މޭކަޕް ތިހާކަނީ މޫނުގައިތަ؟ މާސްކްގައިތަ؟

މޭކަޕް އާޓިސްޓް ތާތު ވިންކައެސްޓިކްގެ މާސްކްއެއްގައި --- ފޮޓޯ: މޭކްއަޕްބައިތާތު

"މާސްކުން މުޅި މޫނު ފޮރުވޭއިރު ދެން ކީއްކުރަން ކުރާހާ މޭކަޕެއް ހެއްޔެވެ؟" ބައެއް މީހުންހަމަ އަޖައިބުވެގެން އަހާލަ އެވެ.

މިި ސުވާލަށް ދޭނީ ވަކި ކޮން ޖަވާބެއް ހެއްޔެވެ. ގިނަ ޒުވާން އަންހެނުން ބުނާ ގޮތުން މޭކަޕަކީ ކޮންމެހެން ވަކި މީހަކަށް ދެއްކެން ކުރާ ކަމެއް ނޫނެވެ. އެއީ އަމިއްލަ ހިތްހަމަޖެހުމެވެ. އެކަމަކު ކަންބޮޑުވަނީ މާސްކު ނަގާލާއިރު، މުޅި މާސްކު މޭކަޕުން ފުރިފައި އޮންނާތީ އެވެ. ނުވިތާކަށް މާސްކް ނަގާއިރު މުޅި އަނގަމަތީ އޮންނަނީ ލިޕްސްޓިކް ހޭކިފަ އެވެ. ހާސްނުވާށެވެ. އެންމެންވެސް މިއުޅެނީ ހަމަ އެއް ހާލެއްގަ އެވެ. މިކަމަށް އޮތީ ކޮން ހައްލެއް ބާއެވެ؟

ފައުންޑޭޝަން ހާކާނަމަ މިކަންކަމަށް ވިސްނާލާ

ބައެއްކަހަލަ މުނާސަބަތުތަކާއި ހަފްލާތަކާއި އިވެންޓްތަކަށް ކޮންމެހެންވެސް ފައުންޑޭޝަން އެބަ ބޭނުންކުރަން ޖެހެ އެވެ. އެކަމަކު ވިސްނާ ނުލައި އަވަސްއަރުވާލައިން ފައުންޑޭޝަން ހާކާލުމުން، އެ ފައުންޑޭޝަންކޮޅު ބޭކާރުވަނީ މާސްކަށެވެ.

އެހެންކަމުން ފައުންޑޭޝަން ހޭކުމުގެ ކުރިން ހަންގަނޑު ރަނގަޅަށް މޮއިސްޗަރައިޒް ކުރުމަށް ފަހު، ގިނައިރު ވާންދެން ފައުންޑޭޝަން ރީތިކޮށް ބަހައްޓައިދޭން އެހީތެރިވާ ޕްރައިމާ އެއް ބޭނުން ކުރުން ވަރަށް މުހިންމެވެ.

ބައެއް މޭކަޕް އާޓިސްޓުން ބުނާ ގޮތުގައި ލިކުއިޑް ކޮންޓޯރިން އެއް ނުވަތަ ތަންކޮޅެއް އާދައިގެ ކޮންޓޯރިން ކިޓްސްތަކެއް ބޭނުންކުރާ ނަމަ ފައުންޑޭޝަންގެ ކުރިން ކޮންޓޯ ކުރުމުން ކޮންޓޯކުރާ އޭރިއާތައް ވެސް އެގޮތުގައި ގިނަ އިރު ބަހައްޓައިދޭނެ އެވެ.

ބޭކް ބޭކް އެންޑް ބޭކް

'ބޭކް' ކުރުމޭ ބުނުމުން މޭކަޕްކޮށް އުޅޭ ފަރާތްތަކަށް އޮޅުމެއް އަރާނެ ހެނެއް ހިޔެއް ނުވެ އެވެ. ފައުންޑޭޝަން ގިނައިރު ރީތިކޮށް ބަހައްޓައިދިނުމަށް ރަނގަޅު ޓްރާންސްލޫސެންޓް ޕައުޑާއެއް ބޭނުންކުރުމަކީ ކުރެވިދާނެ ވަރަށް މުހިންމު ކަމެކެވެ.

