ދިވެހިރާއްޖޭގައި ހިންގާ ބައިނަލްއަގްވާމީ ދެ ބޭންކެއްގެ ގޮފިތަކެއް މެދުވެރިކޮށް ޑޮލަރުގެ ޝައްކުކުރެވޭ މުއާމަލާތްތަކެއް ހިންގާފައިވާކަން އިންޓަނޭޝަނަލް ކޮންސޯޓިއަމް އޮފް އިންވެސްޓިގޭޓިވް ޖާނަލިސްޓްސްއިން އާންމުކުރި ފިންސެން ފައިލްސްގެ ރިޕޯޓުތަކުން ހާމަވެއްޖެއެވެ.
ރާއްޖޭގައި ހިންގާ ހޮންގް ކޮންގް އެންޑް ޝަންހާއީ ބޭންކިންގް ކޯޕަރޭޝަން (އެޗްއެސްބީސީ) އަދި ސްޓޭޓް ބޭންކް އޮފް އިންޑިޔާ (އެސްބީއައި) ގެ ގޮފިތައް މެދުވެރިކޮށް ޝައްކުކުރެވޭ 18 މުއާމަލާތެއް ކޮށްފައިވާކަން ފިންސެން ފައިލްސްތަކުން ހާމަކޮށްފައިވާއިރު މި މުއާމަލާތްތަކުގެ ޖުމްލަ އަގު 501،359 ޑޮލަރަށް އަރައެވެ.
އެގޮތުން އެޗްއެސްބީސީ މެދުވެރިކޮށް ކުރި ހަ ޓްރާންސެކްޝަނެއްގައި 204،431 ޑޮލަރު ބޭންކަށް ޖަމާކުރިއިރު އެސްބީއައި މެދުވެރިކޮށް ކުރި 12 ޓްރާންސެކްޝަނަކުން 296،928 ޑޮލަރު އެ ބޭންކަށް ޖަމާކޮށްފައިވާކަން ވަނީ ހާމަވެފައެވެ.
ރާއްޖޭގައި ހިންގާ މި ބޭންކުތަކުގެ ގޮފިތަކަށް އެ ފައިސާ ޖަމާކޮށްފައިވަނީ 2015 ވަނަ އަހަރާއި 2017 ވަނަ އަހަރާއި ދެމެދުގައެވެ.
ފިންސެން ފައިލްސް ރިޕޯޓުގެ ސްކްރީންޝޮޓެއް.
އެ 18 މުއާމަލާތްވެސް ކޮށްފައިވަނީ ޗައިނާ އިންވެސްޓްމެންޓް ކޯޕަރޭޝަނުން (ސީއައިސީ) އިންނެވެ.
ޗައިނާ އިންވެސްޓްމެންޓް ކޯޕަރޭޝަނަކީ އެގައުމުގެ ސޮވަރިން އިންވެސްޓްމެންޓް ފަންޑް މެނޭޖްކޮށް އެގައުމުން ބޭރުގެ އެހެން ގައުމުތަކުގައި ކުރިޔަށްގެންދާ އެކި އެކި މަޝްރޫއުތަކުން އެންމެ އެދެވޭ ގޮތެއްގައި ފައިދާ ހޯދައި އެގައުމުގެ ފޮރިން އެކްސްޗޭންޖް ވިޔަފާރިތައް ފުޅާކުރުމަށްޓަކައި 2007 ވަނަ އަހަރު ގާއިމުކުރެވުނު ކުންފުންޏެކެވެ.
އެ ކުންފުނި ރެޖިސްޓްރީ ކުރިއިރު އެ ކުންފުންޏަށް ކެޕިޓަލްގެ ގޮތުގައި 200 ބިލިއަން ޑޮލަރު ވަނީ އިންޖެކްޓްކޮށްފައެވެ.
ރާއްޖޭގައި ހިންގާ އެޗްއެސްބީސީ އަދި އެސްބީއައިގެ ދެ ގޮތްޕަށްވެސް ފައިސާ ފޮނުވާފައި ވަނީ ވީޕީ ބޭންކް އޭޖީ މެދުވެރިކޮށްކަމަށްވެސް ލީކުކޮށްލި މައުލޫމާތުތައް ހިމެނޭ ރިޕޯޓުގައި ވަނީ ހާމަކޮށްފައެވެ.
ވީޕީ ބޭންކް އޭޖީ އަކީ ލިކްޓެންސްޓައިންގައި އޮޕަރޭޓްކުރާ ބޭންކެކެވެ.
އެހެންނަމަވެސް ރާއްޖޭގެ އެއްވެސް ބޭންކެއް މެދުވެރިކޮށް މިފަދަ ޝަކުކުރެވޭ ފައިސާތަކެއް ފޮނުވާފައިވާކަމުގެ އެއްވެސް މައުލޫމާތެއް ރިޕޯޓުގައެއް ނުވެއެވެ.

ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) -- ސަން ފައިލް ފޮޓޯ
ފިންސެން ފައިލްސްގައި ލީކުކޮށްލާފައިވާ މައުލޫމާތުތަކަކީ 2000 ވަނަ އަހަރާއި 2017 ވަނަ އަހަރާއި ދެމެދުގައި ކުރެވުނު މުއާމަލާތްތަކުގެ ތެރެއިން ޝައްކުކުރެވޭކަމަށް ފައިނޭންޝަލް މުއައްސަސާތަކުން ފްލޭގްކޮށްފައިވާ މުއާމަލާތްތަކެވެ. މީގެ ތެރޭގައި ދުނިޔޭގެ އެންމެ ބޮޑެތި ބޭންކުތައް މެދުވެރިކޮށްކުރެވިފައިވާ އެތައް މުއަމާލާތްތަކެއް ހިމެނެއެވެ.
އައިސީއައިޖޭއިން ތައްޔާރުކުރި މި ރިޕޯޓުގައި ހިމެނޭ މައުލޫމާތު އަދި ފައިލްތައް އެންމެ ފުރަތަމަ ލިބިފައިވަނީ ބަޒްފީޑް ނޫހަށެވެ. ލީކުވި ފައިލްތަކުގައިވާ 2،000 އަށް ވުރެ ގިނަ ޝައްކުކުރެވޭ މުއާމާލާތްތަކުގެ ރިޕޯޓު ހިމެނެއެވެ.