ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި މަހާޒް އަލީ ޒާހިރު ވަކިކުރުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ން ނިންމީ ރަނގަޅަށް ކަމަށް ބުނެ، ޖުޑިޝަރީ ކޮމިޓީން މަޖިލީހުގެ ތަޅުމަށް ފޮނުވި ދެ ރިޕޯޓުގެ ބަހުސަށް، އާންމު ކޮމިޓީން ޖުމްލަ ދެ ގަޑިއިރު ކަނޑައަޅައިފިއެވެ.
ސުލޫކީ މައްސަލައެއްގައި އެ ދެ ފަނޑިޔާރުން ވަކިކުރަން ޖޭއެސްސީން ނިންމީ މި މަހުގެ ހަތަރުވަނަ ދުވަހެވެ. އެ މައްސަލަ މަޖިލީހަށް ހުށަހެޅުމުން، ދިރާސާކޮށް ގޮތެއް ނިންމުމަށް މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއަށް ފޮނުވީ މި މަހުގެ ފަސްވަނަ ދުވަހެވެ.
އެއަށް ފަހު ކޮމިޓީން ވަނީ ޖޭއެސްސީން ފަނޑިޔާރުން ވަކިކުރަން ނިންމީ ރަނގަޅަށް ކަމަށް މިދިޔަ އާދިއްތައިގައި ފާސްކޮށްފައެވެ. އެއީ ދެ ފަނޑިޔާރުން ވެސް ކޮމިޓީގައި ޖަވާބުދާރީވާން އެދިވަޑައިގަތް ނަމަވެސް އެ ފުރުސަތު ނުދީއެވެ.
ޖޭއެސްސީން ފަނޑިޔާރުން ވަކިކުރަން ނިންމީ ގާނޫނާ ޚިލާފަށް ކަމަށް މަޖިލީހުގެ ކައުންސެލް ޖެނެރަލް ފާތިމަތު ފިލްޒާ ވިދާޅުވެފައި އޮއްވައި މިއަދު ބޭއްވި ޖުޑިޝަރީ ކޮމިޓީން ފާސްކުރީ އެ ކަންބޮޑުވުންތަކަށް ރިއާޔަތްނުކޮށް މައްސަލައިގެ ރިޕޯޓު މަޖިލީހުގެ ތަޅުމަށް ފޮނުވާށެވެ. އެއީ ޖޭއެސްސީން މައްސަލަ ބެލީ އިޖުރާއަތްތަކާ އެއްގޮތަށް ކަމަށް ބުނެއެވެ.
އާންމު ކޮމިޓީގެ ބައްދަލުވުމެއް މިރޭ ބޭއްވީ، މި މައްސަލައިގެ ބަހުސްގެ ވަގުތު ކަނޑައެޅުމަށެވެ.
މަޖިލީހުގެ އިދާރާއިން އާންމު ކޮމިޓީއަށް ފޮނުވާފައިވާ ސިޓީގައިވަނީ ފަނޑިޔާރުން ވަކިކުރުމާމެދު ޖުޑިޝަރީ ކޮމިޓީން މަޖިލީހުގެ ތަޅުމަށް ފޮނުވި ރިޕޯޓަށް ގިނަވަގެން ބަހުސް ކުރެވޭނީ ދެ ގަޑިއިރަށް ކަމަށެވެ.
ކޮމިޓީގައި ކަނޑިތީމު ދާއިރާގެ އެމްޑީޕީ މެންބަރު އަމީން ފައިސަލް އެދިވަޑައިގަތީ ކޮންމެ ފަނޑިޔާރަކާގުޅޭ ރިޕޯޓެއްގެ ބަހުސަށް ދެ ގަޑިއިރު ކަނޑައެޅުމަށެވެ. އެއީ މި މައްސަލައަކީ ވަކިން ޚާއްސަކޮށް އިދިކޮޅު އެމްޑީޕީގެ ކަންބޮޑުވުން އޮތް މައްސަލައަކަށްވުމުން، ބަހުސަށް ގިނަ ވަގުތު ބޭނުންވާތީ ކަމަށް އޭނާ ވިދާޅުވިއެވެ.
ހޮޅުދޫ ދާއިރާގެ ޕީއެންސީ މެންބަރު އަބްދުއްސައްތާރު ހުށަހެޅުއްވީ ދެ ފަނޑިޔާރުން ވަކިކުރުމާގުޅޭ ގޮތުން ވަކިވަކިން ތައްޔާރުކޮށްފައިވާ ދެ ރިޕޯޓުންކުރެ ކޮންމެ ރިޕޯޓަކަށް ވެސް އެެއް ގަޑިއިރަށް ބަހުސް ކުރިޔަށް ގެންދިއުމަށެވެ. އެއީ ދެ ފަނޑިޔާރުންގެ މައްސަލައިގައި ޖުމްލަ ދެ ގަޑިއިރަށް ބަހުސްކުރާ ގޮތަށެވެ.
އެ ހުށަހެޅުމަށް އިސްދޫ ދާއިރާގެ މެންބަރު އިސްމާއީލް ޝަފީއުވަނީ ތާއީދު ކުރައްވައިފައެވެ.
މި ހުށަހެޅުމަށް ފެންނަ ކަމަށް ވޯޓު ދެއްވީ އަށް މެންބަރުންނެވެ. ނުފެންނަ ކަމަށް ވޯޓު ދެއްވީ އަމީން ފައިސަލް އެކަންޏެވެ.
ކޮމިޓީން ނިންމި ގޮތުގެ ރިޕޯޓު އިއްވުން މާދަމާގެ މަޖިލީހުގެ ޖަލްސާއަށް ވަނީ އެޖެންޑާ ވެސް ކޮށްފައެވެ. މަޖިލީހުގެ ސުޕަމެޖޯރިޓީ އޮތީ ވެރިކަން ކުރާ ޕީއެންސީއަށް ކަމަށްވާއިރު ސުޕްރީމް ކޯޓުގެ ފަނޑިޔާރުން، ތިންބައިކުޅަ ދެބައިގެ ވޯޓުން ފާސްކުރެވޭނެއެވެ.