މިގޮތުން މޭކަޕް ސްޕޮންޖެއް ކުޑަކޮށް ތެތްކޮށްލުމަށް ފަހު ފުއް ހާކައި ރަނގަޅަށް 'ޓީ ޒޯން' ތަކުގައި ޖެއްސުމަށް ފަހު، ބަހައްޓާާލާށެވެ. އެހެން ބްރަޝްއަކުން ފުއްތައް ފޮޅާލާނީ ކުޑައިރުކޮޅެއް ވަންދެން ބެހެއްޓުމަށް ފަހުގަ އެވެ.

އެންމެ ބޮޑު އެހީތެރިއަކީ ހަމަ ސެޓިން ސްޕްރޭ!

މި ހުރިހާ ކަމަކަށް ފަހު މޭކަޕް ރީތިކޮށް ގިނައިރު ބެހެއްޓުމަށްޓަކައި ސެޓިން ސްޕްރޭކޮޅެއް ޖަހާލުން ކޮންމެހެންވެސް މުހިންމެވެ. އާންމުގޮތެއްގައި މޭކަޕް އާޓިސްޓުން ސެޓިން ސްޕްރޭ މި ބޭނުންކުރަނީ ފައުންޑޭޝަން ހޭކުމުގެ ކުރިން ނުވަތަ މޭކަޕް އެއްކޮށް ނިންމާލުމަށްފަހުގަ އެވެ. އެއާއެކު ބައެއް ޢާޓިސްޓުން ބުނާގޮތުން ފައުންޑޭޝަން ބްރަޝްއަށް ކުޑަ ސްޕްރޭކޮޅެއް ޖަހާލުމުން ފައުންޑޭޝަން ހާކާ އިރުގައި ވެސް ރީތިކޮށް ގިނައިރު ފައުންޑޭޝަން ހުރުމަށް އެހީވެ އެވެ.

މޭކަޕްގެ ދުނިޔޭގައި އެންމެންގެ ވެސް ލޯބި ހޯދަމުން އަންނަ މިދޫ ބުނާގޮތުން އަމިއްލަ މޫނުގައި މޭކަޕް ނުކުރާތީ މާސްކާއި އެކު މޭކަޕް ކުރުމުގެ މާބޮޑު ތަޖުރިބާއެއް އޭނާގެ ނެތްނަމަވެސް ކްލައިންޓުންގެ މޭކަޕް ކުރާއިރު މޭކަޕް ހަޑިވެ، އެކި ދިމާތަކުގައި ހޭކިފައި ހުރުމުން ދުރުކޮށްދޭ އެންމެ ބޮޑު އެހީތެރިއަކީ ސެޓިން ސްޕްރޭ އެވެ. އެހެންނަމަވެސް މިއީ މާސްކްގައި ކުލަ ހޭކިފައި ނުހުންނާނެ ކަމުގެ ގެރެންޓީ އެއް ނޫނެވެ.

ލިޕްސްޓިކް ހާކަންވީ މިހެން!

ދެން މިއޮތީ ލިޕްސްޓިކްގެ ވާހަކަ އެވެ. ތެދަށް ބުނާނަމަ ދުވަހަކު ފައުންޑޭޝަން ކޮޅެއް ނުހޭކިޔަސް، ތުންފަތުގައި ކޮންމެވެސް ކުލައެއް ނުޖައްސާ ބޭރަށް ނުނުކުމެވެ އެވެ. އެކަމަކު ކޮފީއަކަށް ގޮސްވެސް، މާސްކް ނަގާލާއިރު މީހާ ލަދުން ބޯހަލާކުވާވަރުވެ އެވެ. ތުންފަތުގައި ހުރި ކުލަ ކޮޅު މުޅި އަނގަމަތީގައި ހޭކިފަ އެވެ.

