އެސްބީއައިގެ ކާޑު ލިމިޓް މަހަކަށް 100 ޑޮލަރަށް ދަށްކޮށްފި

ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) -- ސަން ފައިލް ފޮޓޯ

ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި)ގެ ރާއްޖޭގެ ބްރާންޗުތަކުން ދޫކޮށްފައިވާ ކާޑުތަކުން ރާއްޖެއިން ބޭރުގައި މުއާމަލާތް ކުރެވޭ އަދަދު އެ ބޭންކުން ދަށްކޮށްފި އެވެ.

އެ ބޭންކުން ކަސްޓަމަރުންނަށް ފޮނުވި އީމެއިލްއެއްގައި ބުނެފައި ވަނީ އެސްބީއައި މާލޭ ބްރާންޗުން ދޫކޮށްފައިވާ ކާޑުތަކުން މިދިޔަ ޑިސެމްބަރު 29 ވަނަ ދުވަހުން ފެށިގެން ރާއްޖެއިން ބޭރުގައި މަހެއްގެ މައްޗަށް ވިޔަފާރި ކުރެވޭނީ އަދި ފައިސާ ނެގޭނީ 100 ޑޮލަރާ ހަމައަށް ކަމަށެވެ. ކޮވިޑާ ގުޅިގެން މީގެ ކުރިން އެ އަދަދު އޮތީ މަހެއްގެ މައްޗަށް 250 ޑޮލަރު ކަމަށް ހަމަޖައްސައިފަ އެވެ.

ރާއްޖެއިން ބޭރުގައި މުއާމަލާތް ކުރެވޭ އަދަދަށް ރާއްޖޭގައި ހުރި ބޭންކުތަކުން ބަދަލު ގެނައީ ކޮވިޑާ އެކު ރާއްޖޭގެ ޓޫރިޒަމް ދަށަށް ގޮސް ބޭރު ފައިސާގެ ތާށިކަން ރާއްޖޭގެ އިގްތިސާދަށް ކުރިމަތިވުމާ ގުޅިގެންނެވެ.

އެސްބީއައިގެ އިތުރުން، ގައުމީ ބޭންކު ބީއެމްއެލްއިން ވެސް ވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު 16 ވަނަ ދުވަހުން ފެށިގެން އެ ބޭންކުގެ ކާޑުތަކުން ބޭރުގައި މުއާމަލާތް ކުރެވޭ އަދަދު މަހެއްގެ މައްޗަށް 250 ޑޮލަރަށް ކުޑަކޮށްފަ އެވެ. އަދި ބައެއް އީ-ވޮލެޓްތަކާއި ބޭރު ފައިސާގެ ގަނެ ވިއްކާ ސައިޓްތަކުގައި ބީއެމްއެލްގެ ކާޑުތައް ބޭނުން ނުކުރެވޭ ގޮތް ވެސް ވަނީ ހަދައިފަ އެވެ.

comment ކޮމެންޓް