ކެތަލޯނިއާގެ ކުރީގެ ރައީސް ޖަރުމަނުގައި ހައްޔަރުކޮށްފި

ކެތަލޯނިއާގެ ކުރީގެ ރައީސް ކާލްސް ޕުޖިޑެމޮން ވަނީ ޖަރުމަނުން ހައްޔަރުކޮށްފައި -- ފޮޓޯ: ގެޓީ

ބާސެލޯނާ (މާޗް 26): ކެތަލޯނިއާގެ ކުރީގެ ރައީސް ކާލްސް ޕުޖިޑެމޮން ޖަރުމަނުގައި ހައްޔަރުކޮށްފި އެވެ.

ކެތަލޯނިއާ އިން މިދިޔަ އޮކްޓޯބަރު މަހު މިނިވަންކަން އިއުލާން ކުރި ފަހުން ބެލްޖިއަމްގައި ދިރިއުޅުއްވަމުންގެންދަވާ ޕުޖިޑެމޮން ހައްޔަރު ކުރީ ފިންލެންޑަށް ވަޑައިގެންނެވުމަށް ފަހު، އެނބުރި ބެލްޖިއަމްއަށް ވަޑައިގެންނެވި މަގުމަތީގަ އެވެ.

ޖަރުމަނުން އޭނާ ހައްޔަރު ކުރީ ޔޫރަޕިއަން އަރެސްޓް ވޮރެންޓެއްގެ ދަށުންނެވެ. އަދި މިއަދު ޕުޖިޑެމޮން ކޯޓަށް ހާޒިރު ކުރާނެ ކަމަށް އެގައުމުން ބުންޏެވެ.

ޕުޖިޑެމޮން އާއި ސްޕެއިން އިން ފިއްލެވި ކެތަލޯނިއާގެ އެހެން ލީޑަރުން ހައްޔަރު ކުރުމަށް ބައިނަލްއަގުވާމީ އަމުރުތައް ނެރުނީ ގައުމަށް ގައްދާރުވުމުގެ ދައުވާގައި އެވެ. އެދައުވާ ސާބިތުވެއްޖެ ނަމަ 30 އަހަރުގެ ޖަލު ހުކުމެއް ކުރުން އެކަށީގެންވެ އެވެ.

ޕުޖިޑެމޮން ހައްޔަރު ކުރުމާ ގުޅިގެން ކެތަލޯނިއާގައި ގިނަ އަދަދެއްގެ މީހުން ވަނީ މުޒާހަރާކޮށްފަ އެވެ. އަދި އެމުޒާހަރާތަކުގައި 89 މީހަކަށް އަނިޔާވެ، ހަތަރު މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ރިޕޯޓުތަކުގައިވެ އެވެ.

ކެތަލޯނިއާ އިން މިނިވަންކަން އިއުލާން ކުރި ނަމަވެސް ސްޕެއިންގެ ސަރުކާރުން ވަނީ އެނިންމުން ބާތިލުކޮށް، ޕުޖިޑެމޮން ރައީސް ކަމުން ދުރުކޮށްފަ އެވެ. އަދި ކެތަލޯނިއާގައި އާ ސަރުކާރެއް އެކުލަވާލުމަށް ޓަކައި މަޖިލިސް އިންތިހާބެއް ބާއްވާފަ އެވެ. އެއިންތިހާބުން ގިނަ ގޮނޑި ކާމިޔާބުކުރީ ކެތަލޯނިއާގެ މިނިވަންކަމަށް ތާއިދުކުރާ މެމްބަރުންނެވެ. (ބީބީސީ)

comment ކޮމެންޓް