ދުވުންތެރިޔާ އާތިފް، އުރީދޫގެ ބްރޭންޑް އެމްބެސެޑަރަކަށް

އުރީދޫގެ ބްރޭންޑް އެމްބެސެޑަރަކަށް އައްޔަންކުރި ދުވުންތެރިޔާ އަހްމަދު އާތިފް(ކ) --- ފޮޓޯ/ އުރީދޫ

މަގްބޫލް ދުވުންތެރިޔާ އަދި އެންޑިއުރަންސް އެތުލީޓް އަހުމަދު އާތިފް، އުރީދޫގެ ބްރޭންޑް އެމްބެސެޑަރު ކަމަށް އައްޔަންކޮށްފިއެވެ.

އުރީދޫގެ ބްރޭންޑް އެމްބެސެޑަރަކަށް މިއަދު އާތިފް އައްޔަންކުރުމާއެކު، އުރީދޫއާއި އާތިފް ގުޅިގެން ދުޅަހެޔޮ ސިއްހަތެއްގައި ތިބުމަށް ދިވެހި މުޖުތަމައުއަށް ބާރުއެޅުމުގެ ގޮތުން ތަފާތު މަސައްކަތްތައް ކުރުމަށް ވަނީ އެއްބަސްވެފައެވެ.

އުރީދޫގެ ބްރޭންޑް އެމްބެސެޑަރަކަށް އާތިފް އައްޔަންކުރުމަށްފަހު އެ ކުންފުނީގެ ޑައިރެކްޓަރ އޮފް ސޭލްސް އެންޑް ބްރޭންޑް ހުސައިން ނިޔާޒް ވިދާޅުވީ އެންޑިއުރަންސް އެތުލީޓެއްގެ ގޮތުން އާތިފްގެ ގިނަގުނަ ކާމިޔާބީތަކާއި، ތަފާތު އައު ކަންތައްތައް ކުރުމުގައި ދައްކުވައިދޭ ޖޯޝާއި ފޯރި ބަލައިގަނެ، އެކަމުން ހިތްވަރު ލިބިގަންނަ ކަމަށެވެ.

"ތަފާތު އެކި ގޮންޖެހުންތައް ތަހައްމަލުކޮށްގެންވެސް، ބުރަ މަސައްކަތާއެކު އައު އުސްމިންތަކާ ހަމައަށް ދިއުމަކީ، އުރީދޫ ބްރޭންޑު ބިނާކޮށްފައިވާ އެއް ބިންގާ. މިގޮތުން އާތިފްއާއެކު މަސައްކަތް ކޮށްގެން، ކޮންމެ މީހެއްގެ އަމިއްލަ ހުވަފެންތަކާއި އުންމީދުތައް ތެދަކަށް ހެދުމަށް ދިވެހި ޒުވާނުންނަށް އިތުރު ހިތްވަރެއް ދިނުމީ، އަޅުގަނޑުމެން ދެކެން ބޭނުންވާ ދުވަހެއް،" ނިޔާޒް ވިދާޅުވިއެވެ.

އުރީދޫގެ އައު އެމްބެސެޑަރު އާތިފް ވިދާޅުވީ ބްރޭންޑް އެމްބެސެޑަރަކަށްވެ، އެކުންފުންޏާއެކު މަސައްކަތް ކުރުމަށް ފުރުސަތު ލިބުމުން ވަރަށް އުފާކުރާ ކަމަށާއި ސަބަބަކީ ތަފާތު ކަންތައް ކުރުމުގައި އުރީދޫއަކީ އަބަދުވެސް ވަރަށް ފާހަގަކޮށްލެވޭ ބްރޭންޑެއް ކަމަށެވެ.

"ކިތަންމެ އުނދަގޫހެން ހީވާ ކަމެއްވެސް ޑިސިޕްލިންއާއެކު، އެކަމެއް ކުރާހިތުން ކުރަން ހިތްވަރުކޮށްފިނަމަ، އެކަމެއް ވާނެކަމަށް އަޅުގަނޑު ގަބޫލުކުރަން. އަދި އުރީދޫއާ ގުޅިގެން ދިވެހިންނަށް ކަމުދާފަދަ، ވަރަށް ތަފާތު ޗެލެންޖުތަކާއި ކުރިމަތިލާން ހަމަ ތައްޔާރު،" އުނދަގޫ ޗެލެންޖްތަކާ ކުރިމަތިލުމުގައި މަޝްހޫރުކަން ހޯދާފައިވާ އާތިފް ވިދާޅުވިއެވެ.

އުރީދޫން ބުނީ ރާއްޖޭގެ އަދި ރާއްޖޭން ބޭރުގެ ޕާޓްނަރުންނާއެކު ދިވެހި ރައްޔިތުންގެ މެދުގައި ދުޅަހެޔޮ ސިއްހަތެއް ގާއިމްކުރުމަށް ހިތްވަރުދިނުމަށް އެ ކުންފުނިން މަސައްކަތްތައް ކުރަމުންދާނެ ކަމަށެވެ. ހަމައެއާއެކު އުރީދޫގެ އެއް އަމާޒަކީ ޒުވާނުންގެ މެދުގައި އީޖާދީ އައު ކަންތައްތައް ގިނައިން ކުރުމަށާއި، ޒުވާނުންގެ ހުވަފެންތައް ހަގީގަތަކަށް ހެދުމަށް މަސައްކަތް ކުރުމަށް އިތުރު ހިތްވަރެއް ދިނުން ކަމަށް އެ ކުންފުނިން ބުނެއެވެ.

އާތިފްގެ އިތުރުން އުރީދޫގެ އެމްބެސެޑަރުންގެ ގޮތުގައި ރާއްޖޭގެ ކާމިޔާބު ފުޓްބޯޅަ ކްލަބު، ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާއި ދިވެހިންގެ ލޯބި ހޯދަމުންދާ ހަބޭސް ބޮޑުބެރު ގްރޫޕް ހިމެނެއެވެ. އޭގެ އިތުރުން އާޖެންޓީނާ ފުޓްބޯޅަ ތަރި ލިއޮނެލް މެސީއާއި ޔޫރަޕްގެ އެންމެ ވަރުގަދަ އެއް ކްލަބު ކަމަށްވާ ޕެރިސް ސެއިންޓް ޖާމެއިން (ޕީއެސްޖީ)އަކީ ވެސް ބައިނަލްއަގުވާމީ މައިދާނުގައި އުރީދޫގެ ޕާޓްނަރުންނެވެ.

comment ކޮމެންޓް