޮޑުބޭބެއެއް "ސަން" އަށް ކިޔައިދިން ވާހަކަތަކެވެ.
އުމުރުން 26 އަހަރުގެ އަހްމަދު ނައުފަލް މާލެ އައިކަމަށް ބެލެވެނީ މިމަހުގެ 20 ވަނަ ދުވަހުއެވެ. އޭނާ މާލެ އައީ އޭނާ މަސައްކަތްކުރާ ކުނބުރުދޫއަށް ނިސްބަތްވާ ކަންނެލި ދޯންޏެއް ކަމުގައިވާ ޒިކުރާ 3 ދޯނީގެ ވަތައް ވެއްޓި ފަޔަށް ލިބުނު އަނިޔާއަކަށް ބޭސް ކުރާށެވެ. އޭނާ މާލެ އައީވެސް މަސައްކަތްކުރާ ދޯނީގައެވެ. ހުޅުމާލެއަށް ދޯނި ލެފިގޮތަށް ނައުފަލް ފައިބައިގެން ދިޔައީ މާލެއަށްކަމަށް އޭނާގެ ބޮޑުބޭބެ ކިޔައިދިނެވެ.
މާލެ އައުމަށްފަހު ނައުފަލް ދިޔައީ ޑެލިވަރީ މަސައްކަތްކުރާ ހާޝިމް ނަމަކަށް ކިޔާ ރައްޓެއްސެއްގެ ގެއަށްކަމަށް ނައުފަލްގެ ބޮޑުބޭބެ ބުންޏެވެ. ނައުފަލްގެ ބޮޑުބޭބެ ކިޔައިދިން ގޮތުގައި އޭނާ މާލެ އައުމަށްފަހު މިމަހުގެ 21 ވަނަ ދުވަހު ވަނީ ހުޅުމާލޭގައި ހުންނަ ޓްރީޓޮޕް ހޮސްޕިޓަލަށް ގޮސް ކަށީގެ ޑޮކްޓަރަކަށްވެސް ދައްކާފައެވެ.
އޭނާ ބުނިގޮތުގައި ނައުފަލް އެންމެ ފަހުން ވައިބާއިން އޮންލައިން ވެފައި ވަނީ މިމަހުގެ 27 ވަނަ ދުވަހުއެވެ. އޭގެ ފަހުން މިހާތަނަށްވެސް ނައުފަލާ ގުޅޭ "އެއްވެސް ހަބަރެއް" އާއިލާއަށް ނުވެއެވެ. ވައިބާއިން އެ ފެނުނު އޮންލައިން ސްޓޭޓަސް ވެފައިވަނީ ނައުފަލްގެ އާއިލާއަށް އޭނާގެ ފަރާތުން މިހާތަނަށް ލިބުނު އެންމެ ފަހުގެ އިޝާރާތަށެވެ. މަޑުމައިތިރި މިޒާޖެއްގައި ހުންނަ ނައުފަލާ އާއިލާއާ ދޭތެރޭ އެއްވެސް މައްސަލައެއް ޖެހިފައި ނުވާކަމަށް ބޮޑުބޭބެ ބުނެއެވެ.
"އާއިލާ އާ އެއްވެސް މައްސަލައެއް ނުޖެހޭ. ރުޅި އަންނަ ކަހަލަ ކަމެއްވެސް ނުވޭ. އެހެންވީމަ އެއްވެސް ހަބަރެއް ނުވެ ހުންނަން ޖެހޭ ސަބަބެއް ނެތް. އަސްލު މައްސަލަ އަކީ ފޯނުން ނުގުޅޭތީ. ފޯނުން ގުޅެން ވާނެތާ ދެއްތޯ؟،"
"މަންމަ އަށް ގުޅައިގެން ހަމަ ރީތިކޮށް ވާހަކަވެސް ދައްކާ. އެއްދުވަހު އަޅުގަނޑަށްވެސް ގުޅައިގެން ވާހަކަ ދެއްކި. ބުނީ ތިގެއަށް ދާނަމޭވެސް. ދެން އަޅުގަނޑުގެ އަންހެނުންގެ ނަމްބަރުވެސް ދިނިން. މާމަގެ ނަމްބަރުވެސް ދިނިން. އެކަމަކު އެމީހުން ބުނީ ހަބަރެއް ނުވެޔޭ. އޭނާ ބައްޕަގެ މީހަކު ހޮސްޕިޓަލުގަ ބާއްވާފަ އޮތީމަ އެތަނަށްވެސް ދިޔަ،" ނައުފަލްގެ ބޮޑުބޭބެ ބުންޏެވެ.
