ހައިރައިޒުން އިންތިޒާމްކޮށްގެން ބާއްވާ "މޯލްޑިވްސް ލިވިންގް އެކްސްޕޯ 2018" އަށް ޒިޔާރަތްކޮށް އަގުހުރި އިނާމުތަކެއް ހޯދުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
ހައިރައިޒްގެ ޖެނެރަލް މެނޭޖަރު މުހައްމަދު ޝާމިން ވިދާޅުވީ، މިފަހަރުގެ ލިވިންގް އެކްސްޕޯގެ ގިފްޓް ޕާޓްނަރުން ކަމަށްވާ މުނި ހޯމްކެއާ އަދި ލިންޓެލް އިންވެސްޓްމަންޓް އެންޑް މެނޭޖްމަންޓް ސާވިސްގެ ފަރާތުން ވަރަށް އަގުހުރި އިނާމުތަކެއް ހުށައަޅާފައިވާ ކަމަށެވެ.
"ލިވިންގް އެކްސްޕޯއަށް ޒިޔާރަތްކުރާ ކޮންމެ ބޭފުޅަކަށްވެސް ގުރުއަތުގައި ބައިވެރިވެވޭނެ. ގުރުއަތުގެ ނަސީބުވެރިން ހޮވާނީ ލިވިން އެކްސްޕޯގެ ފަހު ރޭގައި ބާއްވާ ގުރުއަތުލުމަކުން. ގުރުއަތުން ހޮވޭ ފަރާތްތަކަށް އަގުހުރި އިނާމުތަކެއް ލިބިގެންދާނެ،" ޝާމިން ވިދާޅުވިއެވެ.
"ލިވިންގް އެކްސްޕޯ 2018" ހުޅުވުމަށްފަހު ހައިރައިޒްގެ ޖެނަރަލް މެނޭޖަރު ސަންއަށް މައުލޫމާތު ދެއްވަނީ - ސަން ފޮޓޯ/ މުހައްމަދު އަފްރާހް
މުނި ހޯމްކެއާ އަދި ލިންޓެލް އިންވެސްޓްމަންޓް އެންޑް މެނޭޖްމަންޓް ސާވިސްގެ ފަރާތުން ހުށަހަޅާފައިވާ އިނާމުތަކުގެ ތެރޭގައި ބެޑްރޫމް ސެޓު، ސޯފާ ސެޓު އަދި ޑައިނިން ޓޭބަލް ފަދަ އަގުހުރި އިނާމުތައް ހިމެނެއެވެ.
މޯލްޑިވްސް ލިވިންގް އެކްސްޕޯ ކުރިއަށް ދާނީ މިއަދުން ފެށިގެން ތިން ދުވަހުގެ މުއްދަތަށް ނޭޝަނަލް އާޓް ގެލަރީގައި މެންދުރު 14:00 އިން ރޭގަނޑު 23:00 އަށެވެ. ހުކުރު ދުވަހު އެކްސްޕޯ ފަށާނީ 16:00 ގައެވެ.
މި އަހަރުގެ ލިވިންގް އެކްސްޕޯގެ މެއިން ސްޕޮންސަރަކީ ސްރީލަންކާގެ މިކްސްޑް ޑިވެލޮޕްމެންޓް ޕްރޮޕަޓީ "ކޮލޮމްބޯ ސިޓީ ސެންޓަރ"އެވެ. ކޯ ސްޕޮންސަރުންނަކީ މާލޭ ރަސްފަންނުގައި ތަރައްގީކުރާ ކޮރަލް ބޮލެވާޑާއި ސްރީލަންކާގައި ތަރައްގީކުރާ ލަގްޒަރީ އެޕާޓްމެންޓް ޕްރޮޕަޓީ "އަލްޓެއާ"އެވެ.
އޮންލައިން މީޑިއާ ޕާޓްނަރަކީ ސަން އޮންލައިނެވެ.