ކުޑައިރުއްސުރެން ފެށިގެން އިސްތަށިގަނޑާއި ބެހޭގޮތުން ލައްކަ ވާހަކަ އަޑުއިވެއެވެ. އިސްތަށިގަނޑު ދިގު ކުރާނެ ގޮތާއި، ކަޅުކަން ވަރުގަދަ ކުރާނެ ގޮތާއި، އޮފް ކޮށް އޮމާންކޮށް ބަހައްޓާނެ އެތަށްގޮތެވެ. ފުރާވަރަށް އަރާ އަމިއްލައަށް ކަންކަން ހޯދާ ބަލާ ދަސްކުރާ ކުރުމުން އިނގޭ އެއްކަމަކީ މިފަދައިން މި އަޑުއިވޭ ހުރިހާ ވާހަކައަކީ އަދި މުޅިއަކުން ހަގީގަތެއް ނޫންކަމެވެ.
މިއީ އިސްތަށިގަނޑާއި ބެހޭގޮތުން ދެކެވޭ ބައެއް ވާހަަތަކުގެ ތެރެއިން ކަމުގެ މާހިރުން ދޮގުކޮށްފައިވާ ބައެއް ވާހަކަތަކެވެ.
މާު ގިނައިން ދޮންނަނަމަ އިސްތަށިގަނޑު ހަލާކުވޭ!
މިއީ ވަރަށް ގިނައިން އަޑުއިވޭ ވާހަކައެކެވެ. އެހެންނަަމަވެސް ޝޭމްޕޫ އަދި ކޮންޑިޝަނާގެ މަޝްހޫރު ބްރޭންޑެއްކަމުގައިވާ ޑޯވް އިން ބުނަނީ ކޮންމެ ދުވަހަކު އެއްފަހަރު އިސްތަށިގަނޑު ދޮވުނަސް އެއީ ކޮންމެހެން އިސްތަށިގަނޑު ބަލިވެ، ފައިބާން ދިމާވާނެ ސަބަބެއް ނޫން ކަމުގައެވެ. އެހެންނަމަވެސް ކޮންމެ ދުވަހަކު ދޮންނަން ބޭނުންނަމަ، އެހާ ބާރުގަަދަ ޝޭމްޕޫއެއްގެ ބަަދަލުގައި ތަންކޮޅެއް ލުއި ޝޭމްޕޫއެއް ބޭނުންކުރުން ރަނގަޅެވެ.
އެއް ޝޭމްޕޫއެއް އަބަދު ބޭނުން ކުރާނަމަ ހޭނޭ!
މިވެސް ހަގީގަތެއް ނޫނެވެ. ބޭނުންކުރާ ޝޭމްޕޫއިން އިސްތަށިގަނޑަށް ކުރަންޖެހޭ އަސަރު ފަހުން ނުކުރާނަމަ އޭގެ މާނައަކީ އިސްތަށީގެ ކޮންޑިޝަން މިހާރު ތަފާތު ވީކަމަށް ފިލިޕް ކިންގްސްލީގެ ރައީސް އެނަބެލް ކިންގްސްލީ ބުނެފައިވެއެވެ. އަދި މިސާލެއްގެ ގޮތުން އޭނާ ބުނެފައިވަނީ އިސްތަށިގަނޑު ކޮށައި، ކުލަޖައްސައި، ރިލޭކްސް ކޮށްފިނަމަ ނުުވަތަ އެ މޫސުމެއްގެ ސަބަބުންވެސް އިސްތަށިގަނޑުގެ ހާލަތައް ބަދަލެއް އައިސްދާނޭ ކަމުގައެވެ. ހަމައެޔާއެކު ބަލިވުމާއި، ހޯމޯނަލް ބަދަލުތަކުގެ އަސަރުވެސް އިސްތަށިގަނޑާއި ހިސާބަށް ފޯރާނެ އެވެ.
ފިނިފެނުން އިސްތަށިގަނޑު ދޮވުމުން އޮފްކަން ގަދަވޭ!
މިއީ އެއްވެސް ހަގީގަތެއް ހުރި ވާހަކައެއް ނޫންކަމަށް ގިނަ ބަޔަކު ބުނެއެވެ. ޑޯވް އިން ބުނާގޮތުން އިސްތަށިގަނޑު "ޝައިނީ" ނުވަތަ އޮފްކޮށް ދައްކާނީ އިސްތަށިގަނޑު އޮމާން ވުމުންނެވެ. އެނަބެލް ބުނާގޮތުން ފިނިފެން ބޭނުންކުރުމަކީ އިސްތަށިގަަނޑަށް ގެއްލުން ހުރި ކަމެކެވެ. ސަބަބަކީ ސްކަލްޕްގައި ހުންނަ ބްލަޑް ކެޕިލަރީސް ކޮންސްޓިރްކްޓް ކޮށްދީ މުހިންމު މާޢްދާތައް ފޮލިކަލްސްއާޢި ހިސާބަށް ދިއުމަށް ހުރަސްއަޅާތީއެވެ.
ޑްރައި ޝޭމްޕް، ކޮންޑިޝަނާއިން އިސްތަށި ފައިބާ!
އިންޓަނެޓްގައި އަދި މިހެން އޮތަސް، ކެލިފޯނިއާގެ ހަމުގެ ޑޮކްޓަރެއް ކަމުގައިވާ ޕަރާޑީ މިރްމިރާނީ ބުނަނީ މިއީ ސައިންޓިފިކަލީ އެއްވެސް ބުރަދަނެއް ހުރި ވާހަކައެއް ނޫން ކަމުގައެވެ. އެހެންނަމަވެސް ޑްރައި ޝޭމްޕޫ ބޭނުންކޮށް އިސްތަށިގަނޑޫ ނުދޮވެ ގިނަދުވަސްކުރުމަކީ ވެސް ސިއްޚީގޮތުން ރަނގަޅުކަމެއް ނޫނެވެ. އަދި ޑްރައި ޝޭމްޕޫ ހޭކުން އެންމެ ރަނގަޅީބޮލުގެ ތަލައިގައި ނުޖެހޭހެން އިސްތަށީގެ އެންމެ ބުޑުގައެވެ.
މީގެއިތުރުންވެސް އިސްތަށިގަނޑާއި ބެހޭގޮތުން އެކި ޒާތްޒާތުގެ ވާހަކަތައް އަހަރެމެންނަށް އިވެއެވެ. އެހެންނަމަވެސް އަޑުއިވޭ ކޮންމެ ވާހަކައެއް ގަބޫލްކުރުމުގެ ބަދަލުގައި ކަމުވޮށިގެންވާ މާހިރުންނާއި ސުވާލުކޮށް އެކަން ހަގީގަތުގައި އޮތްގޮތް ސާފުކޮށްލުން މާ ބުއްދިވެރިއެވެ.