ބޮޑުބޭބެ ބުނާގޮތުގައި ކޮންމެ ކަމެއް ދިމާވިޔަސް ނައުފަލް އެކަން ހިއްސާކުރާނެއެވެ. އޭނާ ބުނިގޮތުގައި ނައުފަލަކީ ގޯސް ގޮތަކަށް އުޅޭ ކުއްޖެއް ނޫނެވެ. އޭނާގެ މާ ގިނަ ރައްޓެހިންނެއް ނުތިބެއެވެ. އަދި އޭނާ އަކީ ގިނައިރު ބޭރުތެރޭގައި އުޅޭ މީހެއް ނޫން ކަމަށް ވެސް ބޮޑުބޭބެ ބުނެއެވެ.
ބޮޑުބޭބެ ކިޔައިދިން ގޮތުގައި ޓްރީޓޮޕަށް ދެއްކުމަށް ފަހު މާލެ އައިސް އާއިލާއަށް ގުޅުމަށްފަހު ވެކްސިންގެ ކަންތައް ނިމުމުން އެނބުރި ރަށަށް އަންނަ ވާހަކަވެސް ނައުފަލް ބުނެފައިވެއެވެ.
އެހެންނަމަވެސް އޭގެ ފަހުން ނައުފަލްގެ އެއްވެސް ހަބަރެއް ނުވެއެވެ. މި މަހުގެ 27 ވަނަ ދުވަހުގެ ފަހުން ނައުފަލްގެ ހަބަރެއް އެއްވެސް ފަރާތަކަށް ނުވެއެވެ. އޭނާ ދިޔަކަމަށް ބުނާ އެކުވެރިޔާ ހާޝިމްއަކާވެސް އާއިލާއަށް ގުޅޭ ގޮތެއް ނުވެއެވެ.
ނައުފަލް ގެއްލިގެން ހޯދާ މައްސަލަ އެންމެ ފަހުން އެ އާއިލާއިން ވަނީ ފުލުހުންނަށްވެސް ހުށަހަޅާފައެވެ. މިހާރު ފުލުހުންވެސް ވަނީ ނައުފަލް ހޯދުމަށް އާންމުންގެ އެހީތެރިކަމަށް އެދި ފޮޓޯ އާންމުކޮށްފައެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް "ސަން" އަށް ވިދާޅުވީ ގެއްލިގެން އުޅޭ ނައުފަލް ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުން އަންނަ ކަމަށެވެ. އެހެންނަމަވެސް އެ އޮފިޝަލް ވިދާޅުވީ އަދި މިހާތަނަށް ނައުފަލާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިނުވާ ކަމަށެވެ.
ނައުފަލް އަކީ އެއް އިރެއްގައި މާލޭގައި ކިޔަވަން ހުރި ކުއްޖެއްކަމަށް ބޮޑުބޭބެ ކިޔައިދިނެވެ. އަދި ކޮންމެވެސް ވަރަކަށް ރައްޓެހިންވެސް މާލޭގައި ތިބޭނެކަމަށް އޭނާ ބުންޏެވެ. އެކަމަކު އެކަހަލަ ގޮތަކަށް އާއިލާއަށް ހަބަރެއް ނުވެ އޭނާ ހުންނާނެކަން ބޮޑުބޭބެއަށް ގަބޫލެއްނުކުރެވެއެވެ.
ކޮންމެގޮތަކަށްވިޔަސް މިއީ ވަރަށް އާދަޔާހިލާފް ކަމެއްކަމަށް އޭނާ ދެކެއެވެ. އޭނާގެ ކޮއްކޮ އާއިލާއަށް ހަބަރެއް ނުވެ ހުންނަންޖެހޭ އެއްވެސް ސަބަބެއް އޭނާގެ އިތުރުން އާއިލާގެ އެހެން މެމްބަރެއްގެ ވިސްނުމަކަށްވެސް ނާދެއެވެ. މުޅި އާއިލާ އޮތީ ސުވާލު މާކެއްގެ ތެރޭގައެވެ. އެދެނީ ނައުފަލް ސަލާމަތުން އަވަހަށް އެނބުރި އާއިލާގެ ކައިރިއަށް އައުމެވެ.
ނައުފަލްއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއްވާނަމަ ލަސްނުކުރައްވައި އެ މައުލޫމާތެއް ފުލުހުންގެ ހޮޓްލައިން ނަންބަރު 3322111 އަށް ނުވަތަ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ނަންބަރު 9631696 އަށް ގުޅުއްވައި ހިއްސާކޮށްދެއްވުމަށް ފުލުހުން ވަނީ އެދިފައެވެ.