ނިއުޕޯޓުން ދައުލަތާ ބިން ހަވާލުކޮށް މިލިއަނަކަށް ވުރެ ގިނަ ރުފިޔާ ދައްކަން ހުކުމްކޮށްފި

ސްޓްރާޑާއިން ހިންގާ ނިއުޕޯޓް ވިއު އާއި އެ ކުންފުނިން ތަރައްގީ ކުރި ބްރިޖް ވިއުއިން ޕްލެޓްފޯމު ސަރަހައްދު -- ފޮޓޯ: ސްޓްރާޑާ

ބްރިޖު ވިއުއިން ޕްލެޓްފޯމުގައި ސްޓްރާޑާ ކުންފުނިން ހިންގާ ނިއުޕޯޓު ރެސްޓޯރެންޓު ހުރި ބިން ސަރުކާރާ ހަވާލުކޮށް ބިމު ކުލީގެ ގޮތުގައި މިލިއަނަކަށްވުރެ ގިނަ ރުފިޔާ ދައްކަން ސިވިލްކޯޓުން އެ ކުންފުނީގެ މައްޗަށް ހުކުމް ކޮށްފި އެވެ.

އެ މައްސަލައިގައި ސިވިލްކޯޓުން މިއަދު ކުރި ހުކުމްގައި ބުނީ އެ ބިން ކުއްޔަށް ދިނުމަށް ސްޓްރާޑާ އާއި ޕްލޭނިން މިނިސްޓްރީ އާއެކު 2016 ވަނަ އަހަރު ވެފައިވާ އެއްބަސްވުން މިއަހަރުގެ މާޗު ހަތްވަނަ ދުވަހު ސަރުކާރުން އުވާލާފައިވަނީ އެއްބަސްވުމުގެ ދަށުން ދައްކަން ޖެހޭ ކުއްޔާއި އެ ފައިސާ ނުދައްކައިގެން އަރާފައިވާ ޖޫރިމަނާ ފައިސާ ދައްކާފައި ނުވާތީ، އެއްބަސްވުމުގެ 10.2 ވަނަ މާއްދާގެ ދަށުން ކަމަށެވެ.

އެއްބަސްވުން އުވާލި ތާރީހުން ފެށިގެން އެ ބިން ބޭނުންކުރުމުގެ ހައްގު ސްޓްރާޑާ އަށް ލިބިގެން ނުވާނެ ކަމަށާއި ނަމަވެސް އެއްބަސްވުން ބާތިލް ކުރުމުންވެސް އެ ބިން ސްޓްރާޑާ އިން ބޭނުންކުރަމުން ގޮސްފައިވާކަން ސިވިލް ކޯޓުގެ ހުކުމުގައި ފާހަގަކޮށްފައިވެ އެވެ.

އެހެންކަމުން މާލޭ ލޮނުޒިޔާރަތްކޮޅުގައި ހުރި އެ ބިން ހުސްކޮށް ޕްލޭނިން އާއި ހަވާލުކޮށްފައި ނުވާތީ އާއި އެކަމުގެ ބަދަލެއްގެ ގޮތުގައި، އެއްބަސްވުމުގެ ދަށުން ސްޓްރާޑާ އިން ޕްލޭނިން އަށް ދައްކަންޖެހޭ ކުއްޔާއި ޖޫރިމަނާ ސްޓްރާޑާ އިން ދައުލަތަށް ދައްކަންޖެހޭނެ ކަމަށް ވެސް ހުކުމުގައިވެ އެވެ.

އެހެން ކަމުން މިއަހަރުގެ ފެބްރުއަރީ 27ގެ ނިޔަލަށް ސްޓްރާޑާ އިން ޕްލޭނިން އަށް ދައްކަންޖެހޭ ފައިސާ އާއި ގެއްލުމުގެ ބަދަލުގައި ގޮތުގައި ދައްކަން ޖެހޭ ޖުމްލަ 1.15 މިލިއަން ރުފިޔާ މިއަދުން ފެށިގެން 30 ދުވަހުގެ ތެރޭގައި އެ ކުންފުނިން މީރާއަށް ދައްކާ ހަލާސްކުރުމަށް ސިވިލްކޯޓުގެ ހުކުމުގައި ވަނީ އެ ކުންފުނީގެ މައްޗަށް އަމުރުކޮށްފަ އެވެ.