ކޮންމެއަކަސް، އެންމެންގެ ފޭވަރިޓް އަދި ބަލްގިސް އެމްވީ ހިންގާ ދީއްކޮ މިވަނީ އޭނާ މާސްކް އަޅާއިރު ލިޕްސްޓިކް ހާކާ ގޮތް ކިޔައިދީފައެވެ.

"ދީއްކޮ ކުރާ ކަމަކީ ލިޕްސްޓިކް ހާކާފައި ބްރަޝްއަކުން ކުޑަ ލޫސް ޕައުޑާކޮޅެއް ހާކާލަނީ. ދެން އެކްސެސް [އިތުރުވެފައި ހުންނަ ފުއް] ފޮޅާލަނީ. އާންމުކޮށް މާސްކް އަޅާއިރު ބޭނުންކުރަނީ މެޓް އަދި ޓްރާންސްފާ ޕްރޫފް ލިޕްސްޓިކް އެއް،" ދީއްކޮ ބުންޏެވެ.

އެންމެ މުހިންމީ ހަމުގެ ދުޅަހެޔޮކަން

އާންމުކޮށް ބޭރަށް ނުކުމެ އުޅޭ އުޅުމުގައި މާ 'ހެވީ މޭކަޕެއް' ނުކުރިޔަސް، ހަންގަނޑުގެ ރައްކާތެރިކަމާއި ދުޅަހެޔޮކަމަށް ދެތިން ކަމެއް ކޮށްލުން މުހިންމެވެ. މިގޮތުން މޭކަޕް އާޓިސްޓް ތާތު ބުނާގޮތުން މާސްކް އަޅާއިރު އެހާ ބޮޑަށް މޭކަޕް ކުރުމުގެ ބަދަލުގައި އޭނާ ސަމާލުކަންދެނީ ރަނގަޅަށް ހަންގަނޑު މޮއިސްޗަރައިޒް ކުރެވޭތޯ އެވެ.

"މާސްކް އަޅާއިރު އެހާބޮޑަށް މޭކަޕް ނުކުރިއަސް ފޭސް މޮއިސްޗަރައިޒް ކުރުން މުހިންމު. މާސްކް އާޅާ ހިސާބުގައި އުދާސްވީމަ ބައެއް މީހުންގެ މޫނުގައި ވަރަށް ފަސޭހައިން ބިހި ނަގާކަން ފާހަގަވި. އެކަމަކު މޮއިސްޗަރައިޒް ކުރީމަ ހަންގަނޑު އެހާބޮޑަށް އޮއިލީނުވެ ގިނައިރު ހިފަހައްޓައިދޭނެ." ތާތު ކިޔައިދިނެވެ.

މީގެ އިތުރުން ލިޕްސްޓިކް ޖެއްސުމުގެ ބަދަލުގައި ލިޕް ބާމްއަކުން ތާތު ފުއްދާލާއިރު، ޒުވާން މޭކަޕްއާޓިސްޓް ޔައުލާ ބުނާގޮތުގައި މާ ބޮޑަށް މޭކަޕްކުރުމުގެ ބަދަލުގައި ރަނގަޅު މޮއިސްޗަރައިޒާއެއް ބޭނުންކުރުމާއެކު ބުމަ ރީތިކޮށްލާ ތުންފަތުގައި ވެސްލީން ކޮޅެއް ހާކާލުމުން އޭނާއަށް ފުދެއެވެ.

ދީއްކޮވެސް ދުވާލުގަޑީގައި ބޭރަށް ނުކުންނައިރު މާބޮޑު މޭކަޕެއް ނުކުރާއިރު ބޮޑަށް ބަލަނީ ސަންސްކްރީން ކޮޅެއް ހާކާލައި ބުމަ އަޅާލުމަށެވެ.

މިއީ މުޅީންވެސް ފޭސް މާސްކާ އެކު މޭކަޕް ކުރުމުގައި ވިސްނުން ބަހައްޓަންވީ ކަންކަމެވެ. ދެން ފަހަރަކުން ރީތި މޭކަޕެއް ކޮށްލާއިރު ހަނދާނުގައި ބަހައްޓާލާށެވެ.

comment ކޮމެންޓް