މީގެ އިތުރުން ނިއުޕޯޓު ވިއު އާއި ބްރިޖް ވިއުވިން ޕްލެޓްފޯމް ހަދާފައި ހުރި ބިން ހުސްކޮށް މިއަދުން ފެށިގެން 15 ދުވަހުގެ ތެރޭގައި އެތަން ޕްލޭނިން މިނިސްޓްރީއާ ހަވާލުކުރުމަށް ވެސް އެ ހުކުމުގައި ސްޓްރާޑާއަށް ވަނީ އަންގައިފަ އެވެ.

ނިއުޕޯޓު ހުރި ބިން ހުސްކުރުމަށް ޕްލޭނިން މިނިސްޓްރީ އިން ސްޓްރާޑާ އަށް ނޯޓިސް ދިނީ މިއަހަރުގެ މާޗް މަހު އެވެ. ނިއުޕޯޓު ވިއު ރެސްޓޯރެންޓު ނުހުޅުވައި ބަންދުކޮށްފައި ހުންނަތާ ދުވަސްތަކެއް ވަނީ ވެފަ އެވެ.

ނިއުޕޯޓް ވިއު އެތަނުން ނެގުމަށް ފަހު އެ ސަރަހައްދުގައި އާންމުން ހިތްފަސޭހަކޮށްލުމަށް ފެހި ސަރަހައްދެއްގެ ގޮތުގައި ތަރައްގީ ކުރުމަށް ނިންމާފައިވާ ކަމަށް ޕްލޭނިންގް މިނިސްޓްރީން ވަނީ ބުނެފަ އެވެ.

ނިއުޕޯޓް ހިންގާ ސްޓާރާޑާ ޕްރައިވެޓް ލިިމިޓެޑަށް އެ ސަރަހައްދު ދީފައިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގައެވެ. އޭރު އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރަކީ ވެރިކަން ކުރާ ޕީޕީއެމްގެ ކައުންސިލް މެމްބަރެއްގެ ގޮތުގައި ހުރި ޒާހިދު ރަމީޒެވެ. ނަަމަވެސް ވެރިކަން ބަދުލުވުމާއި ޒާހިދު ވަނީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން އިސްތިއުފާ ދެއްވައިފަ އެވެ.

ނިއުޕޯޓް ހިންގާ "ސްޓާރާޑާ"އިން ސިނަމާލެ ބްރިޖު ސަރަހައްދުގައި ތަރައްގީކުރި "ޗާ ޓައިމް"، ސަރުކާރުގެ ބޭނުމަށް ތަޅައިލުމުން ސްޓްރާޑާ ކުންފުނިން ވަނީ ބަދެލެއްގެ ގޮތުގައި 14.4 މިލިއަން ރުފިޔާ ދިނުމަށް އެދިފަ އެވެ. ނަމަވެސް އެ ފައިސާ ދޫކުރުން މަޑުޖައްސާލަން އޭސީސީން ވަނީ އަންގައިފަ އެވެ.

މިދިޔަ ސަރުކާރުން، މިނިވަން 50ގެ ޖާފަތް، ނިއު ޕޯޓާ ހަވާލުކުރުމުގައި ވެސް ކޮރަޕްޝަން ހިމެނޭ މައްސަލައެއް ފެންމަތިވެގެން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން މައްސަލަ ބަލައި ދައުވާ ކުރަން ޕީޖީ އޮފީހަށް ފޮނުވި އެވެ. އެކަމަކު ފަހުން އެ މައްސަލާގައި ދައުވާ ނުކުރަން ވަނީ ނިންމައިފަ އެވެ.

comment ކޮމެންޓް